Last Updated: June 30, 04:35
Monday, June 29, 2026
ސިޔާސީ

ޖޭޕީގެ ދާއިރާތަކަށް ޕީޕީއެމާއި އޭޕީ ނިކުންނަނީ

ސަރުކާރު ހިންގަމުން އަންނަ ކޯލިޝަނުގެ އެއްބަސްވެ ޖުމްހުރީ ޕާޓީ (ޖޭޕީ) އަށް ދިން މީދޫ އަދި ހިތަދޫ ދެކުނު ދާއިރާ އަށް ޕީޕީއެމް އާއި އަދާލަތު ޕާޓީ (އޭޕީ) އިން ކެންޑިޑޭޓުން ނެރެފި އެވެ.

ހިތަދޫ ދެކުނު ދާއިރާ ޖޭޕީ އަށް ދިނުމާއި ގުޅިގެން އެދާއިރާއަށް މިހާރުވެސް ދެކުނު ދާއިރާ ތަމްސީލު ކުރައްވަމުން އަންނަ ހަސަން ލަޠީފް ކެމްޕެއިން ފައްޓަވާފައި ވަނިކޮށް ހިތަދޫ ކައްބާބުގެ، ޑރ. އަލީ ޝަރީފް ވަނީ ވާދަ ކުރައްވާނެކަން އިއުލާންކޮށް ކެމްޕެއިން ފައްޓަވާފައެވެ.

ޑރ.އަލީ ޝަރީފްގެ ކެމްޕެއިން މައި އޮފީހަކީ ދެކުނު ދާއިރާގެ ޕީޕީއެމް އަންހެނުންގެ ޖަގަހަ އެވެ.

ޑރ. އަލީ ޝަރީފް އާއި ހަސަން ލަޠީފް ވާދަ ކުރައްވާ އިރު އެމްޑީޕީގެ ފަރާތުން ދެކުނު ދާއިރާގެ ޕްރައިމަރީ ކާމިޔާބްކޮށްފައި ވަނީ އެމްޓޭޝަންގޭ، އަލީ ނިޒާރު އެވެ.

ގިނަ ސިޔާސީ ފަރާތްތަކުން ބުނާ ގޮތުން މި ގޮޑި އެމްޑީޕީ އަށް ކާމިޔާބް ކުރަން ވަރަށް ފަސޭހަ ވާނެ އެވެ. އެއީ އެ ދާއިރާގެ ގިނަ ވޯޓުތަކެއް ޑރ. އަލީ ޝަރީފް އާއި ހަސަން ލަޠީފްއަށް ބެހިގެންދާ އިރު ދެކުނު ދައިރާއަކީ އެމްޑީޕީގެ ގިނަ މެމްބަރުން ތިބި ދާއިރާއަކަށް ވެފައި ޕާޓީ ރޫހްގައި ނިޒާރު ގިނަ ވޯޓު ހޯއްދަވާނެތީ އެވެ.

މީދޫ ދާއިރާއަށް ޖޭޕީގެ ފަރާތުން މީދޫގެ ބޮޑު ކަތީބްކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި އައްޝައިޙް އަބްދުﷲ ހާނީ ޓިކެޓް ދީފައި ވަނިކޮށް އަދާލަތު ޕާޓީން ވަނީ އެ ދާއިރާ އަށް ކެންޑިޑޭޓަކު ނެރޭނެ ކަމަށް އިއްލާންކޮށްފަ އެވެ.

އަދާލަތުގެ ފަރާތުން މީދޫ، ރިވެލި، ހިޝާމް އަހުމަދު ވާދަ ކުރުމަށް ކެމްޕެއިން ކުރަމުން އަންނަ އިރު އެމްޑީޕީގެ ފަރާތުން މީދޫ/މަރަދޫފޭދޫ ދާއިރާ އަށް ވާދަ ކުރައްވަނީ މިހާރު ތުލުސްދޫ ދާއިރާ ތަމްސީލު ކުރައްވާ ރޮޒެއިނާ އާދަމެވެ.

ހިޝާމް އާއި ހާނީގެ ވާދަވެރިކަމުގެ ފައިދާ ރޮޒެއިނާއަށް ކުރާނެކަމަށް ސިޔާސީ ފަރާތްތަކުން ބުނަމުންދާއިރު މަރަދޫ ފޭދޫ ދާއިރާއިން ޕީޕީއެމްގެ މެމްބަރަކަށް ދާދި ފަހުން ސޮއި ކުރެއްވި މަރަދޫފޭދޫ ކުރީގެ ކަތީބް އަލީ ނިޒާރު ވެސް ކުރިމަތިލައްވާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

އެހެންވެއްޖެ ނަމަ ޖޭޕީގެ މީދޫ ކެންޑިޑޭޓް އާއި ޕީޕީއެމް އަދި އަދާލަތުގެ ކެންޑިޑެޓް ވާދަ ކުރާނެ އެވެ. އަދި މި ދާއިރާގެ އެމްޑީޕީގެ މެމްބަރުންގެ ވޯޓާ އެކު ރޮޒެއިނާ ގޮނޑި ކާމިޔާބް ކުރުމުގެ ފުރުސަތު ބޮޑެވެ.

ނިމިގެން ދިޔަ ކައުންސިލް އިންތިހާބްގައި ވެސް ޖެޕީން ޓިކެޓް ދީގެން ކެންޑިޑޭޓަކު ހިތަދޫ މެދު ދާއިރާއަށް ނިކުމެފައި ވަނިކޮށް ޕީޕީއެމްއިން ވަނީ ކެންޑިޑޭޓަކު ނިކުމެ ވާދަކޮށް ގޮޑި ކޯލީޝަނަށް ގެއްލުވާލާފަ އެވެ.

ޖޭޕީން ވާދަ ކުރާ ދާއިރާތަކަށް އަދާލަތު އާއި ޕީޕީއެމުން ކެންޑިޑޭޓުން ނެރޭ މައްސަލާގައި ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.