ހއ. ހޯރަފުއްޓަށް 2012 ވަނަ އަހަރު އޮކްޓޯބަރު ފަހުކޮޅު ބޯކޮށް ވާރޭ ވެހި ފެން ބޮޑުވެ، އެތައް ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ވުމާ ގުޅިގެން، އެ ރަށަށް އެހީވުމަށް ފޭދޫގައި ބެހެއްޓި ފަންޑް ފޮށި އަދިވެސް ބަންދު ކުރި ގޮތަށް ފޭދޫ އަވަށު އޮފީހުގެ ކަބަޑެއްގެ މަތީ ހުރިކަން އެނގިއްޖެ އެވެ.
"އައްޑޫ ލައިވް" އަށް އެނގިފައިވާ ގޮތުގައި އައްޑޫ ސިޓީ ކައުންސިލްގެ 32 ވަނަ ބައްދަލުވުމުގައި ހޯރަފުއްޓަށް އެހީވުމަށް ނިންމައި ބެހެއްޓި ފަންޑު ފޮށީގައި ކޮންމެވެސް ވަރަކަށް މީހުން ހަދިޔާ ކުރި ފައިސާ ވެސް އެބަ ހުއްޓެވެ.
ފޭދޫ އަވަށު އޮފީހުން ވާހަކަ ދެއްކި މުވައްޒަފަކު ބުނީ އެ ފައިސާ އެ ފޮށި އެގޮތަށް ހުންނާތީ، ތަފާތު ފަހަރު މަތިން އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކާފައިވާ ކަމަށެވެ.
"މީގެ މައްސަލައަކީ މީ ބަޔަކަށް އެހީވުމަށް ފޮށި ބަހައްޓައިގެން ހޯދި ފައިސާ. މި ހަދިޔާ ކުރި މީހުން ހަދިޔާ ކުރީ ހޯރަފުށިގެ ހާލުގަ ޖެހުނު މީހުންނަށް، ފައިސާ މިތާ ކަބަޑް މަތީ ބެހެއްޓުކަމަށް ނޫން." އޭނާ ބުންޏެވެ.
މިކަމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލްގެ ބަހެއް ވަނީ ލިބޭ ގޮތެއް ނުވެފަ އެވެ.
ހޯރަފުއްޓަށް އެހީވުމާ ގުޅޭ ގޮތުން ކައުންސިލުން ނިންމާފައި ވަނީ ފަންޑުފޮށި އަވަށު އޮފީސްތަކާއި މިސްކިތްތަކުގެ އިތުރުން ބައެއް ފިހާރަތަކުގައި ބެހެއްޓުމަށެވެ.
ނަމަވެސް ފަންޑް ފޮށި ބަހައްޓާފައި ވަނީ ހަމައެކަނި އަވަށު އޮފީސްތަކުގައި އެކަންޏެވެ.