Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

އެމްޓީސީސީން ބޭރުގެ ޕްރޮޖެކްޓްތައް ހިންގާނެ: އާޒިމް

ކުރިއަށް އޮތް ހައެއްކަ އަހަރުގެ ތެރޭގައި އެމްޓީސީސީން ރާއްޖޭން ބޭރުގެ ޕްރޮޖެކްޓަތަކުގެ މަސައްކަތް ވެސް ކުރާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އައްޑޫ ދަތުރުގެ ތެރެއިން އިއްޔެ މީދޫ ބަނދަރު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އާޒިމް ވިދާޅުވީ އެމްޓީސީސީ އަންނަނީ ވަރަށް ބާރަށް ކުރިއަރަމުން ކަމަށާއި އަދި މި ސަރުކާރުން އައި ފަހުން އެ ކުންފުނީގެ މަސައްކަތްތައް އިތުރަށް ފުޅާވެ، ހިންގޭ މަޝްރޫއުތައް އިތުރުވެ، ކުންފުނީގެ ގާބިލުކަން ބޮޑުވަމުން އަންނަ ކަމަށެވެ.

އާޒިމް ވިދާޅުވި ގޮތުގައި ރައީސްގެ މި ދައުރުގެ ތެރޭގައ އެކަނި ވެސް އެމްޓީސީސީގެ ތާރީހިގައި ނުހިންގާހާ ގިނަ ޕްރޮޖެކްޓްތައް ހިންގިގެން ދާނެ ކަމަށެވެ. އަދި މިފަދަ މަސައްކަތްތަކާ އެކު ކުންފުނީގެ މިސްރާބު މިހާރު ރާއްޖޭން ބޭރުގެ ޕްރޮޖެކްޓްތައް ހިންގުމަށް އަމާޒު ހިފާފައިވާ ކަމަށް ވިދާޅުވި އެވެ.

"އެހެންވީމަ ކުރިއަށް އޮތް ފަހެއް ނުވަތަ ހައެއްކަ އަހަރުގެ ތެރޭގައި އެމްޓީސީސީން ބޭރު ޤައުމުތަކުގައި މަސައްކަތްކުރާނެ" އާޒިމް ވިދާޅުވި އެވެ.

އެމްޓީސީސީން މި ވަގުތު ޖުމްލަ 103 މަޝްރޫއެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި 93 މަޝްރޫއެއްގެ މަސައްކަތް ވަނީ ނިންމައިފަ އެވެ.

އާޒިމް ވިދާޅުވި މި ތިން އަހަރުތެރޭ ނިންމި މަޝްރޫއުތަކުގެ އަގު 3.5 ބިލިއަން ރުފިޔާ އަށް އަރާ ކަމަށާއި މި ވަގުތު ސަރުކާރުގެ ހަ ބިލިއަން ރުފިޔާގެ މަޝްރޫއު ކުރިއަށްދާ ކަމަށެވެ.

އެމްޓީސީސީން މިހާރު އަންނަނީ އެ ކުންފުނީގައި ބިން ހިއްކަން ބޭނުންކުރާ "މަހާޖައްރާފު" އަށް ވުރެ ބޮޑު ޑްރެޖަރަކާއި އިތުރު ޑްރެޖަރެއް ގެނައުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.