އައްޑޫ ތަރައްގީ ނުވެ މުޅި ރާއްޖެ ވެސް ތަރައްގީ ނުވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަކުރާރުކޮށް ވިދާޅުވާތީ އެެއީ ޖޯކެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ސިފަކުރައްވައި އެވެ.
އައްޑު އަށް ރައީސް ކުރެއްވި ދަތުރު ނިންމަވާލެއްވި އިރު، އެ ދަތުރުގެ ތެރޭގައި ދެއްކެވި ބައެއް ވާހަކަތަކުގައި ވެސް އައްޑޫގެ ތަރައްގީ މުޅި ރާއްޖޭގެ ތަރައްގީއާ ގުޅުވައިގެން ރައީސް ވާހަކަ ދައްކަވާފައިވާތި އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ވާހަކަ ސިފަކުރެވެނީ އައްޑޫ ނެތިއްޔާ ދުނިޔެ ވެސް ނޯންނާނެ ކަމަށް ވިދާޅުވެ ޖައްސަވާ ޖޯކެއްގެ ގޮތުގައި ކަމަށެވެ.
"ރިޔާސީ އިންތިހާބަށް ކައިރިވީމަ ރަށްތަކަށް އަރައި މިކަހަލަ ވާހަކަތައް ދައްކާލެރ ގިނަވާނެ. ވައުދު ފުއްދުނު ކަމަށް ވާނީ ފަސް އަހަރުތެރޭގައ ކަމެއް ފަށައި ނިންމީމަ،" ސެމްބެ ވިދާޅުވ އެވެ. "އައްޑޫ ނެތިއްޖެއްޔާ ދުނިޔެ ވެސް ނޯންނާނެ ކަމަށް ބުނެ ޖޯކް ޖެހުން ހުއްޓާލާ."
Riyaasee inthihaabah kairiveema Rahthakah araa mikahala vaahaka thah dhakkaaleh ginavaane. Vaudhu fuhdhunu kamah vanee 5yr therey ekameh fashaa nimmeema. Addu nethijjeyya dhuniyeves noannaane bune joke jehun huttaala. https://t.co/RDKRX2bJ5Q
— Hussain Mohamed Latheef (@HucenSembe) March 28, 2022
ރައީސް އައްޑު އަށް ކުރެއްވި ދަތުރުގެ ތެރެއިން އާދިއްތަ ދުވަހުގެ ރޭ ރައްޔިތުންނަށް އައްޑޫ ސިޓީ ސްކެއާގައި ދެއްވި މާހެފުމުގައި ދެއްކެވި ވާހަކަގައި ވެސް އައްޑޫ ތަރައްގީކުރުމުގެ ވާހަކަ ވަރަށް ބޮޑަށް ދެއްކެވި އެވެ. އެގޮތުން އައްޑު އަކީ ސަރުކާރުން އަބަދު ވެސް ވަރަށް އިސްކަކަމެއްދޭ ތަނެއް ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން، ހަމަގައިމު ވެސް އަޅުގަނޑު އަބަދުވެސް ބުނާ ވާހަކައެއް އައްޑޫ ސިޓީ ތަރައްގީ ނުވެ، ރާއްޖެ ތަރައްޤީއެއް ނުވާނެއޭ. މިއީ ހަގީގަތެއް. މި ހަގީގަތުގެ މައްޗަށް ބުރަވެ މި ސަރުކާރުން މި ރާއްޖެ ތަރައްގީކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށް މި ގެންދަނީ. ރާއްޖެ ތަރައްޤީ ކުރުމުގައި، މި ވޭތުވެދިޔަ ތަނުގައި މި ސިޓީގެ ވަރަށް ގިނަ ބައެއްގެ ހިއްސާ އާއި އެހީތެރިކަން ލިބިފައި އެބައޮތް،" ރައީސް ވިދާޅުވި އެވެ. "އެއީ، ތައުލީމީ ދާއިރާ ކަމަށްވިޔަސް، ސިއްހީ ދާއިރާ ކަމަށް ވިޔަސް، ވިޔަފާރީގެ ދާއިރާ ކަމަށް ވިޔަސް، ކޮންސްޓްރަކްޝަންގެ ދާއިރާ ކަމަށް ވިޔަސް، އެންމެ އިސް ސަފުގައި މި ރާއްޖެ ތަރައްގީކުރުމުގައި ތިއްބެވި އެއް ބަޔަކީ، އައްޑު އަށް ނިސްބަތްވާ މި ސިޓީގެ ލޮބުވެތި ދަރިން. އެހެންކަމުން، އަޅުގަނޑުމެން ރާއްޖެ ތަރައްގީކުރާ އިރުގައި، ކުރިންވެސް ދެންނެވި ފަދައިން، މި ސިޓީ އެބަ ޖެހޭ ތަރައްގީވާން."
ރައީސް ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ ރިޔާސީ ކެމްޕޭންގެ އެންމެ ފަހު ޖަލްސާ ވެސް އައްޑޫގައި ބޭއްވި އައްޑު އަށް ދެވޭ ސަމާލުކަމެއްގެ ސަބަބުންނެވެ.

"ރިޔާސީ އިންތިޚާބުގެ އެންމެފަހު ޖަލްސާ، އަޅުގަނޑުގެ ކެމްޕެއިންގެ އެންމެ ފަހު ޖަލްސާ ބޭއްވީ މި ރަށުގައި. އެރޭގެ ބައްދަލުވުމަށް އަޅުގަނޑު އައުމާ އެކީގައި، މި ސިޓީގެ ކައުންސިލްގެ ފަރާތުން އަޅުގަނޑަށް ދެއްވީ އައްޑޫ ސިޓީގެ ވަޢުދުނާމާ. މި ސިޓީ ތަރައްގީ ކުރާނެގޮތް، އެބޭފުޅުން މި ސިޓީގެ ރައްޔިތުންނާ އެކީގައި މަޝްވަރާކޮށް ތައްޔާރުކޮށްފައި އޮތް ފޮތެއް،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑު އެރޭ ވެސް ދެންނެވިން، އަޅުގަނޑުމެން ވެރިކަމަށް އިރާދަކުރެއްވިއްޔާ އާދެވިއްޖިއްޔާ، ރާއްޖެ ތަރައްގީ ކުރަމުންދާ އިރުގައި، މި ސިޓީ އަޅުގަނޑުމެން ތަރައްގީ ކުރަމުން ގެންދާނީ، ތިޔަ ބޭފުޅުން އަޅުގަނޑުމެންނަށް ތިޔަ ދެއްވި ވައުދުނާމާއާ އެއްގޮތަށޭ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ، ތިޔަ ބޭފުޅުން އެ އެކުލަވައިލި ވައުދުނާމާ ތަންފީޒު ކުރުމަށް."