Last Updated: June 13, 18:07
Saturday, June 13, 2026
ޚަބަރު

ލ. ހޮސްޕިޓަލް ހަލާކުކޮށްލީ ނާގާބިިލު ބޯޑަކުން: ސިރާޖު

މޫސާ ސިރާޖު - ފޮޓޯ: މަޖިލިސް

ލ. ގަމު ހޮސްޕިޓަލު ހިންގުމަށް ގާބިލު ނޫން ބަޔަކު ބޯޑަށްލުމުން ހޮސްޕިޓަލުގެ ހާލަތު އިތުރަށް ގޯސްވެފައިވާކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ.

ލ. ގަމު ހޮސްޕިޓަލުގެ ފެންވަރު ދަށްވެފައިވާތީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދެވެ. އެ މައްސަލައަށް ވާހަކަ ދައްކަވަމުން މެމްބަރު މޫސާ ސިރާޖު ވިދާޅުވީ، މި މައްސަލައަށް އެމްޑީޕީގެ މެމްބަރުން "ރަތަށް" ފިތުމަކީ ލަދުވެތިކަމެއް ކަމަށެވެ.

ލ. ގަމުގެ ހޮސްޕިޓަލުގެ ފެންވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަން ފާހަގަކޮށް ސިރާޖު ވިދާޅުވީ އެކްސްރޭ އެއް ނުނެގޭތާ ތިން މަސް ވެފައިވާކަމަށާއި، ދަތުގެ ފަރުވާ ނުލިބޭތާ އަހަރަަކަށްވުރެއް ގިނަ ދުވަސް ވެފައިވާކަމަށާއި، ސްކޭން ޑޮކްޓަރެއް ނެތްތާ ހަ މަސް ވެފައިވާކަމަށާއި އަދި މިގޮތަށް ކިޔާނަމަ އެތައް ކަމެއް އެބަހުރި ކަމަށެވެ. މިކަންކަން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް އެތައް ފަހަރަކުވެސް ގެނެސްފައިވާކަމަށް ސިރާޖު ވިދާޅުވިއެވެ.

"އެ މައްސަލަ މި މަޖިލީހަށް ހުށަހެޅީމާ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން، މިމައްސަލައިގަ ރަތަށް ފިތުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން." ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ ލ. ގަމު ހޮސްޕިޓަލަށް ގެނެވުނު ބަދަލަކީ ގާތް ރައްޓެހިންނަށް ވަޒީފާ ދިނުން ކަމަށާއި، އަދި ހޮސްޕިޓަލު ނުހިންގޭ ފަދަ ގާބިލުނޫން ބަޔަކު ބޯޑަށް ލާފައިވާކަމެވެ. އަދި އެކަމުގެ ސަބަބުން މުޅި ހޮސްޕިޓަލު ހަލާތު ވެފައިވާކަމަށެވެ.

"ހޮސްޕިޓަލު ހަލާކުވެގެން ދިޔައީ މިދެންނެވި ގޮތަށް އެއްވެސް ގޮތަކަށް ހިންގުންތެރިކަން ނެތް ފަރާތްތައް ނަގައިގެން ބޯޑެއް އެކުލަވާލުން."

މީގެ ކުރިން ގަމު ހޮސްޕިޓަލަށް ދުވާލަކު އެވްރެޖުކޮށް 400 އެއްހާ މީހުން ޑޮކްޓަރަށް ދައްކަމުން ދިޔަކަން ފާހަގަކޮށް މޫސާ ސިރާޖު ވިދާޅުވީ މިހާރު ފެންވަރު ދައްވުމުން ދުވާލެއްގެ މައްޗަށް 100 މީހުންވެސް ހޮސްޕިޓަލަށް ދައްކަމުން ނުދާކަމަށެވެ.