Last Updated: March 28, 14:17
Thursday, March 28, 2024
ރިޕޯޓް

ދެން އޮތީ ބިން ހިއްކަން ފެށުމަށް އިންތިޒާރުކުރުން

އައްޑޫ ބިން ހިއްކުމުގެ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް ވެސް ބަޔަކާ ކުރެވުނީ އެވެ. އެހެންވެ ދެން އޮތީ މިކަން ފެށޭނެ އިރަކަށް އިންތިޒާރުކުރުމެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މި ހަފުތާގައި އައްޑު އަށް ކުރެއްވި ދަތުރުގެ ތެރެއިން އައްޑޫ ބިން ހިއްކުން ހަވާލުކުރީ ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށް ވެން އޫޑްއާ އެވެ.

ރައީސް ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ އެވެ.

"ބިން ހިއްކުން އެއީ އައްޑޫ ސިޓީގެ ވަޢުދުނާމާގައި އޮތް ކަމެއް. އެ ވަޢުދުނާމާ ތަންފީޒުކުރަމުންދާ އިރު، އެކަން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރާނަން. އޭގެ ޢަމަލީ މަސައްކަތް ކުރުމަށްޓަކައި ބަޔަކާ ހަވާލުކުރެވިފައި. އަޅުގަނޑަށް އެނގޭ، އޭގައި ތިމާވެށްޓާ ބެހޭ މައްސަލަތަކެއް، ކަންބޮޑުވުންތަކެއް ހުރިކަން ބައެއް ފަރާތްތަކުގެ،" ރައީސް ވިދާޅުވި އެވެ. "ތަރައްގީގެ ކޮންމެ މަޝްރޫއެއްގައި، ތިމާވެށްޓާ ގުޅުން ހުރި މިފަދަ މައްސަލަތަކެއް ހުރޭ. އެހެންވެ އީއައިއޭއެއް މި ހަދަނީ. އެއަށް ފަހު ތިމާވެށްޓަށް ކުރާނެ އަސަރުތައް ދެނެގަނެ، އެކަން ހައްލުކޮށް، އެއަށް އެންމެ ކުޑަވާނެ ގޮތަކަށް ބަލައިގެން، އެފަދަ މަޝްރޫޢުތައް އަޅުގަނޑުމެން ކުރިއަށް މި ގެންދަނީ."

ރައީސް ވިދާޅުވީ އީއައިއޭ އީޕީއޭ އަށް ހުށަހަޅައި، އެ ފައިނަލްކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރެވެމުންނެވެ.

"'އެހެންވީމަ] ލަސްތަކެއްނުވެ އެ އެޕްރޫވަލް އަޅުގަނޑުމެންނަށް ލިބިގެން ދާނެ. އެއާއެކީ އަމަލީ މަސައްކަތް އަޅުގަނޑުމެން ފަށައިގެން ކުރިއަށް ގެންދާނީ، މި ޓިގޭޝަން މެޝާސްތައް އޭގައި ހުރި ގޮތަށް އަޅައިގެން. އިރާދަކުރެއްވިއްޔާ، އައްޑޫގެ ބިން ހިއްކުމަށް އަޅުގަނޑުމެން ވެފައި އެ އޮތް ވަޢުދު އެގޮތަށް ނިމިގެންދާނެ."

ބިން ހިއްކުމުގެ މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ. އައްޑޫގެ ބިން ހިއްކުމުގެ މި ޕްރޮޖެކްޓަކީ ރާއްޖޭގައި ބިން ހިއްކަން ހިންގޭ އެންމެ ބޮޑު އެއް މަޝްރޫއެވެ. ޖުމްލަ 194.3 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވާ އިރު މި މަޝްރޫއަށް 70 މިލިއަން ޑޮލަރު (1.3 ބިލިއަން ޑޮލަރު) ހަރުދުވާނެ އެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން. ފޮޓޯ/ އައްޑޫ ލައިވް

މިއީ އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ހިންގާ މަޝްރޫއެކެވެ.

ބިން ހިއްކުމުގެ މަޝްރޫއާ ގުޅޭ ބައެއް ކަންކަން:

* ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކުން
* ހުޅުމީދޫން 32.3 ހެކްޓަރުގެ ބިން ހިއްކުން
* މަރަދޫ/މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކުން
* ޓޫރިޒަމަށް ހާއްސަކޮށްގެން ފަޅުތެރެއިން ހިއްކައިގެން އުފައްދާ 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ބިން ހިއްކުން
* ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ދެ ރަށް ހިއްކުން
* ހިއްކާ ބިން ހިމާޔަތްކުރުމުގެ މަސައްކަތްކުރެވޭނެ
* ހިތަދޫން ހިއްކާ ބިން ހިމާޔަތްކުރަން 4،700 މީޓަރުގެ ބޮޑުހިލަ ޖަހާނެ
* މަރަދު އާއި މަރަދޫފޭދޫން ހިއްކާ ބިން ހިމާޔަތްކުރަން 3،400 މީޓަރުގެ ބޮޑުހިލަ ޖަހާނެ
* ޓޫރިޒަމަށް ހިއްކާ ރަށްތަކުގެ ބިންތައް ހިމާޔަތްކުރަން 4،140 މީޓަރުގެ ޖިއޯޓިއުބް ރިވެޓްމަންޓް ޖަހާނެ
* ހުޅުމީދޫން ހިއްކާ ބިން ހިމާޔަތްކުރަން 445 މީޓަރުގެ ބޮޑުހިލަ އާއި 32 މީޓަރުގެ ޖިއޯބޭގް ވެސް ޖަހާނެ
* ހިއްކާ ފަސް ހެކްޓަރުގެ ދެ ރަށުގެ ބިން ހިމާޔަތްކުރަން 2004 މީޓަރުގެ ޖިއޯ ޓިއުބް ރިވެމްޓްމަންޓް ޓިއުބް ޖަހާނެ

މި މަޝްރޫއުގެ ތެރެއިން ހުޅުދު އާއި މީދޫން ހިއްކާ ބިމާއި ޓޫރިޒަމަށް ހާއްސަކުރާ ފަސް ހެކްޓަރުގެ ދެ ރަށް ހިއްކާނީ އެމްޓީސީސީއާ ހަވާލުކޮށްގެން ސަރުކާރުގެ ބަޖެޓުންނެވެ.

އައްޑޫ ބިން ހިއްކުން ސަރުކާރުން ބަޔަކާ ހަވާލުކޮށްފައި މި ވަނީ މި މަޝްރޫއުގެ ސަބަބުން އައްޑޫގެ ގުދުރަތީ ވެއްޓަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތަލެއް ވެދާނެ ކަމަށް ބައެއް ޖަމިއްޔާތަކާއި އެ ނޫން ވެސް ބައެއް ފަރާތްތަކުން އެކަން ހުއްޓައިލަން ގޮވާލާފައި ވަނިކޮށެވެ. އަދި މިކަން ހުއްޓިވަން އަމިއްލަ މީހަކު އޮތީ ކޯޓަށް ވެސް ހުށަހަޅައިފަ އެވެ.

އައްޑޫ ބިން ހިއްކުމާ ގުޅޭ ގޮތުން ވޯޓަ ސޮލިއުޝަނާ ހަވާލުކޮށްގެން ހެދި އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓްގައި ވެއްޓަށްކޮށްފާނެ ވަރަށް ގިނަ ކަންކަން ފާހަގޮށްފައިވެ އެވެ. އަދި އެންވަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ރިޕޯޓް ދިރާސާކުރަމުން އަންނަ އިރު މަޝްރޫއު ހިންގަން ހުއްދަދޭނީ ގެއްލުންތައް ވެސް ވީހާ ވެސް ކުޑަވާނެ ގޮތަކަށްކަން އެތަނުން ވެސް ފާހަގަކޮށްފައިވެ އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ އާއި ޕްލޭނިން މިނިސްޓަރު ވެސް ވިދާޅުވެފައި ވަނީ ހަމަ އެހެންނެނެވެ. އޭގެ މާނަ އަކީ އައްޑޫ ބިން ހިއްކުމަކީ ސަރުކާރުން ކޮންމެހެން ވެސް ކިރަން ބޭނުންވާ ކަމެއްކަމެވެ. ޝައުނާ ވިދާޅުވީ އައްޑޫގެ ތަރައްގީ އަށް އެއްގޮތަކަށް ވެސް ހުރަސް ނާޅާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މަސައްކަތްކުރާނީ ބިން ހިއްކުމުން ދިމާވެދާނެ މައްސަލަތަކަށް ހައްލު ހޯދޭނެ ގޮތް ތަކާއި، މޫސުމަށް އަންނަ ބަދަލުތަކަށް ވެސް ރިއާޔަތްކޮށްގެންނެވެ. އެގޮތުން އައްޑޫގެ ރީތިކަމާއި، ވެއްޓާއި މާހައުލީ ނިޒާމު އެންމެ ފުރިހަމަ ގޮތުގައި ރައްކާކުރެވޭނެ ގޮތްތަކާ މެދު ވިސްނުމަށް ފަހު އެގޮތަކަށް ބިން ހިއްކޭނެ ކަމަށް ޝައުނާ ވިދާޅުވި އެވެ. އަދި އެފަދަ ކަންކަމަށް ނުވިސްނައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުން ރަށްތަކަށް ވަމުން އަންނަ ގޮތް ފެންނަ ކަމަށް ވެސް ވިދާޅުވި އެވެ.

"އެހެންވީމަ އައްޑޫގެ ބިން ހިއްކާނީ ވީހާ ވެސް ގެއްލުން ކުޑަވާނެ ގޮތަކަށް." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަސްލަމް ވެސް ވިދާޅުވީ ބިން ހިއްކުން އެއްކޮށް ހުއްޓާލަން ޖެހޭ ވަރުގެ ކަންބޮޑުވުންތަކެއް އީއައިއޭގައި ނެތް ކަމަށެވެ.

"[އެކަމަކު] އީޕީއޭއިން މި މަޝްރޫއުގައި ބޮޑެތި ރިޒަވޭޝަންތަކެއް އެބަހުރި. އަޅުގަނޑު ދެކެނީ އެހެންނަމަވެސް މި ހިސާބަށް އައިމަ އެ މަސައްކަތް ކުރިއަށް ގެންދަން ޖެހޭނެ. އެއްވެސް ރިކްލެމޭޝަން މަސައްކަތަކީ ލޯ އިމްޕެކްޓް މަސައްކަތެއް ނޫން." އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އައްޑޫ ކައުންސިލާއި ރައްޔިތުންނާއި މަޝްވަރާކޮށް ނިމިފައި އޮތް މަސައްކަތެއް އީއައިއޭގެ ތެރެއިން ހުއްޓުވާލެވޭނެ ކަމަށް ގަބޫލެއް ވެސް ނުކުރައްވާ ކަމަށެވެ. އަދި އެ މަސައްކަތުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ އަސަރު ކުޑަކުރުމަށް ކުރެވޭނެ ހުރިހާ ކަމެއް ލާޒިމުކުރުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށް ވިދާޅު އެވެ.

އައްޑު އަށް ބިން ހިއްކުން މުހިއްމު ވަނީ ބިމުގެ ދަތިކަން މިހާރު ބޮޑުކަމުންނެވެ. އެގޮތުން ބޯހިޔާވަހިކަމާއި އިގުތިސާދީ އެކިއެކި މަސައްކަތްތަކަށް ވެސް ބިން ބޭނުންވެ އެވެ. އަދި މިކަމަކީ ރައްޔިތުން އެދިއެދި ތިބި ކަމެކެވެ. އައްޑޫ ސިޓީ ކައުންސިލުން ވެސް ދެކެނީ ބިން ހިއްކުން ވަރަށް މުހިއްމު ކަމެއްގެ ގޮތުގަ އެވެ.

މޭޔަރު އަލީ ނިޒާރު ވިދާޅުވީ ބިން ހިއްކުމުގެ މަޝްރޫއުގެ ސަބަބުން އައްޑު އަށް ދިމާވެފައި އޮތް ބިމުގެ ދަތިކަން ކުރިއަށް އޮތް ބައި ގަރުނަށް ހައްލުވާނެ އެވެ. އެހެންވެ އެކަން ހުއްޓުވަން ގޮވައިލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވެސް ތަކުރާރުކޮށް ވިދާޅުވި އެވެ.

އައްޑޫ ބިން ހިއްކުން މި ފަހަރު ހުއްޓައިލަން ބައެއް ފަރާތްތަކުން ގޮވިޔަސް، މިއީ އައްޑޫގެ ބިން ހިއްކާ ފުރަތަމަ ފަހަރެއް ނޫނެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އައްޑޫން ބިން ހިއްކާފައިވެ އެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އަދި ސަރުކާރަށް ނިސްބަތްވާ އައްޑޫގެ ބައެއް މަޖިލިސް މެމްބަރުން ވެސް ވިދާޅުވާ ގޮތުގައި އައްޑޫގެ ބިން ހިއްކާތީ ވަކި ބަޔަކަށް އެކަން ހަޖަމުނުކުރެވިގެން އުޅެނީ އެވެ. އަދި މިއީ ތަރައްގީއާ ގުޅުން ހުރި ވަރަށް ބޮޑު މަސައްކަތަކަށްވާތީ މި ސަރުކާރުން މިފަދަ މަޝްރޫއެއް އައްޑޫގައި ހިންގާ ތަން ބަލަން ސިޔާސީ ގޮތުން ބަޔަކަށް އުނދަގޫ ވަނީ އެވެ.

އެހެންވެ މިކަމާ ގުޅުވައިގެން ތަކުރާރުކޮށް ފޭދޫގެ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެފައި ވަނީ އައްޑޫގެ ތަރައްގީ އަށް ބަޔަކު ހުރަސް އަޅަން އުޅެނީ ކަމަށެވެ. އޭނާ ވިދާޅުވީ އައްޑޫގެ ތަރައްގީ އަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ހުރަސްއަޅާ އެންމެންނަކީ އައްޑޫގެ ހަތުރުން ކަމަށެވެ.

"އެފަދަ އެކަކަށް ވެސް މާފެއް ނުކުރެވޭނެ. އަބަދަކު ބާކީވެފައި ތިބޭކަށް ބޭނުމެއް ނޫން،" ނިހާދު ވިދާޅުވި އެވެ. "އެންޖީއޯއެއް [ބިން ހިއްކުމުގެ މަޝްރުއު ހުއްޓާލަން ހަ ޖަމިއްޔާއަކުން ގޮވާލާފައިވާތީ އެކަމަށް އިޝާރާތްކޮށް] ވިޔަސް ރައްޔިތުންގެ ވިންދާ ކުޅެން އުޅުމަކީ ދެރަ ކަމެއް."