Last Updated: June 13, 18:07
Saturday, June 13, 2026
ޚަބަރު

ރައްޔިތުން ކަންބޮޑުވާ މައްސަލަތަކުގައި ވޯޓު ނުދޭތީ އީވާގެ ނުރުހުން

ރައްޔިތުންގެ ކަންބޮޑުވުން އޮންނަ މައްސަލަތަކުގައި ބަހުސް ކުރުމަށް އެމްޑީޕީ ބައެއް މެމްބަރުން ވޯޓު ނުދޭތީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ނުރުހުން ފާޅުކުރައްވައިފިއެވެ.

ލ. ގަމު ހޮސްޕިޓަލުގެ ފެންވަރު ދަށްވެފައިވާތީ އެކަމުގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހުށަހެޅި މައްސަލައަށް ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ މެމްބަރެއްގެ ދާއިރާގެ ތަރައްގީއާ ބެހޭ މައްސަލައެއް ކަންބޮޑުވުން ހުރެގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، އެމްޑީޕީގެ އަގުލަބިއްޔަތު ބޭނުންކޮށްގެން އެކަމަށް ބަހުސް ކުރިޔަ ނުދޭންވީ ސަބަބެއް ނުވިސްނޭ ކަމަށެވެ.

އީވާ ވިދާޅުވީ ހުށަހަޅާފައިވާ މައްސަލައިގައި ސަރުކާރަށް ނިސްބަތްކޮށް ގޯސް އެއްޗެއް ބުނެފައި ނެތްކަމަށާއި، އަދި އޭގައި އޮތީ ހޮސްޕިޓަލު ނުހިނގައިގެން ހުރި ކަންބޮޑުވުންތަކުގެ ވާހަކަ ކަމަށްވީއިރު، އަގުލަބިއްޔަތު ބޭނުންކޮށް އެ މައްސަލަ ކޮމިޓީއަށް ގެންގޮސް ބަލައިދިނުމަކީ އަހުލާގީ ޒިންމާއެއްކަމަށް ދެކޭކަމަށެވެ.

"މިތަނުން ރަތަށް ފިތިއްޔާ ލ. އަތޮޅު މީހުނަށް ނޭންގޭނީތޯ ހޮސްޕިޓަލުގެ ހާލަތު؟ މިތަނުން ރަތަށް ފިތީމާ ލ. އަތޮޅު މީހުނަށް އެނގޭނެ އެއްޗަކީ، މައްސަލަ އޮތީ މިހެންނޭ، އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުން، އެމްޑީޕީން މީތި ބަލާކަށް ބޭނުމެއް ނޫނޭ." އީވާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަކީ ރާއްޖޭގެ ސިޔާސީ ބަހުސުގެ ނާރެސްކަން ފާހަގަކޮށް އީވާ ވިދާޅުވީ، ބަހުސް ކުރިއަށް ގެންދަން އެމްޑީޕީން ފުރުސަތު ދޭންޖެހޭ ކަމަށާއި، މައްސަލަތައް ނުހިނގާ ކަމަކަށް ހަދަން މަޖިލީހުގައި އުޅުނަސް ދާއިރާތަކުގެ ރައްޔިތުންނަށް އެކަން ނޯޅޭ ކަމަށެވެ.

"ޖަމާއަތެއްގެ ގޮތުގައި އެމްޑީޕީ ނުވަތަ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕު މިހާ، އަމިއްލަ ނަފުސަށް އިތުބާރު ގެއްލުނީ ކޮންއިރަކުތޯ ސުވާލު އުފެދޭ."

އީވާ ވިދާޅުވީ ރައްޔިތުންނަށް ރަނގަޅަށް ހިދުމަތް ކުރަން އެދޭނަމަ މައްސަލަތައް ބަލަންޖެހޭ ކަމަށާއި، މައްސަލައެކޭ ބުނާއިރު އެއީ "ސަރުކާރާ ޖައްސާލަނީ" ކަމަށް ބުނާނަމަ، 2023 ވަރަށް އުނދަގޫ ވާނެ ކަމަށެވެ.