އެފްރިކާގެ ވޯލްޑް ކަޕް ކޮލިފައިން ފަހު ބުރުގައި ރޭ ޕެނަލްޓީގައި 3-1 އިން މިސްރު ބަލިކުރުމަށްފަހު އެފްރިކާ ޗެމްޕިއަން ސެނެގާލް މުބާރާތަށް ކޮލިފައިވެއްޖެ އެވެ.
މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގު މެޗު 1-0 އިން ކާމިޔާބުކުރީ މިސްރުންނެވެ. ރޭ ސެނެގާލްގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިިއިރު ސެނެގާލް 1-0 އިން ކުރީގައި އޮތުމުން 1-1 ގެ އެގްރިގޭޓް ނަތީޖާއަކާ އެކު ފުރިހަމަ ވަގުތު ހަމަވުމުން ޖެހުނީ ނަތީޖާ ނެރެން ޕެނަލްޓީ ޖަހާށެވެ.
އެގޮތުން ޕެނަލްޓީގައި ދެ ޓީމުން ވެސް ފުރަތަމަ ޖެހި ޕެނަލްޓީތައް ވަނީ ނާކާމިޔާބުވެފަ އެވެ. ފުރަތަމަ ސެނެގާލްގެ ކެޕްޓަން ކަލިދޫ ކުލިބާލީ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލު ހުރަސް ދަނޑިއަށެވެ. އަދި މިސްރުގެ ކެޕްޓަން ސަލާހު ފޮނުވާލި ޕެނަލްޓީ ދިޔައީ ދަނޑި މަތިން ބޭރަށެެވެ.
ސެނެގާލުން ފޮނުވާލި ދެވަނަ ޕެނަލްޓީ ސައިލޫ ސިސް ފޮނުވާލުމުން ދިފާއުކުރީ މިސްރުގެ ކީޕަރު އެލް ޝެނާވީ އެވެ. އަދި މިސްރުގެ ދެވަނަ ޕެނަލްޓީ ޒީޒޫ ފޮނުވާލުމުން ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ. ސެނެގާލަށް ފުރަތަމަ ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ތިންވަނައަށް ޕެނަލްޓީ ޖަހަން ދިޔަ އިސްމާއިލާ ސާ އެވެ. އޭގެފަހުން މިސްރުގެ އަމްރު އެލް ސޮލިއާ ޕެނަލްޓީ ވަނީ ކާމިޔާބުކޮށްފަ އެވެ. ސެނެގާލްގެ ހަތަރުވަނަ ޕެނަލްޓީ ބަމްބާ ޑިއެންގް ކާމިޔާބު ކުރިއިރު، ދެން މިސްރު ޓީމުގެ މުސްތަފާ މުހައްމަދު ފޮނުވާލި ޕެނަލްޓީ ސެނެގާލްގެ ކީޕަރު އެޑުއާޑް މެންޑީ ދިފާއު ކުރި އެވެ. ސެނެގާލް ވޯލްޑް ކަޕަށް ކޮލިފައިދިން ޕެނަލްޓީ ކާމިޔާބުކޮށްދިނީ ސަޑިއޯ މާނޭ އެވެ.
މިއީ ސެނެގާލް ޖެހިޖެހިގެން ވޯލްޑް ކަޕަށް ކޮލިފައިވި ދެވަނަ ފަހަރެވެ. އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގައި ސެނެގާލް ވަނީ ގްރޫޕް ސްޓޭޖާ ހިސާބުން ކަޓާފަ އެވެ.
ސެނެގާލްގެ އިތުރުން އެފްރިކާ ބައްރުން މިއަހަރުގެ ވޯލްޑް ކަޕްގައި ދެން ވާދަކުރާނީ ކެމަރޫން އާއި ގާނާ އާއި މޮރޮކޯގެ އިތުރުން ޓިއުނީޝިއާ އެވެ.