ބްރޫނޯ ފެނާންޑޭސްގެ ދެ ގޯލުން ނޯތު މެސެޑޯނިއާގެ މައްޗަށް 2-0 އިން ބަލިކޮށް ވޯލްޑް ކަޕަށް ޕޯޗުގަލް ކޮލިފައިވެއްޖެ އެވެ.
ވޯލްޑް ކަޕްގެ ޕްލޭއޮފްގެ ފަހު ބުރުގައި ރޭ ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު ނޯތު މެސެޑޯނިއާ އަކީ ވޯލްޑް ކަޕުން އެންމެފަހުގެ ޔޫރަޕްގެ ޗެމްޕިއަނުން ކަމަށްވާ އިޓަލީ އަށް ޖާގަ ގެއްލުވާލި ޓީމެވެ. އެގޮތުން ޕްލޭއޮފްގެ ފުރަތަމަ ބުރުގައި އިޓަލީގެ މައްޗަށް ނޯތް މެސެޑޯނިއާ އިން ކުރި ހޯދީ 1-0 އިންނެވެ.
ރޭގެ މެޗުގައި ނޯތް މެސެޑޯނިއާ އަށް ޕޯޗުގަލް ހިފެހެއްޓުން އުނދަގޫ ކަމަކަށް ވެގެންދިޔައިރު މެޗުގެ ފުރަތަމަ ގޯލު ކްރިސްޓިއާނޯ ރޮނާލްޑޯ ދިން ޕާހަކުން ފެނާންޑޭސް ކާމިޔާބު ކުރީ މެޗުގެ 32 ވަނަ މިނެޓްގަ އެވެ. އަދި މެޗުގެ 65 ވަނަ މިނެޓްގައި ޕޯޗުގަލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ ފެނާންޑޭސް ވަނީ އެޓީމަށް ވޯލްޑް ކަޕުން ޖާގައެއް ކަށަވަރުކޮށްދީފަ އެވެ.
ރޭގެ މެޗުގައި ނޯތް މެސެޑޯނިއާގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔައިރު އެޓީމަށް މުޅި މެޗުގައި ވެސް ޕޯޗުގަލްގެ ކީޕަރު ޓެސްޓުކޮށްލެވޭ ގޮތް ވަނީ ނުވެފަ އެވެ.
މިއީ ޕޯޗުގަލް ޖެހިޖެހިގެން ވޯލްޑް ކަޕަށް ކޮލިފައިވި ހަވަނަ ފަހަރެވެ.
ޕޯޗުގަލްގެ އިތުރުން ރޭ ސްވިޑެންގެ މައްޗަށް 2-0 އިން ކުރި ހޯދައިގެން ޕޮލެންޑު ވެސް ވަނީ ވޯލްޑް ކަޕުން ޖާގައެއް ހޯދާފަ އެވެ. ޕޮލެންޑުގެ ދެ ގޯލު ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ރޮބަޓް ލެވެންޑޯސްކީ އާއި ޒިއެލެންސްކީ އެވެ.
ވޯލްޑް ކަޕްގެ ގުރު ނެގުން އަންނަ ހުކުރު ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.