Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

އިޔާދަކުރަނިވި ހަކަތައިގެ ބޮޑު ޕްރޮޖެކްޓް ހަވާލުކޮށްފި

ރާއްޖޭގައި މިހާތަނަށް ހިންގާ އިޔާދަކުރަނިވި ހަކަތައިގެ އެންމެ ބޮޑު މަޝްރޫޢުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފި އެވެ.

މެލޭޝިއާގެ މެގަ ފަސްޓް ޕަވަ އިންޑަސްޓްރީޒް އެސްޑީއެން ބަރުހާދް އަދި ޕަވަ ޗައިނާ ހުއަޑޮންގް އިންޖިނިއަރިން ކޯޕަރޭޝަން ޖޮއިންޓް ވެންޗާ ހަވާލު ކުރި މަޝްރޫޢުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާއެވެ. މެގަ ފަސްޓް ޕަވާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ހެޑް އޮފް ރިނިއުވަބަލްސް ޑިވިޝަން، ޗިން ސަންއެވެ. އަދި ޕަވަ ޗައިނާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ސޮންގް ކިންގް ގޯއެވެ.

މި މަޝްރޫއުގެ ދަށުން ހަ ސަރަހައްދެއްގައި 11 މެގަވޯޓު ސޯލާ ޕެނަލް ހަރުކުރަން ހަމަޖެހިފައިވެ އެވެ.

މި މަޝްރޫއުގެ ދަށުން އުފައްދާ ކަރަންޓް ގަނެވިއްކުމަށް ހަދާ ޕަވާ ޕާޗޭސިން އެގްރީމެންޓްގައި ބޭރުގެ ދެ ކުންފުނިން ސޮއިކުރި އިރު، ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސޮއިކުރެއްވީ އެ އެކުންފުނީގެ ޑިރެކްޓަރު އަހުމަދު އަޒްލީމެވެ. މީގެ އިތުރުން މަޝްރޫޢުގެ މަސައްކަތުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް ފެނަކަ ކޯޕަރޭޝަން އަދި އެންވަޔަރަމަންޓް މިނިސްޓްރީއާ ދެމެދުވެސް ވަނީ ސޮއިކުރިު އެވެ.

ޝައުނާ ވިދާޅުވީ މި ދައުރު ނިމޭއިރު 555 މެގަވޯޓުގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމު ޤާއިމު ކުރެވޭނެ ކަމަށެވެ. އަދި މިއީ ސަރުކާރަށް ބޮޑުތަނުން ހަރަދުތައް ސަލާމަތްވާނެ މަޝްރޫއެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އޭގެ މާނައަކީ ދައުލަތުން ތެލަށް ހޭދަކުރާ މިންވަރު އެންމެ މަދުވެގެން 225 މިލިއަން ރުފިޔާއިން އަޅުގަނޑުމެންނަށް މަދުކުރެވޭނޭ." ޝައުނާ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި މި ނިޒާމު ފުރިހަމަ ގޮތުގައި ހިންގުމަށް ހަ ސަރަހައްދުގެ ކަރަންޓު ވިއުގާ އަޕްގްރޭޑްކޮށް ބޭޓަރީ ސިސްޓަމް ގއިމުކުރެވޭ އެވެ.

މަޝްރޫޢުގެ ދަށުން 11 މެގަވޮޓްގެ ސޯލާ ޕީވީ ނިޒާމު:

1. އައްޑޫ: 3 މެގަވޯޓް
2. ފުވައްމުލައް: 2 މެގަވޯޓު
3. ގދ. ތިނަދޫ: 2 މެގަވޯޓު
4. ހދ. ކުޅުދުއްފުށި: 1.5 މެގަވޯޓު
5. ބ. އޭދަފުށި: 1.5 މެގަވޯޓު
6. ޅ. ހިންނަވަރު: 1 މެގަވޯޓު

މި މަޝްރޫޢުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފުރަތަމަ ކުއާޓަރުގައި ފަށައި އަހަރުގެ ފަހުކޮޅުގައި ހިދުމަތް ދޭން ފެށޭނެ ކަމަށް ސަރުކާރުން ބުންޏެވެ.

"އެސްޕަޔާ" މަޝްރޫއުގެ އިތުރުން ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީން ހިންގާ "އެރައިޒް މަޝްރޫ އިން ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސޯލާ ޕީވީގެ ނިޒާމާއި ބެޓަރީ އެނަޖީ ސްޓޯރޭޖް ސިސްޓަމްތައް ޤާއިމުކުރަން ހަމަޖެހިފައިވެ އެވެ. އެއީ ގއ. ވިލިނގިލި، ށ. ފުނަދޫ، ޅ. ނައިފަރު އަދި ލ. އަތޮޅުގެ ބައެއް ރަށްތަކުގަ އެވެ.