Last Updated: July 21, 18:01
Tuesday, July 21, 2026
ރިޕޯޓް

މީދޫގެ ޓޫރިޒަމް ޒޯނުން ހިތްގައިމު މަންޒަރުތަކެއް

އައްޑޫގައި ލޯކަލް ޓޫރިޒަމް ފުޅާކުރަން ކުރިއަށް ގެންދާ މަޝްރޫގެ ތެރެއިން މިހާރު އެންމެ ހިތްގައިމުކޮށް ފެންނަނީ މީދޫ ޓޫރިޒަމް ޒޯނެވެ. އައްޑޫގެ ފަސް ސަރަހައްދެއް ޓޫރިޒަމް ޒޯންގެ ގޮތުގައި ކަނޑައަޅާފައިވާ އިރު، މީދޫގެ ޓޫރިޒަމް ޒޯނަކީ "ކޯގަން ބީޗް" ޒޯނެވެ. މި ޒޯނަކީ ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތަކެއް ތަރައްހީވެގެން ދާނެ ތަނެކެވެ.

ތިމާވެއްޓާ ރައްޓެހިކޮށް ކުރިއަށް ގެންދާ މި މަޝްރޫއުގެ ތެރެއިން މީދޫ ޓޫރިޒަމް މިދިޔަ އާދީއްތަ ދުވަހު ވަނީ ރަސްމީކޮށް އިފުތިތާހު ވެސް ކޮށްފަ އެވެ. އެތަން އިފުތިތާހުކޮށް ދެއްވީ އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖެއިޝަންކަރާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން އައްޑޫ މޭޔަރު އަލީ ނިޒާރެވެ.

އިންޑިއާގެ އެހީ ވެސް ލިބިގެން ކުރިއަށް ގެންދާ އިކޯ-ޓޫރިޒަމްގެ ތެރެއިން މީދޫ ޓޫރިޒަމް ޒޯންގެ ހިތްގައިމުކަން ފެންނަ ވީޑިއޯއެއް ވެސް ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ޓްވިޓާގައި އާންމުކޮށްފައިވެ އެވެ. އަދި އެ ވީޑިއޯ އިންޑިއާގެ ފޮރިން މިނިސްޓަރު ވެް ޓްވީޓްކުރައްވާފައިވެ އެވެ.

ޓޫރިޒަމް ޒޯން އިފުތިތާހުކުރި ނަމަވެސް އަދި އެތަނުގައި މިހާތަނަށް އެއްވެސް ފެސިލިޓީއެއް ގާއިމުކޮށްފައެއް ނުވެ އެވެ. ކައުންސިލުން އޮތީ ފެސިލީޓީތައް ތަރައްގީކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފަ އެވެ. އެގޮތުން މި މަހުގެ ކުރީކޮޅު ވެސް 27 ބިމަކަށް ހުޅުވާލި އިރު، އޭގެ ތެރޭގައި މީދޫ ޓޫރިޒަމް ޒޯންގެ 10 ބިމެއް ހިމެނެ އެވެ.

އައްޑޫގެ ފަސް ޓޫރިޒަމް ޒޯނުން ޖުމްލަ 93 ބިމެއް ދޫކުރަން ހުޅުވާލި އެވެ. އޭގެ ތެރެއިން ގިނަ ބިންތައް ކުރިން ވަނީ އެކި ފަރާތްތަކާ ހަވާލުކޮށްފަ އެވެ. އެކަމަކު އަދި އެއްވެސް ދިމާއެއްގައި އަމަލީ މަސައްކަތް އެންމެ އެެދެވޭ ގޮތުގައި ފެށިފައި ނުވާތީ ކައުންސިލުން މިހާރު ނިންމާފައި އޮތީ މަޝްރޫއު އަވަސްކުރަން ސީދާ ކައުންސިލުން ވެސް ފެސިލިޓީތަކެއް ގާއިމުކުރާށެވެ. އެގޮތުން ބައެއް ޒޯންތަކުގައި ފެސިލިޓީތަކެއް ގާއިމުކޮށް، އެތަންތަން ހިންގަން އައުޓްސޯސްކުރަން ނިންމާފައިވާ ކަމަށް ކައުންސިލުން މިދިޔަ މަހު ބުންޏެވެ.

މި މަޝްރޫއަކީ އައްޑޫގެ ޓޫރިޒަމް އެނދުގެ އަދަދު 8،000 އިތުރުކުރަން ފެށި މަސައްކަތުގެ މުހިއްމު އެއް ބައެވެ.

އައްޑޫގެ ޓޫރިޒަމް ޒޯންތަކަކީ ހިތަދޫ "މާމެން ބީޗް ޓޫރިޒަމް ޒޯން" އާއި ހުޅުދޫ "ކޭވައް ބީޗް" މާފިޝި ޓޫރިޒަމް ޒޯނާއި މީދޫ "ކޯގަން ބީޗް" މުލިމަތި ޓޫރިޒަމް ޒޯނާއި އަދި ފޭދޫ "ސަވާ ބީޗް" ދިގިހެރަ ޓޫރިޒަމް ޒޯނެވެ.