Last Updated: June 27, 11:53
Saturday, June 27, 2026
ޚަބަރު

ހުޅުމީދޫ "ވިލުނު" ގައި ފަރުވާދޭން ތައްޔާރުވަނީ

އައްޑޫ ހުޅުމީދޫގައި މިދިޔަ އާދީއްތަ ދުވަހު ހުޅުވި މަސްތުވާތަކެއްޗަށް ފަރުވާދޭ ރިހެބިލިޓޭޝަން ސެންޓަރު "ވިލުނު" އިން އަންނަ ހަފުތާ އިން ފެށިގެން ފަރުވާދޭން ފަށާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އެންމެ ފުރަތަމަ 20 މީހުންނާ އެކު ފަރުވާ ފެށުމަށް ތައްޔާރުވާ އިރު، ފަރުވާދޭން ހަމަޖެހިފައިވާ މީހުންގެ އެސެސްމަންޓު ހެދުމަށް ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން މިހާރު އަންނަނީ ތައްޔާރު ވަމުންނެވެ.

"ވިލުނު" އަކީ އެއްފަހަރާ 60 މީހުންނަށް ފަަރުވާދެވޭ ގޮތަށް ހަދާފައިވާ ތަނެކެވެ. ސައުވީސް މުވައްޒަފުން މަސއްކަތްކުރާ ސެންޓަރުން ޑިޓޮކްސިފިކޭޝަން ޓްރީޓްމެންޓާއި ރެސިޑެންޝަލް ޓްރީޓްމެންޓާއި ކޮމިއުނިޓީ ރިހެބިލިޓޭޝަންގެ އިތުރުން ރީއިންޓެގްރޭޝަނާ ގުޅޭ ފަރުވާގެ ޕްރޮގްރާމްތައް ކުރިޔަށް ގެންދަނަ ހަމަޖެހިފައިވެ އެވެ. އެ ޕްރޮގްރާމްތައް ބައްޓަންކޮށްފައި ވަނީ ސައިކޮތެރަޕީގެ ދަށުން ނަފްސާނީ ޖިސްމާނީ، އިޖުތިމާއީ އަދި ރޫހާނީ ދުޅަހެޔޮކަމުގެ ވަށައި ޖެހޭ ގޮތަށެވެ.

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ސެންޓަރުގައި ކުރިއަށް ގެންދާ ފަރުވާގެ ޕްރޮގްރާމްތަކަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ އެހީގައި ތައްޔާރުކޮށްފައިވާ ޕްރޮގްރާމްތަކެކެވެ.

"ވިލުނު" ގެ ނަމުގައި ހުޅުވި ރިހިބިލޭޝަން ސެންޓަރަކީ އިންޑިއާ ސަރުކާރުގެ އެހީގައި ހެދި ތަނެކެވެ. އެގޮތުން އިންޑިއާ ސަރުކާރުން 7.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއަށް ދިވެހި ސަރުކާރުން 7.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ރެއިންބޯ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ހެދި ސެންޓަރުގެ މަސައްކަތް ނިމުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އަދި އެތަނުގެ ބިންގާ އެޅީ ޑިސެމްބަރު 12، 2020 ގަ އެވެ.

"ވިލުނު" މިދިޔަ އާދީއްތަ ދުވަހު ހުޅުއްވައި ދެއްވީ އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖެއިޝަންކަރާއި ރާއްޖޭގެ ފޮރިން މޮނިސްޓަރު އަބްދުﷲ ޝާހިދެވެ. އަދި މިދިޔަ ހޯމަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް އެތަނަށް ވަޑައިގެން ތަނުގެ މަސައްކަތްތައް ބައްލަވާލެއްވި އެވެ.

އައްޑޫ ހިތަދޫގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ ސެންޓަރެއް ހުރެ އެވެ.