Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

އައްޑޫން ހައްޔަރުކުރި ތިން މީހަކު ދޫކޮށްލައިފި

ހިތަދޫ ޕޮލިސް ސްޓޭޝަން.

ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ތުހުމަތުގައި މިދިޔަ އާދީއްތަ ދުވަހު އައްޑޫން ހައްޔަރުކުރި މީހުންގެ ތެރެއިން ތިން މީހަކު ދޫކޮށްލައިފި އެވެ.

ތިން މީހަކު ދޫކޮށްލި އިރު، ހައްޔަކުރި މީހުން ނުވަ މީހުންގެ ތެރެއިން ހަ މީހެއްގެ ބަންދަށް މިދިޔަ ހޯމަ ދުވަހު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ހަތް ދުވަހުގެ މުއްދަތެއް ޖަހައި ދީފަ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ފުލުސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ އިތުރުން އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖެއިޝަންކަރުގެ އިތުރުން ވެސް އެ ގައުމުގެ އިސް އޮފިޝަލުންތަކެއް އައްޑޫގައި ތިއްބަވަނިކޮށް ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކުރި ނަމަވެސް އެ މީހުންނާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ފުލުހުން ބުނެފައި ވަނީ އެކަން އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ކުރިން ވެސް ޓެރަރިޒަމްގެ ތުހުމަތުތަކެއް ކުރެވުނު ބަޔަކާއި އުމުރުން 18 އަހަރު ނުފުރޭ ކުދިންތަކެއް ވެސް ހިމެނެ އެވެ. އަދި ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން ބަންދަށް މުއްދަތު ނުޖަހައި ދޫކޮށްލީ މި މައްސަލާގައި ހައްޔަރުކުރި ކުޑަކުދިންނެވެ.