ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ސިޔާމް (ސަން ސިޔާމް) ގެ ޕާޓީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ހަރަކާތްތައް ފުޅާކުރަން ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރަން ނިންމައިފި އެވެ.
އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލީހުގެ ދ. މީދޫގެ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ސިޔާމް ވިދާޅުވީ އެ ޕާޓީން ރަށްރަށް ދަތުރުކުރާނީ ރޯދައިގެ ފަހުން ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ރޯދަ މަހަށް ފަހު އަޅުގަނޑުމެންގެ ހަރަކާތްތައް ވަރަށް ބޮޑަށް ފެނިގެންދާނެ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް." އޭނާ ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވި ގޮތުގައި ރަށްރަށަށް ކުރާ ދަތުރުތަކުގައި ރައްޔިތުންގެ ކަންބޮޑުވުންތަކަކީ ކޮބައިތޯ ބަލައި، މައްސަލަތަކަށް ހައްލު ހޯދައި ދޭން އެ ޕާޓީން މަސައްކަތްކުރާނެ އެވެ.
އެމްޑީއޭ އަކީ ރާއްޖޭގެ ސިޔާސީ މައިދާނަށް މިހާރު ބަލާ އިރު މާ ހަރަކާތްތެރި ޕާޓީއެއް ނޫނެވެ. އެ ޕާޓީގެ ދައުރު އެންމެ ބޮޑަށް ފެނުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އޭރު އެމްޑީއޭ މަސައްކަތްކުރީ ޕީޕީއެމްގެ ކޯލިޝަން ބައިވެރިއެއްގެ ގޮތުގަ އެވެ.