މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން ބުނެފައިވަނީ ނަން ހުށަހެޅުމުގެ ފުރުސަތު ޤައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުއްވައިލައްވައި، ޤައުމީ އިނާމާބެހޭ ލިޔުން، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވާފައިވާކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، އީމެއިލް މެދުވެރިކޮށްގެންނާއި، ޕޯޓަލް މެދުވެރިކޮށްގެން ޤައުމީ އިނާމަށް ފޯމު ހުށަހެޅުއްވޭނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
މައިގަނޑު 34 ދާއިރާއަކުން ގައުމީ އިމާނަށް ހުޅުވާލާފައިވާއިރު، ކުރީ އަހަރުތަކެކޭ އެއްގޮތަށް، މި އަހަރުވެސް ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުއިއްޔާ ޖަމާއަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށް ވަނީ ހަމަޖައްސަވާފައެވެ. އަދި ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުންވެސް ޤައުމީ އިނާމަށް ނަން ހުށަހެޅޭނެ ގޮތަށްވަނީ ހަމަޖައްސަވާފައެވެ.
މި އަހަރު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެޕްރީލް މަހުގެ 2 ވާ އާދިއްތަ ދުވަހުން ފެށިގެން، މިއަހަރުގެ މޭ މަހުގެ 31 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 02:00 އާ ހަމައަށެވެ. ފޯމު ބަލައިގަންނާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމާއި، ފޯމާއެކު ހުށަހަޅާންޖެހޭ އެހެނިހެން މައުލޫމާތާއި ތަކެތި ފޮނުވާނީ، ”ޤައުމީ އިނާމާބެހޭ ކޮމިޓީ“ އަށް އެޑްރެސްކޮށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. އަދި އީމެއިލް ކުރާނަމަ، ފޮނުވާނީ [email protected] އަށް ކަމަށް ރައީސް އޮފީހުން ބުނެފައިވެއވެެ.