Last Updated: June 13, 18:07
Saturday, June 13, 2026
ޚަބަރު

"ޕޯޓް ޑިޖިޓަލްކޮށް" ގެ ނަމުގައި އެމްޕީއެލްގެ ކެމްޕޭނެއް

"ޕޯޓް ޑިޖިޓަލްކޮށް" ނަމުގައި ވަރަށް ހާއްސަ ޑިޖިޓަލައިޒޭޝަން ކެމްޕެއިންއެއް އެމްޕީއެލްއިން ރޭ ލޯންޗް ކޮށްފިއެވެ.

ބުދަ ދުވަހުގެ ރޭ ކްރޮސް ރޯޑްސްގައި ބޭއްވި ރަސްމިއްޔާތުގައި މި ކެމްޕެއިން އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަންއެވެ. މި ކެމްޕޭނަކީ މި ކުންފުނީގެ މައި ބަނދަރުން ދޭ ހިދުމަތް ވީހާވެސް ފަސޭހަކޮށް މަސައްކަތުގައި ޝާމިލްވާ ފަރާތްތަކަށް ދީ، ވަގުތު ސަލާމަތްކުރުމަށް ފަށާފައިވާ ކެމްޕެއިންއެއް ކަމަށް އެމްޕީއެލްއިން މައުލޫމާތުދެއެވެ.

މުދާ ކްލިއަރކުރަން، މުހިންމު މަރުހަލާތަކެއް އޮންނައިރު، އެކަންކުރުމުގައި ގިނަ ވަގުތު ހޭދަވާކަމާއި އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް ބޭނުންވާ ހުއްދަ/ސޮއި ހޯދުމަށް ހިދުމަތް ހޯދާ ފަރާތްތަކުން ދާން ޖެހުމަކީ މި ކުންފުންޏަށް އަބަދުވެސް އަންނަ ޝަކުވާއެކެވެ.

އެއާއި އެކު ކުންފުނީގެ މެނޭޖުމަންޓާއި ބޯޑުން ވަނީ ހިދުމަތް ހޯދާ ފަރާތުން އުފުލަމުން ދާ ތަކުލީފުތަކަށް ހައްލެއް ހޯދައިދިނުމަށްޓައި ގިނަ މަޝްވަރާތަކެއް ކޮށް، ކުންފުނިން ދޭ ހިދުމަތްތައް ފަސޭހަކޮށް، އޮންލައިންކޮށް ދިނުމަށް ނިންމާފައެވެ.

މި ހިދުމަތް ތައާރަފްކުރުމުގެ ކުރިން މުދާ ކްލިއަރ ކުރަން ގާތްގަނޑަކަށް 6 ގަޑިއިރު ހޭދަވެއެވެ. އެމްޕީއެލްއިން މި ގެނައި ބަދަލާއި އެކު އެ މަސައްކަތައް ދާ ވަގުތު 15 މިނެޓަށް މިވަނީ ބަދަލުކުރެވިފައެވެ. މި ބަދަލަކީ އެމްޕީއެލްއިން ދާއިރާގެ ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކާއި މަޝްވަރާކުރުމަށް ފަހު ނިންމި ނިންމުކެވެ.

މި ބަދަލުގެ ސަބަބުން، ކޮންމެ ތަނެއްގައި ހުރެމެ، އީ ގޭޓް ފާހަށް އެދެވޭނެއެވެ. އެމްޕީއެލްއިން ބުނެފައިވަނީ، އެ ކުންފުނީގެ އެންމެ ބޮޑު އަމަޒަކީ 2023 ވަނަ އަހަރާއި ހަމަޔަށް ކުންފުނި 99 އިންސައްތަ ކަރުދާހަށް ބަރޯސާނުވާ ކުންފުންޏަކަށް ހެދުމެވެ. މީގެއިތުރުން، ވޯލްޑް ބޭންކުން ނެރޭ "އީޒް އޮފް ޑުއިންގ ބިޒްނަސ" ގައުމުތަކުގެ ލިސްޓުގެ އެންމެ ރަނގަޅު 20 ގައުމު ތެރޭގައި ރާއްޖެ ހިމެނުމަށް އަމާޒުހިފާފައެވެ.

މި ހަފްލާގައި އެމްޕީއެލްގެ މައި ބަނދަރު ޕޯޓަލް އަށް ޑޭޝްބޯޑް، "ކަސްޓަމަރ ޕޯޓަލެއް ތައާރަފްކޮށްފައިވެއެވެ. މިއީ، އެމްޕީއެލްގެ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ބޭނުންވާ ހުރިހާ މައުލޫމާތު އެއްތަނަކުން ގެނައުމަށް ތައާރަފްކުރި ހާއްސަ "ކަސްޓަމަރ ޕޯޓަލް"އެއް ކަމަށް އެ ކުންފުނިން މަުއލޫމާތު ދީފައިވެއެވެ.