Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު

ހުޅުމާލޭ ސެންޓްރަލް ޕާކްގައި ސްމާޓް ޑިވައިސްތަކެއް

ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި ސްމާޓް ބެންޗަކާއި ސްމާޓް ޕޯލްއެއް ބަހައްޓަިއފި އެވެ.

އެކިއެކި ޑިވައިސްތައް ޗާޖްކުރެވޭ ގޮތަށް ބެހެއްޓި މި ވަސީލަތްތައް ތައާރަފުކޮށް ދެއްވީ އިއްޔެ ބޭއްވި ހަފުލާއެއްގައި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އެވެ.

ނަހުލާ ވިދާޅުވީ ރާއޖެ މިހާރު ވަރަށް ކުރިއަރަމުން އަންނަ އިރު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވޭ ސްމާޓް ބެންޗަކާއި ޕޯލްއެއް ބެހެއްޓުމަކީ އެ ކުންފުނިން ކުރި ބޭނުންތެރި ކަމެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މިއީ އާންމުންނަށް ދެވޭ ވަރަށް މުހިއްމު ހިދުމަތަކަށްވެފައި ރާއްޖޭގެ ތިމާވެށި ދެމެހެއްޓުމަށްޓަކައި ވެސް މުހިއްމު ދައުރެއް އަދާކުރާނެ ކަމެކެވެ.

ނަހުލާ ވިދާޅުވީ ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކުގައި ވެސް މިފަދަ ހިދުމަތްތައް ގާއިމުކުރެވޭނެ އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ، ސެންޓްރަލް ޕާކްގައި ބެހެއްޓި ޒަމާނީ ވަސީލަތްތަކާ އެކު ސްމާޓް ޕާކަށް ދާ މީހުންނަށް އިތުރަށް ލުއި ފަސޭތަކެއް ލިބިގެން ދާނެ ކަމަށެވެ.

ޕާކްގައި ބެހެއްޓި ސްމާޓްއެ ބެންޗަކީ އޭގެ މަތީ މަތީގައި ފޯނު ބޭއްވުމުން ފޯނު ޗާޖްކޮށްދޭ އެއްޗެކެވެ. އަދި އެއިން އާކިޓެކްޗުރަލް ލައިޓިން، ޔޫއެސްބީ ނުވަތަ ވަޔަލެސް ޗާޖިން ޕޮއިންޓްސް އާއި އިލެކްޓްރިކަލް ބައިސިކަލާއި ވީލްޗެއާ ފަދަ ތަކެތީގެ ޗާޖިން ސްޓޭޝަން ހިމެނެ އެވެ.

ސްމާޓް ޕޯލަކީ 100 ޕަސެންޓް އިޔާދަކުރަނިވި ހަކަތަ އުފައްދާ އެއްޗެކެވެ. އެ ނިޒާމުން ވައިންނާ އަވިން ހަކަތަ އުފައްދާނެ އެވެ. އަދި ޕޯލްގައި ހުންނަ ޓީވީ ސްކްރީނުން އިޝްތިހާރުކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

ސުހައިލް ވިދާޅުވި ގޮތުގައި އިޔާދަ ކުރުވަނިވި ހަކަތަ ބޭނުން ކުރެވޭ މިފަދަ ޕޯލްތަކަކީ މުޅި ހުޅުމާލޭގެ ކާބަން އެމިޝަން ކުޑަކުރުމަށް މަގުފަހިކޮށްދޭ ސްމާޓް ސިޓީ ވަސީލަތްތަކެއް ކަމަށެވެ.

"މިއީ ޕައިލޮއިޓް ޕްރޮޖެކްޓެއް. މީގެ ނަތީޖާ އަށް ބަލާފައި ކުރިއަށް އޮތްތަނުގައި މިކަން ކުރަމުން ގެންދާނަން،" އޭނާ ވިދާޅުވި އެވެ. "މި ޕޯލުން އުފައްދާ ކަރަންޓުން އިޝްތިހާރު ކުރުމުގެ އިތުރަށް އެހެން ކަންކަމަށް ވެސް ކުރިއަށް އޮތްތަނުގައި ބޭނުން ކުރާނެ."

ސްމާޓް ޕޯލް މެދުވެރިކޮށް ދިއްލުންތަކުގައި ކަރަންޓު ބޭނުންކުރެވޭ މިންވަރު 90 ޕަސެންޓަށް ކުޑަ ކުރެވޭނެ އެވެ. އަދި ސްމާޓް ޕޯލް މެދުވެރިކޮށް އެހެނިހެން ތަފާތު ހިދުމަތްތައް ފޯރުކޮށްދޭނެ އެވެ. އަދި ޕަބްލިކް ވައިފައި، ސެކިއުރިޓީ ކެމެރާ، އައިއޯޓީ ސެންސަރު އަދި މުހިއްމު އާންމު މައުލޫމާތާއި ޕަބްލިކް އެނައުންސްމެންޓްތައް ފޯރުކޮށްދިނުމުގެ އިތުރުން ޑިޖިޓަލް އިޝްތިހާރުތައް ދެއްކުން ވެސް ހިމެނެ އެވެ.

ހަމައެއާ އެކު ކަރަންޓު ކެނޑޭ ދަނޑިވަޅުތަކުގައި މި ޕޯލްތަކުގައި ހިމެނޭ ބެޓެރީ ސްޓޯރޭޖުން ބޮކި ދިއްލުމާއި ކެމެރާ ފަދަ ހިދުމަތް ދޭނެ އެވެ.