Last Updated: April 16, 20:04
Tuesday, April 16, 2024
ޚަބަރު

ގާސިމް ރިޔާސީ އިންތިހާބަށް ވާދަކުރާނެ

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް އެއްވެސް ޕާޓީއަކާ ކޯލިޝަން ހަދަން ނިންމާފައި ނެތް ކަމަށާއި ޖުމްހޫރީ ޕާޓީން އިންތިހާބުގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވާދަކުރައްވާނެ ކަމަށް ގާސިމްގެ އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.

ގާސިމް އަނެއްކާ ވެސް އަލުން ރިޔާސީ އިންތިހާބަށް ނުކުންނަވާނެކަން ޖުމްހޫރީ ޕާޓީން ބުނެފައި މި ވަނީ އިދިކޮޅު ޕީޕީއެމުން، ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހެދުމުގެ ޝައުގުވެރިކަން ނުރަސްމީކޮށް ފާޅުކުރުމާ ގުޅިގެންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ ކުރީގެ ޕީޕީއެމް މެމްބަރު އަހުމަދު މުބީން ވެސް އެ ޕާޓީ އާއި ޖޭލީ ކޯލިޝަން ހަދާނެ ކަމަށް ވިދާޅުވެފަ އެވެ.

ދާދި ފަހުން ރައީސް އަބްދުﷲ ޔާމީން ވެސް ވިދާޅުވީ އެ ދެ ޕާޓީ އަކީ ފިކުރު ވަރަށް އެއްގޮތް ދެ ޕާޓީ ކަމަށެވެ. ނަމަވެސް ޖުމްހޫރީ ޕާޓީން އެކަން ދޮގުކޮށްފައިވެ އެވެ.

މިކަމާ ގުޅިގެން އިލްހާމް ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ޖޭޕީގެ ކައުންސިލުން އެހެން ގޮތަކަށް ނުނިންމާހާ ހިނދަކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ގާސިމް ވާދަކުރައްވާނެ ކަމަށެވެ.

"ޖުމްހޫރީ ޕާޓީގެ ކޮންގްރެސް އިން ނުވަތަ ޕާޓީގެ ކައުންސިލުން އެހެން ގޮތެއް ނުނިންމާހާ ހިނދަކު ޕާޓީގެ ކެންޑިޑޭޓަކު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ." އޭނާ ވިދާޅުވި އެވެ.

ވިލާ ގްރޫޕްގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމަކީ 2008 ގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރެއްވި ބޭފުޅެކެވެ. އޭރު އޭނަގެ ރަންނިމޭޓެއްގެ ގޮތުގައި ނުކުންނެވީ ކުރީގެ އެޓާނީ ޖެނެރަލް ޑރ. ހަސަން ސައީދެވެ.

ގާސިމަކީ އަބަދު ވެސް ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވަން ޝައުގުވެރިވާ ބޭފުޅެކެވެ. ގާސިމްގެ ޖޭޕީ އަކީ މިހާރު އޮތް ސަރުކާރުގެ ކޯލިޝަންގެ ބައިވެރިއެކެވެ.