Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ސަލްމާން މިސްކިތުގައި ހުކުރުކުރައްވާނީ އިލްޔާސް

މިއަދު ހުކުރު ނަމާދާ އެކު މާލޭގެ ކިންގް ސަލްމާން މިސްކިތް ހުޅުވާ އިރު އެ މިސްކިތުގައި ކުރާ ފުރަތަމަ ނަމާދު އިމާމުވެކުރެއްވުމުގެ ޝަރަފު ޝައިހް އިލްޔާސް ހުސައިނަށް ލިބިވަޑައިގެންފި އެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ އެކަން ކަށަވަރު ވެސް ކޮށް ދީފަ އެވެ.

ސަލްމާންގެ މިސްކިތުގެ ރަސްމީ އިމާމަކަށް ހަމަޖައްސާފައި ވަނީ އިސްލާމީ މަރުކަޒުގެ އިމާމެއް ކަމަށްވާ ބ. ކެންދޫ އެއްގަމުގޭ ނަސްރުﷲ އަލީ އެވެ. އޭނަ އިސްލާމީ މަރުކަޒުގެ އިމާމެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފެއްޓެވީ އެޕްރީލް 8، 2019 ގަ އެވެ.

މަސައްކަތް ނިމިފައި ހުންނަތާ ގިނަ ދުވަސްތަކެއް ފަހުން ސަލްމާން މިސްކިތުގައި މިއަދު ނަމާދުކުރަން ފަށާ އިރު، އެ މިސްކިތުގެ ދެ ޖިންސްގެ މީހުންނާ އެކީ ޖުމްލަ 10،000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ވަރުގެ ތަނަވަސް މިސްކިތެކެވެ. މިއީ މާލޭގައި ހުރި އިސްލާމިކް މަރުކަޒު ފިޔަވައި އެންމެ ބޮޑު މިސްކިތެވެ.

ސަލްމާން މިސްކިތުގައި ފިރިހެނުން ނަމާދުކުރާނީ ފުރަތަމަ ފަންގިފިލާފަ އެވެ. އަދި އަންހެނުން ނަމާދުކުރާނީ ދެވަނަ ފަންގިފިލާގަ އެވެ.
ކިންގް ސަލްމާން މިސްކިތަކީ ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްއަޒީޒްގެ އެހީގެ ދަށުން ބިނާކުރި މިސްކިތެކެވެ. މި މިސްކިތަކީ ގިނަ ކަންކަމަށް ބޭނުން ހިފޭ ގޮތަށް ފަރުމާކޮށްފައިވާ ޖާގަ ތަނަވަސް މިސްކިތެކެވެ. މިސްކިތުގެ ފުރަތަމަ އާއި ދެވަނަ ފަންގިފިލާ ހާއްސަކޮށްފައި ވަނީ ނަމާދު ކުރުމަށެވެ.

މިސްކިތުގެ ތިން ވަނަ ފަންގިފިލާގައި ހަތަރު ކްލާސްރޫމާއި ފަސް ސެމިނަ ރޫމްގެ އިތުރުން އިސްލާމިކް ލައިބްރަރީއަކާއި އިދާރީ މަސައްކަތްތަކަށް ހާއްސަ ތަނެއް ހަދާފައިވެ އެވެ. ހަތަރު ވަނަ ފަންގިފިލާ ހާއްސަކޮށްފައި ވަނީ އެކިއެކި ސެމިނަރތަކާއި ކޮންފަރެންސްތައް ބޭއްވުމަށް ޚާއްސަ އޮޑިޓޯރިއަމަކަށެވެ. މިއީ 350 މީހުންގެ ޖާގައިގެ ތަނެކެވެ.

މީގެ އިތުރުން މިސްކިތުގެ ފަސް ވަނަ ފަންގިފިލާ ހާއްސަކޮށްފައި ވަނީ ދީނީ ދަރުސް ދިނުމަށާއި، ނަމާދު ކުރުމަށް ވެސް ބޭނުންކުރެވޭނެހެން މަލްޓި-ޕާޕަސް ހޯލެއްގެ ގޮތުގަ އެވެ.

މިއަދުން ފެށިގެން މިސްކިތް ބޭނުންކުރަނީ ހަމައެކަނި ނަމާދަށެވެ. އަދި ފަހުގެ ތާރީހެއްގައި ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.