މި އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕްގައި ބޭނުންކުރާ ބޯޅަ އެޑިޑާސް އިން ދައްކާލައިފި އެވެ.
މެދު އިރުމަތީގެ އަރަބި ގައިމެއްގައި ބާއްވާ މުބާރާތަކަށްވާތީ ބޯޅަ އަށް ނަން ދީފައި ވަނީ އަރަބިންނެވެ. އެއީ "އަލް ރިހުލާ" އެވެ. އޭގެ މާނަ އަކީ "ދަތުރު" އެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި ބޭނުންކުރާ ބޯޅަ އެޑިޑާސް އިން ދައްކައިލި އިރު، މިއީ ޖެހިޖެހިގެން އެ ކުންފުނިން މުބާރާތުގެ ބޯޅަ ތައްޔާރުކުރި 14 ވަނަ ފަހަރެވެ.
ފީފާ އިން ބުނި ގޮތުގައި މި އަހަރުގެ ބޯޅަ އަކީ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް ބޭނުންކުރާ އެންމެ ފެންވަރު ރަނގަޅު، ކުޅެން އެންމެ ފަސޭހަ ބޯޅަ އަށް ވާނެ އެވެ. އެގޮތުން މި ބޯޅަ އަކީ ފޮނުވައިލާ ހަމަލާތަކުގައި ވަރަށް ބާރު ދުވެލީގައި ނަމާ ވެސް ގުޅޭ ގޮތަށް ދަތުރުކުރާނެ އެއްޗެކެވެ.
އެޑިޑާސް އިން ބުނީ "އަލް ރިހުލާ" ތައްޔާރުކޮށްފައި ވަނީ ގަތަރުގެ ސަގާފަތާއި އާދަކާތަކާއި އެ ގައުމުގެ ދިދަ އާއި އެ ގައުމުން އިމާރާތްކުރުން ފަދަ ކަންކަމުގައި ބޭނުންކުރާ ހާއްސަ ސިފަތައް ވެސް ރަމްޒުކޮށްދޭ ގޮތަށެވެ. މި ބޯޅަ ޕްރޮމޯޓްކޮށް ދިނުމުގައި އާޖެންޓީނާގެ ތަރި ލައިނަލް މެސީ އާއި ދެކުނު ކޮރެއާގެ ތަރި ސަން ހިއުން-މިން ބައިވެރިވެ އެވެ.
ގަތަރުގައި ބާއްވާ ވޯލްޑް ކަޕްގައި ބޭނުންކުރަން އުފެއްދި "އަލް ރިހުލާ" ވަރަށް އަވަހަށް އާންމުކޮށް ވިއްކަން ވެސް ފަށާނެ އެވެ. އެގޮތުން ބޯޅައެއްގެ އަގަކީ 165 ޑޮލަރެވެ.
މި އަހަރުގެ ވޯލްޑް ކަޕް ކުރިއަށް ދާނީ ނޮވެމްބަރު 21 އިން ޑިސެމްބަރު 18 އަށެވެ.