Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

"މި އަހަރުގެ ކިޔެވުން ފެށޭ އިރު ހިތަދޫ ކެމްޕަހުގައި ކެންޓީނެއް ހުންނާނެ"

ހިތަދޫ ކެމްޕަހުގެ ގޯތި ތެރޭގައި ދަރިވަރުންތަކެއް ހަރަކާތްތެރި ވަނީ. ފޮޓޯ/ ކެމްޕަސް

ގައުމީ ޔުނިވަސީޓީގެ މި އަހަރުގެ ކިޔެވުން ފެށޭ އިރު، ޔުނިވަސިޓީގެ ހިތަދޫ ކެމްޕަހުގައި ކެންޓީނެއްގެ ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކޭމްޕަހުން ބުނެފި އެވެ.

ކެންޓީނެއް ނުހުންނަ މައްސަލާގައި ދަރިވަރުންގެ ޝަކުވާތައް މިދިޔަ އަހަރު ވެސް ބޮޑުވެފައިވާ އިރު ހިތަދޫ ކެމްޕަހުގެ މެނޭޖަރު މުހައްމަދު ޖަމީލް ވިދާޅުވީ މި އަހަރު ދަރިވަރުންނަށް ކެންޓީނެއްގެ ހިދުމަތް ދޭން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ޖަމީލް ވިދާޅުވީ ކެންޓީނު ހެދުމަށް ނިންމާފައި ވަނީ ކެމްޕަހުގެ ކުރިމަތިން އޮތް ޕާކް ސަރަހައްދުގައި އަމިއްލަ ފަރާތަކާ ހަވާލުކޮށްގެން ކަމަށެވެ.

ކެމްޕަހުގައި ކިޔަވާ ބައެއް ދަރިވަރުން "އައްޑޫ ލައިވް" އާ ވާހަކަ ދައްކަމުން ކެންޓީނެއް ނުހުންނާތީ ވަރަށް ބޮޑަށް ދަތިވާ ކަމަށެވެ. އަދި ކެމްޕަސް ސަރަހައްދުގައި ކެފޭ/ރެސްޓޯރެންޓެއް ނުހުންނާތީ ރަށްރަށުން ހިތަދު އަށް ދާ ކުދިންނަށް ވަރަށް ދަތި ކަމަށް ދަރިވަރުން ބުންޏެވެ.

"ކުރިން މި ހިސާބުގައި ހިނގި ރެސްޓޯރެންޓް ވެސް ވަނީ ބަންދުކޮށްފައި. އަނެެއްކޮޅުން ކެމްޕަހުގައި ކެންޓީނެއް ނެތުމުގެ ދަތިކަން ވަރަށް ބޮޑު. ކެމްޕަހުގައި ކެންޓީނެއް ހުންނަ ރަށްރަށުން އަންނަ ކުދިންނަށް ފުދޭ ވަރަކަށް ފަސޭހަ ކެމްޕަހުގައި ތިބެގެން އިންޓަވަލް ކުރަން ވެސް،" ދަރިވަރަކު ބުންޏެވެ. "މިދިޔަ އަހަރު ވެސް އަޅުގަނޑުމެން މި ޝަކުވާ މެނޭޖްމަންޓާ ހަމައަށް ގެންދިޔައިން."