Last Updated: June 30, 04:35
Monday, June 29, 2026
ރިޕޯޓް

އައްޑޫގައި ޑަސްބިން ބަހައްޓާނީ ކޮން ދުވަހަކު؟

އައްޑޫގެ އެކި ތަންތަނަށް ކުނި އެޅުމަކީ އާއްމު ކަމެކެވެ. ރަށުގެ ހޭޅި ފަށާއި، ހިމާޔަތް ކޮށްފައިވާ ސަރަހައްދު ފުރި ބަންޑުންވެފައިވަނީ އުކާލާފައިވާ ކުނި ބުނިންނެވެ. އެކަމަށް ހައްލެއް ހޯދުމުގެ ވާހަކަ ދައްކާތާ 12 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެެވެ. އަދިވެސް ދައްކަނީ ހުސް ވާހަކަ އެވެ.

ކުނީގެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތްތަކެއް ކުރަމުން ދަނިކޮށް ދާދި ފަހުން ވަނީ 58 ސަފްހާގެ މައްޗަށް ހިމެނޭ "ކުންޏާ ބެހޭ ގަވާއިދެއް" އެކުލަވާލައި ފެބްރުއަރީ 1، 2014  އިން ފެށިގެން އަމަލު ކުރަން ފަށާފަ އެވެ.

މި ގަވާއިދު ވުޖޫދަށް އައުމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ވަނީ މާލޭގެ އެކި ސަރަހައްދު ތަކުގައި ކުނި އަޅަން ބޮޑެތި ޑަސްބިންތައް ބަހައްޓައިފަ އެވެ.

ކުންޏާ ބެހޭ ގަވާއިދު އެކުލެވިފައިވާ ގޮތުން މަނާ ސަރަހައްދުތަކަށް ކުނި އަޅާ ނަމަ ޖުރިމަނާ ފެށެނީ 500 ރުފިޔާއިންނެވެ. އަދި އެ ޖުރިމަނާ 100 މިލިއަނާއި ހަމައަށް ވަނީ ކަނޑައަޅައިފަ އެވެ.

ކުނީގެ މައްސަލަ ހައްލު ކުރުމަށް ބޮޑު ޖުރިމަނާތަކަކާ އެކު ފެށިފައިވާ އިރު އަދިވެސް އައްޑޫ ސިޓީ ކައުންސިލް އޮތީ ނިދައިފައެވެ. އައްޑޫގެ އެކި ދިމަދިމާލަށް ކުނި އަޅާ މައްސަލަ ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރެވޭ ތަނެއް ނުފެނެ އެވެ.

މީގެ ކުރިން "ނަލަ ފެހި އައްޑޫ ސިޓީ" ގެ ނަމުގައި ކައުންސިލުން ދެ ސަރަހައްދެއްްގައި ޑަސްބިންތައް ބެހެއްޓި އެވެ. އެއީ މަރަދޫފޭދޫގައި ހުންނަ ބީއެމްއެލް ބްރާންޗް ސަރަހައްދާއި މަރަދޫ ބަނދަރުމަތީގަ އެވެ.

އައްޑޫގެ އެންމެ ގިނަ މީހުން ޕިކްނިކް ދާ ހަންކެޑެ ސަރަހައްދަށް ކުނި އަޅާތީ ހިތަދޫ ރިވަރިން ޖަމިއްޔާ އިން އެ ސަރަހައްދުގައި ޑަސްބިން ބެހެއްޓިއަސް އެ ޑަސްބިންތައް އެކަށީގެންވާ ގޮތަށް ހުސްކުރެވިފައެއް ނުވެ އެވެ.

ރިވަރިން ޖަމިއްޔާ އިން ބުނީ އެ ޖަމިއްޔާއިން އެ ޑަސްބިންތައް ހުސް ކުރެވޭނެ އިންތިޒާމް ހަމަޖައްސަމުން އަންނަ ކަމަށެވެ.

ޖަމިއްޔާއަކުން ޑަސްބިން ބެހެއްޓުމަށް އިސްނަގާފައިވާއިރު މިކަމަށް އާއްމުންގެ އެކަށީގެންވާ ތަރުހީބެއް ނުލިބެއެވެ. ނަމަވެސް ޑަސްބިން ބެހެއްޓި ފަހުން ހަންކެޑަށް ކުނި އަޅާ މިންވަރު މަދެވެ. ގިނަ މީހުން ކުނި އަޅަނީ "ރިވަރިން"ގެ ޑަސްބިންތަކަށެވެ. ޑަސްބިން ފުރިފައިވާނަމަ ޑަސްބިން ކާރިއަށް ކުނި ޖަމާކުރެއެވެ.

ކުންޏާ ބެހޭ ގަވާއިދު ހާމަ ކުރި ނަމަވެސް އަދި މިގަވާއިދު އާއްމުންނަކަށް އެހާ ރަނގަޅަށް ނޭނގެ އެވެ. އެހެންވެ އަދިވެސް ކުނި އެޅެނީ ހޭޅިފަށާއި ރަށުގެ އެތަން މިތަނަށެވެ. ކުންޏާ ބެހޭ ގަވާއިދަށް އަމަލް ކުރަން ފެށި އިރު ވެސް އައްޑޫ ސިޓީ ކައުންސިލަކަށް މިކަމަކަށް ތައްޔާރުވެފައެއް ނުވެ އެވެ.

ބައެއް އާއްމު ރައްޔިތުން ބުނާ ގޮތުން ރަށުގެ އެކި ސަރައްދުތަކުގައި ބޮޑެތި ޑަސްބިންތައް ބަހައްޓައިފިނަމަ އެ ޑަސްބިން ތަކަށް މީހުން ކުނި އަޅާނެއެވެ. އެހެންވެއްޖެ ނަމަ ހޭޅި ފަށާއި ރަށުގެ އެކި ދިމަ ދިމާލަށް އުކާލާ ކުނީގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.

XCDR-13

ކުނީގެ މައްސަލައަކީ އައްޑު އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. އެކަމަށް ހަގީގީ މާނައެއްގައި މަަސައްކަތް ކުރެވިއްޖެ ނަމަ ހައްލެއް ލިބިގެންދާނެކަން ކަށަވަރެވެ.

އަދި އެކަމަށް ކައުންސިލުން މިހާރުން މިހާރަށް ތެދުވަން ޖެހެ އެވެ. ކުންޏާ ބެހޭ ގަވާއިދަށް މީހުން އަހުލުވެރިކޮށް، ކުނި އަޅާނެ ތަންތަން ވަކިކޮށް އެތަންތަނުގައި ޑަސްބިންތައް ބަހައްޓައި ގަވާއިދުން އެ ސަރަހައްދު ސާފު ކުރަވަން ޖެހެ އެވެ.

މާލެ ސިޓީ ކައުންސިލުން ޑަސްބިންތައް ބަހައްޓައިގެން ކުނި އެޅޭނެ ނިޒާމެއް ހަމަޖައްސައިފަ އެވެ. ދެން އޮތީ މި މަސައްކަތް އައްޑޫ ސިޓީ ކައުންސިލަށް ކުރެވޭނެ ދުވަހަކަށް އިންތިރު ކުރުމެވެ. ހޭޅި ފަށާއި، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ކުނި އެޅުން ހުއްޓޭނެ ދުވަހަކަށް އިންތިޒާރު ކުރުމެވެ.