Last Updated: July 17, 10:37
Friday, July 17, 2026
ޚަބަރު

ރައީސްގެ އިލްތިމާސް: ދީނީ ކަންކަމަށް އިސްކަންދީ

ރޯދަ މަހު ހެޔޮ ކަންތައްތައް ގިނަކޮށް އެ މަހުގެ ފައިދާ ހެޔޮ ގޮތުގައި ލިިބިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފި އެވެ.

ރޯދަ މަހުގެ މުނާސަބަތުގައި ރައީސް މިއަދު ދެއްވި މެސެޖްގައި ވިދާޅުވީ މި އަހަރުގެ ރަމަޟާން މަހާ ބައްދަލުވިއިރު، ލިބޭ އެންމެ ބޮޑު އުފަލަކީ އަދި ހިތްހަމަޖެހުމަކީވެސް، ކޯވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް އުވާލައި، ދިރިއުޅުމުގެ ޢާންމު ޙާލަތަށް ރުޖޫޢަވެވި، މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކޮށް، ދީނީގޮތުން އަދާކުރަންޖެހޭ އެންމެހައި އަޅުކަންތައް، އޭގެ އެންމެ ފުރިހަމަގޮތުގައި ކުރުމަށް މަގުތަނަވަސްވެފައިވުން ކަމަށެވެ.

"އެހެންކަމުން، މި މަތިވެރި ފުރުޞަތުގެ ބޭނުންހިފައި، ފުރިހަމައަށް ރޯދަހިފުމާއި، ތަރާވީޙް ނަމާދުކުރުމާއި، ކީރިތި ޤުރްއާން ކިޔެވުމުގައި ހީވާގިވެ، ރޫޙާނީ ދިރުން އިތުރުކުރުމަށް ގަދައަޅައި މަސައްކަތް ކުރުމަށް އިލްތިމާސް ކުރަމެވެ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރަމަޟާން މަހަކީ ރަޙްމަތުން ފުރިގެންވާ މައްސަރަކަށް ވީހިނދު، އެކަކު އަނެކަކަށް އޯގާތެރިކަން އިސްކޮށް، އިސްލާމީ އެއްބަނޑު އެއްބަފާކަމުގެ ގުޅުންތައް ދިރުވައި އާލާކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށެވެ. އަދި މި މައްސަރަކީ ފުއްސެވުމުގެ މޫސުމަކަށް ވީހިނދު، އެކަކު އަނެކަކަށް މަޢާފްކޮށް، ހިތްހެޔޮކަމާއި އެކުވެރިކަމާއެކު، އެކަކު އަނެކަކާ މުޢާމަލާތު ކުރުމުގެ ރީތި އާދަތައް ލިބިގަތުމަށް ގަދައަޅައި މަސައްކަތް ކުރުމަކީ ބޭނުންތެރި ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއީ ދިންނެވުމުގެ މޫސުމަކަށް ވީހިނދު، އަޅުގަނޑުމެންވެސް އެކަކު އަނެކަކަށް އެހީތެރިވެ، އަނެކުންގެ ބުރަތަކާއި ދަތިތައް ފިލުވައިދީ، އިންސާނިއްޔަތުކަން އިސްކުރުމަކީ، މި މާތް މައްސަރުގެ ދަރުމައާއި ޘަވާބު އެތައް ގުނައަކަށް އިތުރުވެގެންދާނޭ ކަންކަމެވެ." ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ރަމަޟާން މަހަކީ ކީރިތި ޤުރްއާނުގެ ހިދާޔަތުން މުޅި އިންސާނިއްޔަތަށް އަލިކޮށްދިން މައްސަރު ކަމަށްވީތީ، މި ބަރަކާތްތެރި ދުވަސްތަކުގައި ގިނަގިނައިން ޤުރްއާން ކިޔެވުމުގެ އާދަ ހަރުލެއްވުމަށް ވެސް ރައީސް ވަނީ އިލްތިމާސްކުރައްވާފަ އެވެ. އަދި ދީނީ ވާޖިބުތައް ފުރިހަމައަށް އަދާކޮށް، ސުންނަތް އަޅުކަންތަކަށް ފަރުވާތެރިވެ، ރޭއަޅުކަމަށް ސަމާލުކަން ދިނުމުގައި ހީވާގިވުން ބޭނުންތެރިކަން ރައީސް ފާހަގަކުރެއްވި އެވެ.