ގިނަ ބަޔަކު މިހާރު ދިރިއުޅެމުން އަންނަ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކުން މި މަހުން ފެށިގެން ކުލި ނަގަން ފަށައިފި އެވެ.
ކުލި ނެގުން ފަސްކޮށްދިން މުއްދަތު މިދިޔަ މަހުގެ ނިިޔަލަށް ވަނީ ހަމަވެފަ އެވެ. އެހެންވެ ދެން މި މަހުން ފެށިގެން ފްލެޓްތަކުން ކުލި ނަގަމުންދާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުންޏެވެ. ހިޔާ ފްލެޓްގެ މަހު ކުއްޔަކީ މެއިންޓަނެންސް ފީއާ އެކު 8،500ރ. އެވެ.
ފްލެޓްތައް ލިބުނު މީހުން އެތަންތަނަށް ބަދަލުވީ އަމިއްލަ އަށް ފިނިޝަން މަސައްކަތްތައްކޮށްގެންނެވެ. އެހެންވެ ކުލި ނެގުން ފަސްކޮށް ދިމީ ފްލެޓްވެރިން އަމިއްލަ އަށް ބޮޑު ހޭދައެއްކޮށްގެބް ފިނިޝިން މަސައްކަތްތައް ކުރަން ޖެހުމާ ގުޅިގެން، ކުލި ނެގުން ފަސްކޮށްދޭން ޑިމާންޑްކުރުމުންނެވެ.
އެޗްޑީސީން އެންމެ ފުރަތަމަ ނިންމީ މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް، ކުލި ނުނަގާ ގޮތަށް ގްރޭސް ޕީރިއަޑެއް ދޭށެވެ. އެ މުއްދަތު ހަމަވި އިރު ގިނަ ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ނުނިމޭތީ، ފްލެޓު ލިބުނު ބައެއް ފަރާތްތަކުން ގްރޭސް ޕީރިއަޑް އިތުރުކޮށްދިނުމަށް އެދުމުން އެ މުއްދަތު މިދިޔަ މަހުގެ ނިޔަލަށް އިތުރުކޮށްދިނީ އެވެ.