Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ޝަންގްރިއްލާގެ މައްސަލަ އަށް ފިރާގުގެ "ފޯމިއުލާއެއް"

އައްޑޫގެ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ ބަންދުކޮށްފައި އޮތުމަކީ މުޅި އައްޑު އަށް ލިބޭ ވަރަށް ބޮށު ގެއްލުމެއް ކަމަށާއި އެ ރިސޯޓްގެ މެނޭޖްމަންޓުން ކުރާހާ ޕްރެޝަރަކަށް ބޯނުލަނބައި ސަރުކާރުން އެތަނުގެ މައްސަލަ ހައްލުކޮށް ދިނުން ވަރަށް ރަނގަޅު ކަމަށް މުހައްމަދު ފިރާގު (އިނަ މޯލްޑިވްސް ފިރާގު) ވިދާޅުވެއްޖެ އެވެ.

އައްޑޫ ގަމަށް ޝެޑިއުލް ދަތުރުކުރާ ސްރީ ލަންކަން އެއާލައިންސްގެ ރާއްޖޭގެ އޭޖެންޓް، އޭސް އޭވިއޭޝަންގެ ވެރިޔާ ވިދާޅުވީ ގެއްލުންވާ ކަމަށް ބުނެ އެ ރިސޯޓް ބަންދުކޮށް، ސަރުކާރަށް ޕްރެޝަރުކޮށްގެން 60 މިލިއަން ޑޮލަރާއި ތަނުގެ ހިއްސާ އަމިއްލަ ކުރަން އުޅުމަކީ އައްޑު އަށް ދެވޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އެހެންވެ އޭނަގެ ނަަޒަރުގައި އެތަނުގެ މައްސަލަ ހައްލުކުރެވޭނެ އެހެން "ފޯމިއުލާތަކެއް" ވެސް އެބަހުއްޓެވެ.

އެއީ ޝަންގްރިއްލާ ޖަހާހާ "ބެރަކަށް ނުނަށައި" ސަރުކާރުން މިކަމުގައި އިތުރު އެހެން މަގުތަކެއް ހޯދުމެވެ. އެއް ގޮތަކީ އެތނުން "ޑިމާންޑްކުރާ" ފައިސާ އައްޑޫގައި ގެސްޓްހައުސްތައް ހަދަން ލޯނެއްގެ ގޮތުގައި ދިނުމެވެ.

"…އެ ފަސްދޮޅަސް މިލިއަން ޑޮލަރު [ދިނުމުގެ] ބަދަލުގައި ދިހަ ވަރަކަށް މިލިއަން ޑޮލަރުގެ ލޯން އައްޑޫ ގެސްޓްހައުސް ބިންތަކަށްދީ ނަމަ ދެހާހެއްހާ އެނދާއި އަށާރަ ސަތޭކައެއްހާ ވަޒީފާ އުފެދޭނެ،" ފިރާގު ވިދާޅުވި އެވެ. "އެއާ އެކު ހަލާކުވަމުންދާ ޒުވާނުންގެ ބޮޑު ބަޔަކު ހަމަ މަހަށް އެޅުމުގެ ފުރުސަތު ލިބޭނެ."

އޭނާ ވިދާޅުވީ ޝަންގްރިއްލާ އަށް ލިބިފައިވާ ގެއްލުން މަރާމާރުކުރަން އެމްޓީސީސީ ފަދަ ކުންފުންޏަކާ ހަވާލުކޮށްފި ނަމަ މި އަހަރުގެ ނޮވެމްބަރުގައި ހުޅުވޭ ވަރަށް އެ މަސައްކަތް ނިންމައި ވެސް ދޭނެ އެވެ.

ކޮވިޑް-19އާ ވިދިގެން ޝަންގްރިއްލާ ބަންދުކުރީ 2020 ގެ މެދުތެރޭގަ އެވެ. ފަހުން ކޮވިޑްގެ ހާލަތު ރަނގަޅުވާން ފެށުމުން ރިސޯޓް އަލުން ހުޅުވައިދޭން ޓޫރިޒަމް މިނިސްޓްރީން އެތައް ފަހަރެއްގ،ެ މަތިން އެދި އެކަމާ ގުޅޭ މަޝްވަރާތައް ވެސްކޮށްފައިވެ އެވެ. ނަމަވެސް މިކަން މިހާތަނަށް އޮތީ ކޮޅެއްގައި ނުޖެހި އެވެ.

މި މައްސަލައާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްއާ ރައްޔިތުންގެ މަޖިލީހުގައި މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ސުވާލުކުރުމުން ވިދާޅުވެފައި ވަނީ އެ ރިސޯޓާ ހެދި ސަރުކާރަށް ހެއްލުންވާތީ މިހާރު ނިންމާފައި އޮތީ ސަރުކާރުގެ 30 ޕަސެންޓް ހިއްސާ ދޫކޮށްލަން ކަމަށެވެ.

މައުސޫމް ވިދާޅުވީ ޝަންގްރިއްލާ ރިސޯޓުގައި ސަރުކާރުގެ 30 ޕަސެންޓް ހިއްސާ އޮންނަ އިރު، އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓަޑާއެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުމުގެ ދަށުން ރިސޯޓަށް ލިބޭ ގެއްލުމުގައި ސަރުކާރުން ވެސް ބައިވެރިވާން ޖެހޭ ކަމަށެވެ. އެހެންވެ ރިސޯޓަށް ލިބޭ މާލީ ގެއްލުން ފޫބައްދަން ދޭ ލޯނުގައި ސަރުކާރުން ބައިވެރިވާން ޖެހޭ ކަމަށާއި އެ ލޯނުގެ ފައިނޭންސިންގެ ގޮތުގައި ސަރުކާރުން މިހާރު ވެސް އެ ކުންފުންޏަށް 68 މިލިއަން ޑޮލަރު (1.04 ބިލިއަން ރުފިޔާ) ދައްކަން ޖެހިފައިވާ ކަމަށް މައުސޫމް ވިދާޅުވި އެވެ.

"[ސަރުކާރުގެ] ތިރީސް ޕަސެންޓް ހިއްސާ އޮވެ، ދައުލަތަށް އެއްވެސް އެއްޗެއް ނުލިބި އެހާ ގިނަ ދުވަސްވީމާ ދައުލަތުން ވެސް ބޮޑަށް ބޭނުން ވަނީ އެ ހިއްސާ އެ ބޭފުޅުންނަށް ދޫކޮށްލާފައި ކުރިއަށް ދެވޭނެ ގޮތް ހޯދަން." މިނިސްޓަރު ވިދާޅުވި އެވެ.

ޝަންގްރިލާގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލުމުގެ މަސައްކަތް ކުރުމަށް ޓޫރިޒަމްގެ ގާނޫނަށް އެއް އިސްލާހު ގެނައި ކަމަށާއި ނަމަވެސް އެ އިސްލާހުގެ ދަށުން ވެސް ހިއްސާ ބަދަލުކުރުމަށް 80 މިލިއަނެއްހާ ރުފިޔާ ހަރަދުވާ ކަމަށް މައުސޫމް ވިދާޅުވި އެވެ. އެ އިސްލާހުގެ ދަށުން ސަރުކާރުގެ 30 ޕަސެންޓް ހިއްސާ އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓަޑަށް ގަނެވޭ ގޮތަށް މަގުފަހިވާނެ ކަމަށް މައުސޫމް ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވި ގޮތުގައި އަދިވެސް މަސައްކަތްކުރަނީ މި އަހަރުގެ ތެރޭގައި ޝަންގްރިއްލާ އަލުން ހުޅުވޭތޯ އެވެ.

ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ އެ ރިސޯޓަކީ އައްޑޫގައި 2008 ގައި ހުޅުވި ރިސޯޓެކެވެ. ކޮވިޑާ ހެދި އައްޑޫ ކެނަރީފް ރިސޯޓް ވެސް 2020 ގައި ބަންދުކުރި އެވެ. އެކަމަކު އެ އެ ރިސޯޓް މި އަހަރުގެ ޖެނުއަރީގައި ވަނީ އަލުން ހުޅުވައިފަ އެވެ.