ކިންގް ސަލްމާން މިސްކިތް އަދިވެސް މާލެ ސިޓީ ކައުންސިލާއި ހަވާލު ނުކުރާ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
މިދިޔަ ހުކުރު ނަމާދާ އެކު ސަލްމާން މިސްކިތުގައި ނަމާދު ކުރަން ފަށާފައިވާއިރު، އެ މިސްކިތުގައި ހުކުރު ކުރެއްވީ ޝައިހް އިލްޔާސް ހުސެއިން އެވެ.
މަސްޖިދުލް މަލިކި ސަލްމާންގެ ފޮޓޯ ގެލެރީ#MVIaffairs pic.twitter.com/7mxgm24vPk
— Ministry of Islamic Affairs (@MVIaffairs) April 1, 2022
މުއިއްޒު ވިދާޅުވީ ކިންގް ސަލްމާން މިސްކިތް ބަލަހައްޓަނީ ސަރުކާރުން ކަމަށާއި ސިޓީ ކައުންސިލާއި ހަވާލު ނުކުރާ ކަމަށެވެ. އަދި މިސްކިތަށްދާ ފަރާތްތަކަށް އެކަށީގެންވާ ޕާކިން އޭރިއާއެއް ހެދުމަށް ނިމިދިޔަ ވެރިކަމުގައި ޕްލޭން ހަދާފައިވާނެ ކަމަށާއި އެޕާކިން އޭރިއާ ރޯދައިގެ ކުރިން ހަދާ ނިންމުމަށް އެކަމަށް ހަމަޖެހިފައިވާ ބިން ކައުންސިލާއި ހަވާލުކުރުމަށް ވެސް އެދިފައިވީ ނަމަވެސް ސަރުކާރުން އެއްބާރުލުން ދީފައި ނުވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މާލެ ސިޓީ ކައުންސިލުން ތިބީ ރައްޔިތުންނަށް ފަސޭހަ ވާނެ ކަންކަމުގައި އެއްބާރުލުން ދޭން ކަމަށާއި ފަސޭހައިން ހައްލުވާ ކަންކަމުގައި ސަރުކާރުން މާލެ ސިޓީ ކައުންސިލަށް އެއްބާރުލުން ނުދެނީ ކީއްވެގެންކަން ނޭނގޭ ކަމަށްވެސް މޭޔަރު ވިދާޅުވި އެވެ.

ކިންގް ސަލްމާން މިސްކިތަކީ ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްއަޒީޒްގެ އެހީގެ ދަށުން ބިނާކުރި މިސްކިތެކެވެ. މިއީ މާލޭގައި ހުރި އިސްމީ މަރުކަޒު ފިޔަވައި އެންމެ ބޮޑު މިސްކިތް ވެސް މެ އެވެ.
އެއްފަހަރާ 4،000 އެއްހާ މީހުންނަށް ނަމާދުކުރެވޭ ގޮތަށް ހަދާފައިވާ ސަލްމާން މިސްކިތަކީ ގިނަ ކަންކަމަށް ބޭނުން ވެސް ހިފޭ ގޮތަށް ފަރުމާކޮށްފައިވާ ޖާގަ ތަނަވަސް މިސްކިތެކެވެ. މިސްކިތުގެ ފުރަތަމަ އާއި ދެވަނަ ފަންގިފިލާ ހާއްސަކޮށްފައި ވަނީ ނަމާދު ކުރުމަށެވެ.
މިއަދުގެ ހުކުރު ނަމާދުން ފެށިގެން މަސްޖިދު ސަލްމާންގައި އާއްމުކޮށް ނަމާދު ކުރަން ފަށާނެ. މަސްޖިދު ސަލްމާންގެ އިމާމަކަން އައްޝައިޚް ނަސްރުﷲ ޢަލީ ވަނީ ހަމަޖައްސަވާފަ. pic.twitter.com/wjpIu87gz8
— Ministry of Islamic Affairs (@MVIaffairs) April 1, 2022
މިސްކިތުގެ ތިން ވަނަ ފަންގިފިލާގައި ހަތަރު ކްލާސްރޫމާއި ފަސް ސެމިނަ ރޫމްގެ އިތުރުން އިސްލާމިކް ލައިބްރަރީއަކާއި އިދާރީ މަސައްކަތްތަކަށް ހާއްސަ ތަނެއް ހަދާފައިވެ އެވެ. ހަތަރު ވަނަ ފަންގިފިލާ ހާއްސަކޮށްފައި ވަނީ އެކިއެކި ސެމިނަރތަކާއި ކޮންފަރެންސްތައް ބޭއްވުމަށް ޚާއްސަ އޮޑިޓޯރިއަމަކަށެވެ. މިއީ 350 މީހުންގެ ޖާގައިގެ ތަނެކެވެ.
މީގެ އިތުރުން މިސްކިތުގެ ފަސް ވަނަ ފަންގިފިލާ ހާއްސަކޮށްފައި ވަނީ ދީނީ ދަރުސް ދިނުމަށާއި، ނަމާދު ކުރުމަށް ވެސް ބޭނުންކުރެވޭނެހެން މަލްޓި-ޕާޕަސް ހޯލެއްގެ ގޮތުގައެވެ.