Last Updated: July 21, 17:45
Tuesday, July 21, 2026
ރިޕޯޓް

އަލުން ދޫގަހުގެ ވާހަކަ، ކިހާ ވަރަކުން ދާނެ ބާ؟

އައްޑޫ ގަމުގައި ކުރިން ހިންގި ދޫގަހަކީ، ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ވަރަށް ފެންވަރުގައި ހިންގި ގެސްޓްހައުސްއެކެވެ. އޭރު އެތަން މައިގަނޑު ގޮތެއްގައި ބޭނުން ކުރެވުނީ އައްޑު އަށް ވަޑައިގަންނަވާ ސަރުކާރުގެ އިސްވެރިން ތިއްބަވާ ތަނެއްގަ އެވެ.

އެހެންވެ ދޫގަސް މައުމޫންގެ ވެރިކަން ނިމުމާ ހަމައަށް ހިންގަމުން އައި ވަރަށް ތަރުތީބުކޮށެވެ. އެތަނަކީ އައްޑޫގެ ހުރިހާ އަވަށަކުން ވެސް މީހުން އެކި ވަަޒީފާތައް އަދާކުރި ތަނެކެޗެ. އެހެންވެ ދޫގަސް ގުޅިފައި އޮތީ އައްޑޫގެ ރައްޔިތުންތަކެއް ކާންބޯންކުރި މަސައްކަތާ އެވެ. އޭރުގެ އެޓޯލް މިނިސްޓްރީގެ ދަށުން ހިންގަމުން އައި ގަން ބަލަހައްޓާ ޔުނިޓްގެ ދަށުން ދޫގަހަކީ ކުރިންވިއްޔާ އައްޑޫގެ އެންމެ ހާއްސަ ފެސިލިޓީ އެވެ.

ގެސްޓްހައުސްތަކުގެ އަޑުފައްގަނޑު ނެތް ޒަމާނެއްގައި ގަމުގެ ދޫގަސްވީ އައްޑޫ ރައްޔިތުންނަށް ރަންގަނޑެއް ކަހަލަ ތަނަކަށެވެ. އެކަމަކު އެ ހުރިހާ ކަމެއް މާޒީވެ ގޮސް މުޅިތަން މިހާރު "ވިއްސިވިހާލިވެ ވީރާނާ ވެސް ވީ" އެވެ.

ދޫގަސް މިސްރާބެއް ނެތް އަމާޒަކަށް ދިއުމުގެ މައިގަނޑު އަސްލަކަށްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދެކުނުގެ ދަތުރުފަތުރުގެ ހިދުމަތް ދޭން ހަވާލުކުރި އެމްވީކޭއާ ތަން ހަވާލުކުރުމެވެ. އޭރު އެތަން އެ ކުންފުންޏަށް 2009 ގައި ދިނީ ދަތުރުފަތުރުގެ ސަބްސިޑީއެއްގެ 50 އަހަރުގެ މުއްދަތަކަށެވެ. އެކަމަކު އެމްވީކޭއާ އެކު ފެނިގެން ދިޔައީ ދޫގަސް "އުފުރާލެވި" މުޅިން އެހެން ގޮތަކަށް އެތައް ބައްޓަންކުރަން ކުރަން މަސައްކަތްކުރެވުނު ތަނެވެ. ނަތީޖާ އަކީ އެއްވެސް ކޮޅެއްގައި ނުޖެހި، ދޫގަސް މުޅިން ބޭކާރު ތަނަކަށްވުމެވެ. ފަހުން ފެނިގެން ދިޔައީ ރަނގަޅަށް ބަލަހައްޓައި ހިންގަމުން އައި އެތަން އެއްކޮށް "ސުންފާތިކޮށްލި" ތަނެވެ.

އެމްވީކޭ އަށް ދޫގަސް ދިނުމުން އެ ކުންފުނިން އެތަނުގެ ނަން ގޭން އައިލޭންޑް ރިޓްރީޓް މޯލްޑިވްސް (ޖީއައިއާރް) އަށް ބަދަލުކޮށް، ތަނުގެ ޑިޒައިނަށް ވެސް ބައެއް ބަދަލުތައް ގެނަ އެވެ. އަދި ފަހުން އެމްވީކޭ އިން 2014 ގައި އެތަން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ވިޔަފާވެރިޔާ އަބްދުﷲ ޖާބިރުގެ ޖޭ ހޮޓެލްސް އަށް ވެސް ދިނެވެ. ކުޑަ ދުވަސްކޮޅަކަށް އެ ކުންފުނިން އެތަން ހިންގީ ނަން "ޖޭ ޕެލަސް" ގެ ނަމުގަ އެވެ.

އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ގައި އެތަން ސަރުކާރަށް ނެގި އެވެ. އެމްވީކޭ އިން އޭރު، ދޫގަސް ރަހުނުކޮށް ބޭންކް އޮފް ސިލޯނުން ނެގި ލޯނެއްގެ މައްސަލަ ވެސް ކޯޓުގައި އޮތެވެ.

އަދިވެސް އެ ލޯނުގެ މައްސަލަ ވެސް އޮތީ މުޅިން ކޮޅެއްގައި ނުޖެހި އެވެ. އެމްވީކޭ އަތުން ދޫގަސް ނެގި އިރު، އެ ކުންފުނިން އެ ތަން ރަހުނުކޮށް، ބޭންކް އޮފް ސިލޯނުން ނެގީ 2.7 މިލިއަން ޑޮލަރު (41.6 މިލިއަން ރުފިޔާ) ލޯނެކެވެ. އެ ލޯނު އަދިވެސް ދައްކާ ނުނިމޭތީ، ކޯޓުން އޮތީ ލޯނު ނުދައްކައިފި ނަމަ ދޫގަސް ވިއްކާލުމުގެ ބާރު ވެސް ބޭންކަށް ދީފަ އެވެ.

ޔާމީންގެ ސަރުކާރުން ދޫގަސް ނަގައި، އޭރު އެމްޕީއެލްއާ ހަވާލުކުރީ 120 އެނދުގެ ސިޓީ ހޮޓަލެއްގެ ގޮތުގައި ތަރައްގީކުރުމަށެވެ. އޭރު ދޫގަހުގެ ޑިވެލޮޕްމަންޓް ކޮންސެޕްޓް ޑިޒައިން ލޯންޗްކުރީ ފެބްރުއަރީ 23، 2018 ގަ އެވެ. އެމްޕީއެލްއާ އެތަން ހަވާލުކުރި އިރު އެ ކުންފުންޏަކީ އޭރުން ފެށިގެން އައްޑޫގައި ބަހާއި ފެރީގެ ހިދުމަތްދޭ ކުންފުންޏެވެ. އެމްޕީލްއެލްއާ ދޫގަސް ރަސްމީކޮށް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ ޖޫން 14، 2018 ގަ އެވެ.

ދޫގަސް އެމްޕީއެލްއާ ރަސްމީކޮށް ހަވާލު ކުރުމުގެ ރަސްމިއްޔާތު.

ނަމަވެސް ޔާމީންގެ ސަރުކާރު ވެސް ނިމިދިޔައީ ދޫގަސް ތަރައްގީނުކުރެވި އެވެ. މި ފަހުން އެތަން ބޮޑަށް ބޭނުން ކުރަމުން އައީ ކޮވިޑްގެ ފެސިލިޓީއެއްގެ ގޮތުގަ އެވެ.

މިދިޔަ ހަފުތާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޑު އަށް ކުރެއްވި ދަތުރާ އެކު މިހާރު މި ވަނީ އަނެއްކާ ވެސް ދޫގަހުގެ ވާހަކަ އަލުން ތިލަކޮށްފަ އެވެ. މި ސަރުކާރުގެ އަމާޒަކީ ވެސް ޔާމީން ސަރުކާރުން ޕްލޭންކުރި ގޮތަށް 120 އެނދުގެ ސިޓީ ހޮޓަލެއް ތަރައްގީކުރުމެވެ.

"އެތަނުގައި 120 އެނދުގެ ހޮޓަލެއް މި އަންނަ އަހަރުގެ މޭ، ޖޫން ހިސާބުގައި ހުޅުވޭނެެކަމުގެ ޔަގީންކަން އެބައޮތް." ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް–

އެ މަސައްކަތް މި ފަހަރު ސަރުކާރުން ހަވާލުކުރަން ނިންމީ ގަން އިންޓަނޭޝަނަލް އެއާޕޯޓް (ޖީއައިއޭ) އެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަސައްކަތް ސަރުކާރުން ހަވާލުކުރަން ނިންމީ ދޫގަހުގެ ލޯނާ ސަރުކާރުން ހަވާލުވާ ގޮތަށެވެ. އެހެންވެ އެމްޕީއެލާއި އެ ކުންފުންޏާ ދެމެދު ބިން ބަދަލުކުރުމުގެ އެއްބަސްވުމުގައި ވެސް ވަރަށް އަވަހަށް ސޮއިކުރާނެ އެވެ.

ޖީއައިއޭ އިން ބުނި ގޮތުގައި ދޫގަސް އެ ކުންފުންޏާ ހަވާލުކުރުމުގެ ވިސްނުމަކީ ސަރުކާރުން 2020 އުން ފެށިގެން ގެންގުޅެމުން އައި ހިޔާލެކެވެ. އެހެންވެ ވިސްނުމާ އެއްގޮތަށް އެތަން ތަރައްގީކުރަން ވާން ޖެހޭ ތައްޔާރީތައް މިހާރު ވެސް ކުރިއަށްދާ ކަމަށް ބުންޏެވެ.

ޖީއައިއޭ އިން ބުނީ އަމާޒަކީ ރައީސް ވެސް ވިދާޅުވި މުއްދަތަށް ދޫގަސް އަލުން ތަރައްގީކޮށް ހުޅުވުން ކަމަށެވެ. އެއާ އެކު އައްޑޫގެ އެތައް ބަޔަކަށް ވަޒީފާގެ ފުރުސަތު ވެސް ހުޅުވި، އިގުތިސާދީ ގޮތުން އެއީ އައްޑު އަށް މުހިއްމު ތަނަކަށް ވާނެ އެވެ.

އެކަމަކު ސުވާލަކީ ދޫގަހުގެ ވާހަކަ އަނެއްކާ މި ދެކެވެނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ދިމާކޮށް ދައްކާ ވާހަކައެއްގެ ގޮތުގައި ނޫން ބާވަ އެވެ؟ ޔަގީނުން ވެސް އެއީ ގިނަ ބަޔަކު އުފައްދާނެ ސުވާލެކެވެ. އިންތިހާބެއް ބޯމަތީގައި އޮންނަ ކޮންމެ ދަނޑިވަޅެއްގައި މިފަދަ ވައުދުތަކާއި ތަރައްގީގެ ޕްލޭންތަކުގެ ވާހަކަ ސަރުކާރުތަކުން ރައްޔިތުންނަށް އަބަދު ވެސް ވެ އެވެ.

އަންނަ އަހަރަކީ ރިޔާސީ އިންތިހާބު އޮންނާނެ އަހަރަކަށްވާތީ ރައީސް ސޯލިހަށް އައްޑޫން ވޯޓް ހޯދަން ބޭނުންކުރާ އުކުޅެއްގެ ގޮތުގައި ދޫގަހުގެ ވާހަކަ ނުވެއްޖިއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ.