އޮންލައިންކޮށް ނުދެއްކޭ ފަރާތްތަކުގެ ފިތުރު ޒަކާތް އިސްލާމިކް މިނިސްޓްރީން ބަލައިގަންނަން ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީގެ ހޯލުގައި ޒަކާތް ބަލައިގަންނަން ފަށާފައިވާއިރު، މި އިންތިޒާމު ހަމަޖެހިފައިވަނީ އުމުރުން ދުވަސްވެފައިވާ ފަރާތްތަކަށާއި އޮންލައިންކޮށް ޒަކާތްދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.
ޒަކާތްބަލައިގަންނަމުންދާނީ ކޮންމެ ދުވަހެއްގެ ހެނދުނު :0010 އިން މެންދުރު 01:00 އާއި ހަމައަށެވެ.
ޒަކާތް ބަލައިގަތުން އޮންލައިންކޮށްވެސް ހަމަޖެހިފައިވާއިރު، ދިރާގުގެ ދިރާގުޕޭ، އުރީދޫގެ އެމްފައިސާ، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާ މޮބައިލް، ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް، ފަހި ޕޭ، އަދި މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ. ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތްދެއްކޭނެއެވެ.
މިނިސްޓްރީން ބުނެފައިވަނީ އޮންލައިންކޮށް ބަލައިގަންނަ ޒަކާތުގެ ތެރެއިން ރަށްރަށަށް ދައްކާ ޒަކާތް އެރަށަކާ ހަވާލުކުރެވޭނެ ކަމަށެވެ.
މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަތުން ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފެށިފައިވާއިރު 28 ރަމަޟާން (20 އޭޕްރީލް) އާ ހަމައަށް ކުރިއަށް ދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.