Last Updated: June 13, 18:07
Saturday, June 13, 2026
ދުނިޔެ

އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ބޭރުކޮށްލައިފި

އިމްރާން ޚާން-- ފޮޓޯ: އޭޕީ

ބޭރުގެ ނުފޫޒު އޮތްކަމަށް ބުނެ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

އިމްރާން ޚާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލާފައިވަނީ އެ މައްސަލަ ޕާކިސްތާނުގެ ޤާނޫނުއަސާސީގެ 5 ވަނަ މާއްދާއާ ޚިލާފުވާކަމަށް ބުނެއެވެ.

މި މައްސަލަ މަޖިލީހުން ބެރުކޮށްލާފައިވަނީ އިމްރާން ޚާން މަގާމުން ދުރުކުރެވޭނެ ވަރަށް ވޯޓު ހަމަވެފައިވާކަމަށް އެގައުމުގެ އިދިކޮޅު ކޯލިޝަނުން ބުނެފައިވަނިކޮށެވެ. އަދި ވޯޓާ ގާތްވެފައި ވަނިކޮށް އިމްރާން ޚާންގެ ސަރުކާރާ ކޯލިޝަން ހަދައިގެން އޮތް ޕާޓީއެއްގެ މެމްބަރުން ވެސް ވަނީ އިދިކޮޅާ ގުޅިފައެވެ.

މިމައްސަލައަށް މިއަދު ޕާކިސްތާންގެ މަޖިލީހުގައި ބަހުސް ކުރަމުން ދިޔައިރު، އިމްރާން ޚާންގެ ސަރުކާރަށް ތާއިދު ކުރާ މެމްބަރުން ވަނީ އިމްރާން ޚާން މަގާމުން ދުރުކުރުމަށް ހުށަހަޅާފައިވާ މައްސަލައަކީ އެމެރިކާގެ ނުފޫޒުން ކުރިއަށްދާ ކަމެއްކަމަށް ތުހުމަތު ކޮށްފައެވެ.

އިތުބާރު ނެތްކަމުގެ މައްސަލަ ބޭރުކޮށްލުމުން އެކަން ސުޕްރީމް ކޯޓަށް ހުށަހެޅުމާމެދު ގޮތެއް ނިންމާނެ ކަމަށް އިދިކޮޅުން ބުނެފައިވެއެވެ.

މަޖިލިސް އުވާލުމަށް ގޮވާލުން!

އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުން ބޭރުކުރުމުން، ގައުމާ މުހާތަބުކޮށް ވާހަކަ ދައްކަވަމުން އިމްރާން ޚާން ވަނީ މަޖިލިސް އުވާލާ އަވަސް އިންތިހާބެއް ބޭއްވުމަށް ޕާކިސްތާނުގެ ރައީސަށް ލަފާ އަރުވާފައިވާކަންވެސް ހާމަކުރައްވާފައެވެ.

އިމްރާން ޚާން ވިދާޅުވެފައިވަނީ މަޖިލިސް އުވާލުމުން ވަގުތީ ސަރުކާރެއް ޤާއިމުކުރުމުގެ ކަންކަން ކުރިއަށްދާނެ ކަމަށެވެ.

މަޖިލިސް އުވާލުމަށް ލަފާދިފައިވާ ކަމަށް އިމްރާން ޚާން ވިދާޅުވިނަމަވެސް، އެކަން ކުރާނެ އަދި އާ އިންތިހާބެއް ބާއްވާނެ ތާރީހެއްވެސް ސާފެއް ނުވެއެވެ.