ހިޔާ ފްލެޓް ސަރަހައްދުގައި ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތްތަކުން ބަހައްޓާފައިވާ ތަކެތި ނެގުމަށް އެޗްޑީސީން އަންގައިފިއެވެ.
އެޗްޑީސީން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ހުޅުމާލެ ހިޔާ ފުލެޓު ސަރަހައްދަކީ ވަރަށް ގިނަ ކޮންސްޓްރަކްޝަން މަސައްކަތްތަކެއް ކުރަމުންދާ ސަރަހައްދަކަށްވާތީ، ކާބޯތަކެތި ފޯރުކޮށްދިނުމުގެ ޚިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ދަށްވެފައި، މިފަދަ ތަންތަނުން ދޭ ޙިދުމަތްތަކުގެ ސަބަބުން ކުރިމަތި ވެދާނެ ބަލިމަޑުކަމެއް ފެތުރި ދާނެ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
އެޗްޑިސީން ބުނެފައިވަނީ މިތަންތަނުގައި ޚިދުމަތް ދެމުންގެންދަނީ ކަމާއިބެހޭ އިދާރާތަކުން ނަގަން ޖެހޭ ހުއްދަތައް ނުނަގާ ކަނޑައަޅާފައިވާ ޤަވައިދުތަކާއި އުސޫލުތަކާއި ހިލާފަށްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން، 04 އެޕްރީލް 2012 ފެށިގެން 10 އެޕްރީލް 2022 ގެ ނިޔަލަށް މި ސަރަހައްދުގައި ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކުން ބަހައްޓާފައިވާ ތަކެތި ނަގައި ސާފުކޮށް އަދި މި ފަދަ ޙިދުމަތްތައް ދިނުން ހުއްޓާލުމަށް އެޗްޑީސީން ގޮވާލާފައިވެއެވެ. އަދި މި ތާރީހުގެ ފަހުން މިފަދަ ހިދުމަތްތައް ދޭ ފަރާތްތަކަށް ފިޔަވަޅު އަޅާ، ނުނަގައި ހުރި ތަކެތި ނަގައި ސާފުކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.