Last Updated: June 13, 18:07
Saturday, June 13, 2026
ޚަބަރު

ފެލިވަރު ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް

ޅ. ފެލިވަރު ބިން ހިއްކުމާއި ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދަމުން އަންނަކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ ފެލިވަރު ބިން ހިއްކުމާއި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމެންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ. ބިންހިއްކުމާއި، ބަނދަރު ފުންކުރުމުގެ 95 އިންސައްތަ މަސައްކަތް ފުރިހަމަ ކުރެވިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން، 6 ހެކްޓަރުގެ ބިން ހިއްކުމާއި، 229,663.36 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 220 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 148 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 270 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

ޅ. ފެލިވަރު ބިން ހިއްކުމާއި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 113.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.