އަންނަ އަހަރުގެ އައްޑޫ އިންޓަނޭޝަނަލް ޕޯޓް ބޮޑުރުމުގެ މަސައްކަތުގެ މަރުހަލާގެ ފޭހުގގެ މަސައްކަތް ނިމި ބޮޑެތި ބޯޓުފަހަރަށް މަގަތު ފާލަމަށް ކައިރިކޮށް މުދާ ބޭލޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.
އެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީން މިހާރު ކުރަމުން އަންނަނީ އީއައިއޭގެ މަސައްކަތެވެ. އަދި އަންނަ އަހަރުގެ ޖުލައި މަހުގައި، ފޭސް އެކެއްގެ މަސައްކަތް ނިމޭނެކަމަށް އެ ކުންފުނިން ބުނެ އެވެ. މި ފޭހުގެ މަސައްކަތުގެ ތެރޭގައި މަގަތު ފާލަން މިހާރު އޮތްތަނުން ބަދަލުކޮށް ބޮޑުކުރުމާއި ހިއްކައި ބްރޭކްވޯޓަގެ މަސައްކަތް ކުރުން ހިމެނެ އެވެ.

އެމްޕީއެލުން ބުނީ މިހާރު ޕޯޓަށް ބޭނުންވާ އިކުއިޕްމަންޓްސް ގަންނަން ވެސް ހަވާލުކޮށްފައިވާ ކަމަށާއި އެ ތަކެތި ލިބުމުގައި ލަސްކަމެއް އުޅެނީ، ސަޕްލައި ޗެއިނަށް އަށް މަސް ދުވަސް ނަގާތީ ކަމަށެވެ. އެކަމަކު މި އަހަރު ފަހުކޮޅުގެ ނުވަތަ އަންނަ އަހަރު ކުރީކޮޅު އެތަކެތި ލލިބޭނެ އެވެ.
"މިހާރު ވެސް އަޅުގަނޑުމެން ކުންފުނިން ވަނީ ޕޯޓުގެ މަޝްރޫއާ ގުޅިގެން މުވައްޒަފުން ޓްރެއިން ކުރުމުގެ މަސައްކަތް ފަށާފައި. އެގޮތުން ގިނަ މުވައްޒަފުން މިހާރުވެސް ޓްރެއިންކުރެވިފައިވާ އިރު، ޕޯޓު މަސައްކަތް އެމްޓީސީސީން ނިންމައި އަޅުގަނޑުމެންނާއި ހަވާލުކުރުމާ އެކު އަޅުގަނޑުމެންނަށް ޕޯޓު އޮޕަރޭޝަނަށް ގެނެވޭނެ،" އެމްޕީއެލް އިން ބުންޏެވެ. "ހިތަދޫ ޕޯޓު މިހާރު ހަދާފައި އޮތް ގޮތުން އެ ޕޯޓުގެ ކީވޯލް އިންނަނީ ގަމު ކަނޑާއި ވިލިނގިލި ކަނޑާ ދިމާ މެދަށް. އެތަނުގެ ބާނި އޮންނަ ގޮތުގެ ސަބަބުން އެތަނާ ކައިރިކޮށްފައި އޮންނަ ބޯޓުތައް ވަރަށް ބޮޑަށް ހަލުވާ. ރައްކާތެރިކަމާއެކު މުދާ ބޭލުމުގައި ވަރަށް ގިނަ ދަތިތަކެއް ކުރިމަތިވޭ. އަދި ގިނަ ޝިޕިންގ ލައިންތަކުން މިކަމުގެ ސަބަބުން ޕޯޓަށް އައުމަށް ފަސްޖެހޭ."
ހިތަދޫ ޕޯޓުގެ މާސްޓަ ޕްލޭން ޑިޒައިންކޮށްފައި ވަނީ ކަމާ ގުޅުންހުރި މާހިރުންނާ އެކު މަޝްވަރާކޮށް، ޕޯޓުގެ އެތެރެއަށް ވަދެވޭ ގޮތަށް ރައްކާތެރި ބަނދަރެއްގެ ގޮތުގަ އެވެ. މިއާ އެކު ކުރިން ދިމާވި ހުރިހާ ކަމަކަށް ހައްލު ލިބި، ބަނދަރު ބޭނުން ކުރުމުގައި ގިނަ ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

އެންމެ ފަހުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޑު އަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ޕޯޓާ ބެހޭ ގޮތުން ވާހަކަ ދައްކަވައި ރައްޔިތުންގެ ކަންބޮޑުވުންތައް އައްސަވާފައި. އަޅުގަނޑުމެން ކުންފުންޏާއި އެމްޓީސީސީން ވަނީ ރައީސާ ބައްދަލުކޮށް ޕޯޓުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށްފައި." އެމްޕީއެލް އިން ބުންޏެވެ.
އައްޑޫ ސަރަޙައްދީ ޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، 500,972 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 8.50 ހެކްޓަރުގެ ސަރަހައްދެއްގެ ބިންހިއްކުމާއި، 2،360 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 25،900 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެ އެވެ.

އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއަކީ 211.771 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މަޝްރޫއު ނިންމުމަށް ހަމަޖެހިފައި ވަނީ 525 ދުވަހުގެ ތެރޭގަ އެވެ.
ޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު މި ކުންފުނިން އެމްޓީސީސީއާ ހަވާލުކުރީ އޭޕްރީލް 2، 2021 ގަ އެވެ.