Last Updated: April 28, 06:03
Sunday, April 28, 2024
ރިޕޯޓް

އައްޑޫގެ ޖިންސީ ގޯނާގެ މައްސަލަ: އަންހެން މީހާ ހުރީ ފްރޭމްކޮށްފައިތަ؟

ހިތަދޫ ޕޮލިސް ސްޓޭޝަން

އައްޑޫގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ފެންވަމަތިވި ވާހަކައާއެކު އެހެން ވާހަކައެއްވެސް ފެންމަތިވެއްޖެ އެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރި މީހާ އަކީ އެކަން ކުރި މީހާ ނޫން ކަމަށްބުނެ ބައެއް އުފެއްދި ސުވާލެވެ. ކުޑަ އަންހެން ކުއްޖާއާމެދު ޖިންސީ ގޯނާގެ އަމަލު ހިންގި މީހާ ކަމަށް ތުހްމަތުކޮށް ފުލުހުން ހައްޔަރުކުރި މީހާއަކީ ހަ އަހަރުގެ އެ އަންހެން ކުއްޖާ ކިޔަވާ ސްކޫލު މަސައްކަތު މީހެކެވެ. އެމީހާ ހައްޔަރުކުރުމުން އެރަށުގެ މީހުން އެކަމާ ދެކޮޅަށް މުޒާހަރާވެސް ކުރި އެވެ. އެ އަންހެން މީހާ ބަަލަމުންދިޔަ ޔަތީމު ކުދިންތަކެއް "މަންމަ ފަދަ ދައްތަ"ގެ ދިފާއުގައި ނިކުތެވެ. ސުވާލަކީ އެ އަންހެން މީހާ ހައްޔަރުކުރުމުން އެއީ ރަނގަޅު މީހާ ނޫން ކަމަށް ބުނެ މީހުންގެ ނުރުހުން އެހާ ވަރަށް އޮތީ ކީއްވެ ހެއްޔެވެ؟

ހައްޔަރުކުރި މީހާ ދެކޮޅަށް އޮތީ ކޮން ހެއްކެތް؟
އައްޑޫ ސިޓީ ހިތަދޫގެ ސްކޫލެއްގައި ކިޔަމުންދާ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އަދި އެ މައްސަލައާގުޅިގެން 59 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު މީޑިޔާތަކަށް ކަށަވަރުކޮށްދީފަ އެވެ. މައްސަލާގެ ބާވާތުގެ ގޮތުން ހައްޔަރުކުރި އަންހެން މީހާ އާއި އެކަން ހިނގާފައިވާ ރަށާއި އަނިޔާ ލިބުނު ކުއްޖާގެ އެއްވެސް ވަނަވަރެއް ފުލުހުން ހާމަނުކުރެ އެވެ.

އައްޑޫ ލައިވްއިން ހޯދި މައުލޫމާތުތަކުން އެނގުނު ގޮތުގައި އަންހެން މީހާ ހައްޔަރުކޮށްވަނީ އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރީ ސްކޫލްގެ މަސައްކަތުގެ މީހެެއް ކަމަށް އެ ކުއްޖާ ބުނި ކަމަށްބުނެ ކުއްޖާގެ މަންމަ ފުލުހުންނަށް ދިން މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށެވެ. އަދި މިހާތަނަށް އައިރުވެސް ފުލުހުން ވެސް އަދި ކަމާ ގުޅޭ އެއްވެސް ތަހްގީގު އިދާރާއަކުން ކުއްޖާގެ ބަޔާނެއް ނަގާފައެއްނުވެ އެވެ.

"ޔަގީނުންވެސް ކުއްޖާގެ ބަޔާނެއް ފުލުހުން މިހާތަނަށް ނަގާފައެއް ނުވޭ. އެ އަންހެން މީހާ ބަންދު ކުރަން އަމުރަށް ކޯޓުން އެދުނު އިރު ވެސް އަދި އޭގެ ފަހުން އެމީހާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ގޮސް އެމީހާ ޝަރީއަތް ނިންމެންދެން ބަންދުގައި ބަހައްޓާދޭން ފުލުހުން އެދުނިއިރުވެސް ފުލުހުން އަތުގައި ނެތް އެ ކުއްޖާ އާ ސުވާލުކޮށްގެން ފުލުހުން ހޯދާފައިވާ ބަޔާނެއް. އެކަން އެނގެނީ ކޯޓު އަމުރު ހޯދަން އަދި ބަންދު މުއްދަތު އިތުރުކުރަން ކޯޓަށް އެފަދަ ލިޔުމެއް ހުށައަޅާފައި ނެތީމަ. ހަމަ އެކަނި އޮތީ އެ ކުއްޖާ މަންމަ ފުލުހުންނަށް ދިން މައުލޫމާތެއް،" އެކަމުގެ މައުލޫމާތު އެނގޭ މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް ކިޔާދިނެވެ.

ފުލުހުން އެ އަންހެން މީހާ ހައްޔަރުކުރުމަށްފަހު 24 ގަޑިއިރު ތެރޭގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމަށްފަހު ފުލުހުން އެދުނީ މައްސަލައިގެ ތަހްގީގު ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމަށެވެ. ނަމަވެސް ބަންދު ކުރުމަށް ނެރުނު އަމުރުވެސް އަދި އޭގެ ފަހުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރު ނެރުނުއިރުވެސް ކުއްޖާގެ ފަރާތުން ނަގާފައިވާ ބަޔާނެއް ކޯޓަށް ހުށައަޅާފައިނުވުމަކީ އެންމެ ގިނަ މީހުންގެ ކަންބޮޑުވުމެވެ. އޭގެ ފަހުން ބަންދު މުރާޖާކުރުމަށް އެ އަންހެން މީހާގެ ފަރާތުން އެދުމުން ވެސް އަލުން ބެލުމަށްފަހު ކޯޓުން ނިންމީ އެ ބަންދުއަމުރަށް ބަދަލެއް ގެންނަން ނުޖެހޭ ކަމަށެވެ. މި މައްސަލަގެ ބަންދުގެ އަޑުއެހުން ބާއްވާފައިވަނީ ހުޅުދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށް ވިޑިއޯ ކޮންފަރެންސް މެދުވެރިކޮށް މަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ގާޒީ އެވެ.

އެ އަންހެން މީހާ ތުހްމަތުކޮށް ހައްޔަރުކުރީ ކީއްވެ؟
އަންހެން މީހާ ހައްޔަރުކުރުމާއެކު އެއީ ފްރޭމެއް ކަމަށް ބުނާ މީހުންގެ ވާހަކަތަކާއެކު އުފެދޭ ސުވާލަކީ ވަކިން ހާއްސަކޮށް އެ އަންހެން މީހާ ހައްޔަރުކުރީ ކީއްވެ ހެއްޔެ އެވެ. އެ ސްކޫލްގެ މަސައްކަތު މީހަކަށް އުޅެމުންދާތާ 27 ވަރަކަށް އަހަރު ވެފައިވާ އެ އަންހެން މީހާ ހައްޔަރުކުރީ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމަށް އެ ކުއްޖާ މަންމަ ގާތު ބުނި ދުވަހު އެ ކުއްޖާ ގޮވައިގެން ފާހަނާއަށް ދިޔަ މީހަކީ އެމީހާ ކަމަށްވާތީ އެވެ. އެހެން ނަމަވެސް މަސައްކަތު މީހެއްގެ ގޮތުގައި އެހާ ދުވަސްވަންދެން މަސައްކަތް ކޮށްފައިވާ އެ އަންހެން މީހާ ތުއްތު އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށްބުނި ވާހަކަ ބައެއް މީހުނަށް ގަބޫލުކުރަން އުނދަގޫވަނީ ފާއިތުވި ދިގު މުއްދަތުގެ ތެރޭގައިވެސް އެ ފަދަ މީހެއް ކިބައިން އެފަދަ އަމަލެއް ފާހަގަކުރެވިފައި ނެތުމެވެ.

"މިހާ ދުވަސްވީއިރު ދުވަހަކުވެސް ކުއްޖަކަށް އެ ފަދަ އަމަލެއް ހިންގި ކަމަށް ތުހްމަތުވެސް ކުރެވުނު މީހެއް ނޫން. މިއަދު އެހާ އުމުރުން ދުވަސްވީ ފަހުން ކުޑަ އަންހެން ކުއްޖަކާ އެމީހާ ބެހުނީއޭ ބުނީމަ ގަބޫލުކުރަން ދަތި. އެހެން ނޫންނަމަ މިވީ 27 ވަރަަކަށް އަހަރު ދުވަސް ތެޜޭގައިވެސް އެފަދަ ކަމެއް ކޮންމެވެސް ހިސާބަކުން ފަޅާއަރާނެ، އެކަމު ތިކަމަށް ވަކި އެއްޗެއް ބުނާކަށް ނޭނގެ،" ހައްޔަރުކުރި އަންހެން މީހާ މަސައްކަތްކުރާ ސްކޫލުން ކިޔެވި މިހާރު ގާނޫނީ ދާއިރާގައި މަސައްކަތްކުރާ މީހަކު ބުންޏެވެ.

އަންހެން މީހާގެ އަމަލާ އަހްލާގާއި އަދި އޭނާގެ ސިފަތަކުން އެފަދަ ކަމެއް ކޮށްފާނެ ކަމަށް ބައެއް މީހުނަށް ގަބޫލު ނުކުރެވުމަކީވެސް އެއީ ފްރޭމެއް ކަމަށް ގަބޫލުކުރާ މީހުންގެ އެއްވާހަކަ އެވެ.

ތުހްމަތު ކުރެވޭ މީހާ ބުނަނީ ކީކޭ؟
މި ވަގުތު އައްޑޫ ސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުގައި ބަންދުގައި ހުރި އެ އަންހެން މީހާގެ ބައެއް ވާހަކަތައް ވަނީ ހޯދިފަ އެވެ. ފުލުހުން ކުރާ ތުހްމަތައް އަންހެން މީހާ ތަކުރާރުކޮށް އިންކާރުކުރެ އެވެ. އަދި ކުއްޖާ ފާހަނައަށް ގެންދިޔަ ދުވަހު އެ ކުއްޖާ ގޮވައިގެން އެ މީހާ ދިޔަ ނަމަވެސް ކުއްޖާ ސާފުކުރަންވެސް އެމީހާ އެތެރެއަށްނުވަދެ އެވެ. އޭނާ ހުރީ ފާހަނައިން ބޭރުގައިކަން އެނގޭނެ އެ ސްކޫލް ބައެއް މީހުންވެސް އެބަ ތިބި ކަމަށް އެ އަންހެން މީހާ ބުނެބުނެއެވެ. ކުއްޖާއަށް ލިބިފައިވާ ކަމަށްބުނާ ޖިންސީ އަނިޔާތަކަށް ބަލާއިރު އެއީ އެއް ދުވަހުން އަދި ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ލިބިފައިވާ އަނިޔާތަކެއް ކަމަށް ގަބޫލު ކުރަން މީހުންނަށް އުނދަގޫވާނެ ބައެއް މައުލޫމާތު ވަނީ ލިބިފަ އެވެ. އެ ވަގުތު އަންހެން މީހާ ޖިންސީ ގޯނާކުރިނަމަ ފާހަނައިން ގޮސް އެ ކުއްޖާ އެންމެ ފުރަތަމަ އެ ވާހަކަ ކްލާސްރޫމުން ޓީޗަރު ކައިރި ނުދައްކާނެތޯ ސުވާލު އުފައްދާ މީހުން އެބަ ތިއްބެވެ. އަދި އެ ކުއްޖާ އެ ގަޑީގައި ކްލާހުގައި ނުބުނެ އިން ނަމަވެސް އަލާމާތްތައް އެ ކުއްޖާ ފުށުން އެ ވަގުތު ނުފެންނާނެތޯ ބައެއް މީހުން ސުވާލު އުފައްދަ އެވެ.

ބަންދުގައި މިހާރު ހުރި އެ އަންހެން މީހާއާމެދު ސުވާލު އުފައްދާ މީހުން ނުވަތަ ފްރޭމެއް ކަމަށް ބުނާ ބައެއް މީހުން އެެކަން ކުރީ އެ ކުއްޖާގެ ކާފަ ކަމަށް ތުހްމަތު ކުރި ނަމަވެސް އެކަމަށް ބާރުލިބޭ އެއްވެސް ހެއްކެތް މިހާތަނަށް ފެންމަތިވެފައެއްނުވެ އެވެ. އެއީ ހަމަ އެކަނި މީހުން ތުންތުން މަތިން ދައްކާ ވާހަކައެކެވެ. އެކަން ކަށަވަރުކުރުމަށް މިހާތަނަށް އެއްވެސް ތަހްގީގެއްގައި އަދި ކުއްޖާއާވެސް ސުވާލެއް ކުރެވުނު ކަމެއް ކަށަވަރެއްނުވެ އެވެ. ނަމަވެސް އެފަދަ މީހުންގެ ވާހަކަތަކުގައި ބުނަނީ އެއީ ސްކޫލެއްގެ ތެރެއިން ހިނގި ކަމަކަށްވުރެ ގާތީ ގޭތެރެއިން ގިނަ ދުވަސްތަކެއް ވަންދެން ލިބިފައިވާ އަނިޔާއެއް ކަމަށް ގަބޫލުކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ހުރި މީހާއާމެދު ކަންބޮޑުވުންތައް ހުރި ނަމަވެސް މި ބާވާތުގެ މައްސަލަތަކުގައި ކުއްޖާއަށް ޖިންސީ ގޯނާކުރި މީހާއަކީ ވަކި މީހެއް ކަމަށް ތަހްގީގު އިދާރާއަކަށް ކުއްޖާ ދޭ ބަޔާނެއްގައި ބުނާނަމަ ފްރޭމް ކުރީ ކަމަށްބުނާ ވާހަކަތަކާ މީހުން ދުރުވުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި ކުޑަކުދިންނަނަށް ޖިންސީ ގޯނާކުރުމާ ބެހޭ މައްސަލަތައް ބުރަވާނީ އިތުރު ހެއްކެތް ނަމަ ކުއްޖާ ވާހަކަތަކުގެ މައްޗަށެވެ. ނަމަވެސް އެ ވާހަކަތައް ކުއްޖާގެ ފަރާތުން ހޯދާނީ ކުއްޖާގެ ވާހަކަތައް ތެދު ދޮގު ދެނެގަނެވޭވަރުގެ ގާބިލްކަންހުރި މީހުންކުރާ ސުވާލުތަކަށްފަހު އެވެ.

މި މައްސަލައިގައި ބަންދުގައި ހުރި މީހާގެ އާއިލާ ފަރާތުން ހުރި ކަންބޮޑުވުންތަކާއެކު ގާނޫނީ ވަކީލެއްގެ އެހީތެރިކަން ވަނީ ހޯދާދީފަ އެވެ. އަދި އެނގިފައިވާ ގޮތުގައި މި މައްސަލަައިގައި ބަންދުކުރި މީހާއާމެދު އިޖްރާއީ ގޮތުން ހަދާފައިވާ ގޯސްތައް ހުރުމުން އޭނާގެ ބަންދުގެ އަމުރު ބާތިލް ކުރުމަށްޓަކައި އިސްތިއުނާފު މަރުހަލާއަށް ދިއުމަށް ދަނީ ތައްޔާރުވަމުންނެވެ.