ނިއުކާސަލް ޔުނައިޓެޑް 5-1 އިން ބަލިކުރުމަށް ފަހު ޕްރިމިއާ ލީގުގެ ހަތަރުވަނަ އަށް ޓޮޓެންހަމް އަރައިފި އެވެ.
ޓޮޓެންހަމް ލީގުގެ ހަތަރުވަނައިގައި އޮތީ 30 މެޗުން ކުޅުނު 54 ޕޮއިންޓާ އެކު އެވެ. މިއީ މިދިޔަ ސެޕްޓެމްބަރު މަހަށްފަހު ލީގުގެ ގަދަ ހަތަރަކަށް ޓޮޓެންހަމް އެރި ފުރަތަމަ ފަހަރެވެ. މިރޭގެ މެޗުން ބަލިވި ނިއުކާސަލް އޮތީ 30 މެޗުން ލިބުނު 31 ޕޮއިންޓާ އެކު ލީގުގެ 15 ވަނައިގަ އެވެ.
ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ނިއުކާސަލް އިންނެވެ. މެޗުގެ 39 ވަނަ މިނެޓްގައި މި ގޯލު ނިއުކާސަލް އަށް ކާމިޔާބުކޮށްދިނީ ފަބިއަން ޝާ އެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ބެން ޑޭވިސް ވަނީ ޓޮޓެންހަމް އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. އަދި މެޗުގެ 48 ވަނަ މިނެޓްގައި މެޓް ޑޮހާޓީ ވަނީ ޓޮޓެންހަމް އަށް ލީޑު ނަގާދީފަ އެވެ.
ޓޮޓެންހަމްގެ ތިންވަނަ ގޯލު މެޗުގެ 54 ވަނަ މިނެޓްގައި ސޮން ކާމިޔާބުކޮށްދިންއިރު، އެޓީމުގެ ހަތަރުވަނަ ގޯލު މެޗުގެ 63 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެމަސަން ރޯޔަލް އެވެ. އަދި ޓޮޓެންހަމްގެ ފަހު ގޯލު މެޗުގެ 83 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސްޓެވެން ބާގްވިން އެވެ.
ޕްރިމިއާ ލީގުގައި މިރޭ ވެސްޓްހަމް ޔުނައިޓެޑުން ވަނީ އެވަޓަންގެ މައްޗަށް 2-1 އިން ކުރި ހޯދާފަ އެވެ. މި މޮޅާއެކު ވެސްޓްހަމް އޮތީ 31 މެޗުން ލިބުނު 51 ޕޮއިންޓާ އެކު ލީގުގެ ހަވަނައިގަ އެވެ. އެވަޓަން އޮތީ 28 މެޗުން ލިބުނު 25 ޕޮއިންޓާ އެކު ލީގުގެ 17 ވަނައިގަ އެވެ.