Last Updated: July 17, 10:37
Friday, July 17, 2026
ޚަބަރު

ވަރި ގިނަ ވަނީ މައިންބަފައިން ހިތުގައި ޖައްސާތީ

ޝައިހް އިލްޔާސް ހުސެއިން - ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ދިވެހި މުޖުތަމައުގައި ވަރި ގިނަވުމުގެ އެއް ސަބަބަކީ މައިންބަފައިން ހިތުގައި ޖެއްސުން ކަމަށް ޝައިހް އިލްޔާސް ހުސެއިން ރޭ ވިދާޅުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީގެ "އިހުޔާ ފޯރަމް" ގައި އޭނާ ވިދާޅުވީ މައިންބަފައިން ނިކަމެތިކޮށްފައި ކުރިއެރުމެއް ނުލިބޭނެ ކަމަށާއި މިއަދު މުޖުތަމައުގައި ވަރި ގިނަވުމުގެ އެއް ސަބަބަކީ ވެސް މައިންބަފައިން ހިތުގައި ޖެއްސުން ކަމަށެވެ.

"އެހެން އެއްވެސް ސަބަބެއް ނެތް، މައިންބަފައިން ހިތުގައި ޖެއްސުން. އާއިލާތައް ރޫޅި، ވިއްސިވިހާލިވެ މުޅި ދިރިއުޅުމުގައި ވަނީ ދެރަ ނިކަމެތިކަން ގޮތް. ސަބަބަކީ އެމީހުން (މައިންބަފައިން) ތިބީ ލޮލުން ކަރުނަ އޮއްސަ އޮއްސާލާ." އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ މިއަދު މުސްކުޅި މަންމަ އާއި ބައްޕަ ބަލަންވުމުން ތިމަންނަގެ ޒިންމާއެއް ނޫން ކަމަށް ބުނާ ކަމަށާއި މިއަދު މައިންބަފައިން ތިބީ ބިކަހާލުގައި ޖެހިފައި ކަމަށެވެ. ނަމަވެސް ދަރިންގެ ޅަފަތުގައި ނިދި ނަގާލި މީހުންނަކީ މައިންބަފައިން ކަމަށާއި އިސްލާހުވާން އަދިވެސް ފުރުސަތު އެބައޮތް ކަމަށް އިލްޔާސް ވިދާޅުވި އެވެ.

"މި ފުރުސަތު ގެއްލިއްޖެނަމަ ދެން ހަޔާތުގައި ދުވަހަކުވެސް ފުރުސަތެއް ނުލިބި ހިނގައިދާނެ. އަވަސްވެގަންނަންވީ، އެ މައިންބަފައިންގެ ލޮލުން އޮހިގެންދިޔަ ކަރުނަ ފޮހެލަންވީ،" އިލްޔާސް ވިދާޅުވި އެވެ. "އެމީހުންގެ ދުއާ ލިބިގަންނަންވީ. ސަބަބަކީ މާތްﷲ ގެ ރުހިވޮޑިގަތުމުގައި މައިންބަފައިންގެ ރުހުން ވަނީ. މައިންބަފައިންގެ ރުހުމުގައި މާތްﷲ ގެ ރުހިވޮޑިގަތުން ވަނީ. މާތްﷲ ގެ ކޯފާ ހައްގުން ވަނީ މައިންބަފައިންގެ ނުރުހުމުގައި."

މައިންބަފައިންނަކީ ވެސް އިންސާނުން ކަމަށާއި އެމީހުންނަށް ވެސް ކުށް ކުރެވިދާނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ. ނަމަވެސް މައާފު ދޭން ތިބީ ދަރިން ކަމަށްވާއިރު އެމީހުންނަށް މައާފު ދިނުމަކީ އެންމެ ރަނގަޅު ގޮތްކަން އިލްޔާސް ފާހަގަކުރެއްވި އެވެ.