Last Updated: July 18, 17:34
Saturday, July 18, 2026
ކުޅިވަރު

ވެންހާލަށް ކެންސަރު ޖެހިއްޖެ

ޕްރޮސްޓޭޓް ކެންސަރު ނުވަތަ ކުޑަކަމުދާ ނިޒާމުގެ ބަޔަކަށް ޖެހޭ ކެންސަރު ޖެހިފައިވާކަން ނެދަލޭންޑްސްގެ ގައުމީ ޓީމުގެ ކޯޗު ލުއިސް ވެންހާލް ހާމަކޮށްފި އެވެ.

އުމުރުން 70 އަހަރުގެ ވެންހާލް މިކަން ހާމަކުރީ ނެދަލޭންޑްސްގެ ޓީވީ ޕްރޮގްރާމަކަށް ދިން އިންޓަވިއުއެއްގަ އެވެ.

ވެންހާލް ބުނީ ކެންސަރު ޖެހިފައިވާކަން އެންމެފަހުން ނިމިގެންދިޔަ އިންޓަނޭޝަނަލް ބްރޭކުގައި ކުޅުންތެރިންނަށް ވެސް އޮތީ ސިއްރުކޮށްފައި ކަމަށާއި ސަބަބަކީ ކުޅުންތެރިންގެ ކުޅުމަށް އޭގެ ސަބަބުން އަސަރު ނުކުރުވުން ކަމަށެވެ. އަދި ކުޅުންތެރިންނަށް އަބަދުވެސް ފެންނާނީ އޭނާގެ މޫނުމަތިން ހިނިތުންވުމެއް ކަމަށްވެސް ވެންހާލް ބުންޏެވެ.

"ކުޅުންތެރިން ހީކުރާނީ އަހަރެންނަކީ ވަރަށް ސިއްހަތު ރަނގަޅު މީހެއް ކަމަށް. އެކަމަކު ހަގީގަތަކީ އެއީއެއް ނޫން" ވެންހާލް ބުންޏެވެ.

ވެންހާލް ބުނީ އޭނާ އަށް ޖެހިފައިވަނީ ފުދޭވަރަކަށް ބާރުގަދަ ބާވަތެއްގެ ކެންސަރެއް ކަމަށާއި މި ބައްޔަށް 25 ފަހަރެއްގެ މަތިން މިހާރު ފަރުވާ ހޯދާފައިވާ ކަމަށެވެ.

ވެންހާލް އަށް ކެންސަރު ޖެހިފައިވާއިރު އޭނާގެ ފުރަތަމަ އަންހެނުން މަރުވެފައިވަނީ ކެންސަރު ބަލީގަ އެވެ.

މެންޗެސްޓަރ ޔުނައިޓެޑާއި، ބަޔާން މިއުނިކް، ބާސެލޯނާ އަދި އަޔެކްސް ފަދަ ޓީމުތަކަށް ކޯޗުކޮށްދީ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ވެންހާލް ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތިންވަނަ ނެދަލޭންޑްސް އަށް ހޯދާދީފަ އެވެ. އަދި މި އަހަރު ފަހުކޮޅު ގަތަރުގައި ބާއްވާ ވޯލްޑް ކަޕަށް ވެސް ނެދަލޭންޑްސް ކޮލިފައިކޮށްދީފައިވެ އެވެ.