Last Updated: June 13, 18:07
Saturday, June 13, 2026
ޚަބަރު

ލަންކާގައި ތިބި ދިވެހިންނަށް އެހީވާން ހުށަހެޅި މައްސަލަ ބޭރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ތަޅުން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަވަށްޓެރި ސްރީލަންކާގައި ތިބި ދިވެހިންނަށް އެހީވުމަށް ގޮވާލާ ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރު ކޮށްލައިފިއެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް 11 މެމްބަރުން ވޯޓު ދެއްވިއިރު، އެ ކުއްލި މައްސަލަ ބަލައިނުގަތުމަށް 44 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.

އާދަމް ޝަރީފް ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައިވަނީ ލަންކާގެ އާންމު ހާލަތު ގޯސްވެ އަސާސީ ހިދުމަތްތައް މެދުކެނޑި ކާފިއު އިއުލާނު ކޮށްފައިވާއިރު ލަންކާގައި ގިނަ ދިވެހިް ދިރިއުޅޭ ކަމަށާއި، އެމީހުންނަށްވެސް ކާބޯތަކެތި ލިބުން ދަތިވުމާ، ކަރަންޓް ދަތިވެ ގިނަ ވޭނާއި ތުރާ ތަހައްމަލު ކުރަން ޖެހިފައިވާ ކަމަށެވެ.

އަދި މިއީ ރޯދަ މަހައް ވީއިރު، ލަންކާގައި ތިބި ދިވެހިންގެ ހާލަތު ވަކިވަކިން ދުވަހުން ދުވަހަށް މޮނީޓާ ކުރުމަށާ، ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތައް ބަލާ، އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލާ ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.

އިގުތިސާދީ ގޮތުން ގައުމުގެ ހާލަތު ވަރަށް ބޮޑަށް ދަށްވެ، ލަންކާގެ ހާލަތު ގޯސްވެ ކާފިއު އިއުލާނު ކޮށްފައިވާއިރު، ކާފިއުއަށް ބެލުމެއް ނެތި އެގައުމުގައި އަންނަނީ މުޒާހަރާތައް ކުރަމުންނެވެ. އަދި އެގައުމުގެ ކެބިނެޓްވެސް ވަނީ އެއްކޮށް އިސްތިއުފާ ދީފައެވެ. އެހެންނަމަވެސް ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ނުދެއްވާކަމަށްވެސް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.