Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު ޖިންސީ ގޯނާ

އައްޑޫ ޖިންސީ ގޯނާގެ މައްސަލަ: މެމްބަރުން ފާޅުކުރީ މައްސަލަ ސިޔާސީ ކުރާކަމުގެ ކަންބޮޑުވުން

މަޖިލީިހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: މަޖިލިސް

އައްޑޫގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ފޯކަސް ގެއްލުވާލާ ސިޔާސީ ކުރުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރާކަމުގެ ކަންބޮޑުވުން މަޖިލީިހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި މެމްބަރުން ފާޅުކޮށްފިއެވެ.

މިއަދު ބޭއްވި މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ މިކަމާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާކަން ފާހަގަކޮށްފައެވެ. މި މައްސަލައަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުން އޮތް ކަމެއް ކަންވެސް ފާހަގަކުރެއްވިއެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވަނީ، މި މައްސަލަ ސިޔާސީ ކުރެވި، ވަޒީރުންނާ ދިމާލަށް ނުފޫޒުފޯރުވާކަމަށް ބުނެ ވާހަކަ ދެކެވެމުން ދާކަން ފާހަގަކޮށް، މިކަން ހިނގާދިޔަގޮތް ވީހާވެސް އަވަހަށް ކަމާބެހޭ ފަރާތްތައް ހާޒިރުކޮށްގެން ސާފުކުރުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެފައެވެ.

މިމައްސަލައާ ގުޅިގެން ވަރަށް ގިނަ ވާހަކަ ސޯޝަލްމީޑިއާގައި އަދި އެކި ގޮތްގޮތުން ދެެކެވޭ ކަމަށާއި، އެކި ފަރާތްތަކާ ދިމާލަށް އިނގިލި ދިއްކުރެވޭ ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ. އަދި ހައްޔަރުކޮށްފައިވާ އަންހެން މީހާއަކީ ދުވަސްވީ މީހަކަށްވެފައި، އޭނާއާ ދެކޮޅަށް ހުރި ކިހާވަރެއްގެ ހެކިތަކެއްކަން ދެނެގަންނަން ބޭނުންވާކަމަށްވެސް ވިދާޅުވިއެވެ.

"ފާހަގަ ކޮށްލަން، ކުދަކުދިންނާ ގުޅޭ މިކަހަލަ މައްސަލަތައް ހަގީގަތުގައި ސިޔާސީ ބޭނުމަށް ބޭނުންކުރުމަކީ އޭގެ ވަރަށް ގޯސް އަސަރެއް މިކަހަލަ މައްސަލަތަކަށް މުސްތަގުބަލުގައި ބެލުމަށްވެސް ކުރާނެ ކަމެއްކަން. ހަގީގަތުގައި މިކަހަލަ މައްސަލަތަކުގައި އެންމެ ބޮޑަށް ފޯކަސް ކުރަން މިޖެހެނީ ކުއްޖާގެ ހައްގުތައް ރައްކާތެރި ކުރުމަށް. މިހެން ލިބޭ ކޮންމެ ފުރުސަތަކީ، މިސާލަކަށް ސިޔާސީ ވާދަވެރިކަމެއް އޮންނަ ވަގުތެއްގައި ކޮންމެސް ކެނޑިޑޭޓެއްގެ ބޮލުގައި މިކަހަލަ ކަންތައްތައް އަޅުވައިގެން، މުޅި މައްސަލަ ނުވަތަށް އަނބުރާމާ އެންމެފަހުންގޮސް މީގެތެރޭގަ ކުއްޖާގެ ހައްގުތައް ގެއްލިގެން ދާހިސާބަށް ދާގޮތަށް އަމަލުކުރަން އޮންނަ ކަންކަމެއް ނޫން." ރޮޒައިނާ ވިދާޅުވިއެވެ.

މީގެއިތުރުން ރޮޒައިނާ ވިދާޅުވީ، ތަކުރާރުކޮށް ސޯޝަލްމީޑިއާގައި އަންހެން މީހާއަކީ ކުށެއް ނެތްމީހެއްކަމަށާ އޭނާ ހައްޔަރުކުރީ ސިޔާސީ ބޭނުމެއްގައި ކަމަށް އަދި ކަންކުރި މީހާ ދޫކޮށްލާފަހުރި ކަމަށް ބުނަމުންދާ ކަމަށެވެ.

ރޮޒައިނާ ވަނީ މިމައްސަލައިގައި މޯލްޑިވްސް ޕޮލިސް ސަރވިސް، ޖެންޑާ މިނިސްޓްރީ، އެޗްއާރްސީއެމް، އެޑިއުކޭޝަން މިނިސްޓްރީ އަދި އައްޑޫސިޓީ ކައުންސިލް ކޮމިޓީއަށް ހާޒިރުކޮށްގެން މައްސަލައިގެ މައުލޫމާތު ސާފުކުރުމަށް ހުށަހެޅުއްވާފައެވެ. އަދި ރޮޒައިނާ ހުށަހެޅުއްވި ގޮތަށް ބުދަ ދުވަހު އެ އިދާރާތައް މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރުކުރުމަށް އެ ކޮމިޓީން ވަނީ ނިންމާފައެވެ.

މީގެއިތުރުން ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ކޮމިޓީގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މައްސަލައިގެ ފޯކަސް ވަރަށް ބޮޑަށް ބަދަލުވެ ސިޔާސީ ވެފައިވާކަމަށެވެ. އަދި މުޒާހަރާ ކުރުމާ ސޯޝަލް މީޑިއާގައި އެކި ގޮތްގޮތަށް ހިޔާލުފާޅުކުރަމުން އަންނަކަމަށާއި، އެ މަސައްކަތްތަކަކީ ހައްޤު ހޯދުމަށް ކުރާ މަސައްކަތެއްތޯ، ނުވަތަ ވަކި އަތަކަށް މައްސަލަ އަނބުރާލަން ކުރާކަމެއްކަމަށްވެސް ވެދާނެކަމަށެވެ.

"މިގޮތަށް މައްސަލަގަ އާންމުންގެ ތެރޭގަ ބޭނުންކުރާ ކަމަށް ވެއްޖިއްޔާ، މިމައްސަލައިގަ ފުލުހުންވެސް ތަންކޮޅެއް އަވަހަށް ރައްޔިތުންނަށް ދޭންބޭނުންވާ މެސެޖް ކައިރިން ދިނުމަކީ މުހިންމު ކަމެއްކަމަށް ދެކެނީ. އެއީ މިގޮތަށް ކަންތައް ވެގެންދާއިރު، ނުހައްގުން އެތައް ބައެއްގެ ކަންކަމަށް މީގެން ނޭދެވޭ އަަސަރު ކޮށްފާނެ. އޭގެ ބަދަލުގައި އަޅުގަނޑުމެން އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ކުއްޖާއަށް." ސަނީފް ވިދާޅުވިއެވެ.

ސަނީފް ވަނީ މިމުޅި މައްސަލަ އެހެން ދިމާލަކަށް ފޯކަސް ބަދަލުވެގެން ހިނގައިދާނެކަމުގެ ބިރު އޮތްކަންވެސް ހާމަކުރައްވާފައެވެ.