Last Updated: April 25, 20:04
Thursday, April 25, 2024
ޚަބަރު

ގަން އެއާޕޯޓްގެ އީއައިއޭ ހަދާނެ ބަޔަކު ހޯދަނީ

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަން ހިންގަން ހަމަޖެހިފައިވާ މަޝްރޫއުގެ ކުރިން އެތަނުގައި ހަދަން ޖެހޭ އެންވަރަޔަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހަދާނެ ބަޔަކު ހޯދަން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އިން ބީލަމަށް ހުޅުވާލައިފި އެވެ.

އެތަނުން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 28 އާ ހަމައަށް ހުޅުވާލައިވާ ކަމަށެވެ. ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީކުރެވޭނީ މި މަހުގެ 10 އާ ހަމައަށެވެ. އަދި މިކަމާ ބެހޭ އިތުރު މައުލޫމާތު ސާފުކުރުމުގެ ފުރުސަތު މި މަހުގެ 21 އާ ހަމައަށް އޮންނާނެ އެވެ.

ގަން އެއާޕޯޓް ތަރައްގީކުރުމުގެ މި މަޝްރޫއަކީ އިންޑިއާ ސަރުކާރުގެ އެހީގައި ހިންގަން ހަމަޖެހިފައިވާ މަޝްރޫއެކެވެ. ރާއްޖޭގެ އެންމެ ދެކުނުގައި އޮތް އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރާނީ އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކަމަށެވެ. އެގޮތުން އެއާޕޯޓް ތަރައްގީ އަށް 17 މިލިއަން ޑޮލަރު ކަނޑައަޅާފައިވެ އެވެ.

އިންޑިއާ އިން ބުނެފައިވާ ގޮތުގައި މި އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަސަައްކަތް ނިމުމުން އެއާޕޯޓުގެ ޓާމިނަލުގެ ފެންވަރު އެތައް ގުނައަކުން ރަނގަޅުވެ، މި ސަރަހައްދުގައި ފާހަގަކޮށްލެވޭ ރިީޖަނަލް ހަބަކަށް ވެގެން ދާނެ، އެވެ. އެ އެއާޕޯޓް ތަރައްގީކުރަން ހިންގާ މަޝްރޫއުގެ ދަށުން އިންޓަނޭޝަނަލް ޓާމިނަލް އަޕްގްރޭޑްކުރުމާއި ޑޮމެސްޓިކް ޓާމިނަލެއް އެޅުމާއި އެ ތަންތަނާ ގުޅިފައިވާ މަގުތައް ހެދުމުގެ އިތުރަށް ސަޕޯޓް އިންފްރާސްޓްރަކްޗާ ހެދުން ހިމެނެ އެވެ.

ގަން އެއާޕޯޓް ތަރައްގީކުރަން އެންމެ ފަހުން ހިންގި މަޝްރޫއުގެ ތެރެއިން އެންމެ ފަހުން ކޮށްފައިވާ ފާހަގަކޮށްލެވޭ ބޮޑު މަސައްކަތަކީ ރަންވޭ ބޮޑުކޮށް، ކުރީގެ ރަންވޭ ރީސާފޭސްކޮށް 2016 ގައި ބޭނުންކުރަން ފެށުމެވެ.