އެމެރިކާގެ ސްޓޭޓް ޕާޓްނަޝިޕް ޕްރޮގްރާމްގައި ރާއްޖެއިން ބައިވެރިވުމުން ރާއްޖޭގެ ދިފާޢީ ދާއިރާގެ ޤާބިލްކަމާއި ހުޝިޔާރުކަން އިތުރުކުރުމަށް މަގުފަހިވާނެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އެހެން ވިދާޅުވީ މޮންޓޭނާ ނެޝަނަލް ގާޑް ސްޓޭޓް ޕާޓްނާޝިޕް ޕްރޮގްރާމްގައި ރާއްޖެން ބައިވެރިވުމާ ބެހޭ އެއްބަސްވުމުގައި ސޮއިކުރުމަށް އެމްއެންޑީއެފް އިންޓަގްރޭޓަޑް ހެޑްކުއާޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގަ އެވެ.
މާރިޔާ ވިދާޅުވީ ދުނިޔޭގެ 90 އަށް ވުރެ ގިނަ ގައުމުން ބައިވެރިވެފައިވާ އެ ޕްރޮގްރާމްގައި ރާއްޖެއިން ބައިވެރިވިކަމީ، ރާއްޖެ އާއި އެމެރިކާ ސަރުކާރާ ދެމެދު، ދިފާޢީ އަދި ސަލާމަތީ ގޮތުން އެއްބާރުލުން އިތުރުކުރަން އެކުލަވާލައި، 2020 ގައި ސޮއިކުރި ފްރޭމްވާކް އެގްރީމެންޓަށް ޢަމަލީ ސިފަ އަންނަމުންދާކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.
މާރިޔާ ވިދާޅުވި ގޮތުގައި އީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެމެރިކާ ސަރުކާރާ ގުޅިގެން ކުރެއްވި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ވޭތުވެ ދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި، ދެ ގައުމު ދިފާޢީ އަދި ސަލާމަތީ ގުޅުން އިތުރަށް ވަރުގަދަވެފައިވެ އެވެ.
By enrolling in 🇺🇸 State Partnership Program we reiterate commitment to deepening 🇲🇻🇺🇸 Def+Sec relationship which has grown tremendously over past 3 years esp since 2020 Framework Agreement: Min @MariyaDidi @USinMaldives
Dhi:https://t.co/IIe2ogqvwA pic.twitter.com/nyFuWlYKMF
— Ministry of Defence (@MoDmv) April 4, 2022
އެމެރިކާގެ މޮންޓޭނާ ނެޝަނަލް ގާޑް ސްޓޭޓް ޕާޓްނަާޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ ދިފާޢީ އަދި ސަލާމަތީ މާހައުލާ އެއްގޮތަށް ބައްޓަންކޮށްފައިވާ ޕްރޮގްރާމެއްކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ، އޭގެ ދަށުން، ރާއްޖޭގެ ސަލާމަތާ ގުޅޭ ތަފާތު ގިނަ ދާއިރާތަކުން އެއްބާރުލުން އިތުރުކުރަން މަގުފަހިވެގެން ދާނެ ކަމަށެވެ.
އެ ދާއިރާތަކުގެ ތެރޭގައި، އިންސާނީ އެހީ ފޯރުކޮށް ދިނުމާއި ކާރިސާތަކުގައި އެހީތެރިވުމާއި ލީޑަޝިޕްގެ ހުނަރު ތަރައްގީކުރުމުގެ އިތުރުން، ސައިބަސެކިއުރިޓީ އާއި ކޮމިއުނިކޭޝަން ސެކިއުރިޓީ، މެރިޓައިމް ޑޮމައިން އެވެއާނަސް، އޭވިއޭޝަން ސެކިއުރިޓީ، މިލިޓަރީ މެޑިކަލް އަދި އިންޖިނިއަރިން، އޮޕަރޭޝަނަލް ލޮޖިސްޓިކްސް އަދި ކެމިކަލް، ބަޔޮލޮޖިކަލް، ރޭޑިއޮލޮޖިކަލް، ނިއުކްލިއާ އަދި އެންވަޔަރަމެންޓަލް ޑިފެންސް އަދި ރެސްޕޮންސް ފަދަ ދާއިރާތައް ހިމެނެ އެވެ.
އެމެރިކާ ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މޮންޓޭނާ ނެޝަނަލް ގާޑުގެ މޭޖަ ޖެނެރަލް ޖޯން ރޮނިކެވެ.