Last Updated: June 13, 13:15
Saturday, June 13, 2026
ޚަބަރު

އިކްރާމް ބޮންޑޭއަށް ފާޑުކިޔުމުން ދެއްކީ ސާމްޕަލް ނަގަން އުޅުނު ކުއްޖާގެ ވާހަކަ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އާއި ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމަށް ހަސަން އެއްބޭފުޅަކު އަނެއްބޭފުޅަކަށް ފާޑުވިދާޅުވެ ބަހުގެ ހަމަލާތައް ބަދަލުކޮށްފިއެވެ.

އެގޮތުން މިއަދުގެ މަޖިލީހުގެ ޖަލްސާގައި ފޮރިން ސަރވިސްގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވާހަކަ ދެއްކުމަށް ލިބުނު ފުރުސަތުގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވަނީ އެމްޑީޕީގެ ބައެއް މެމްބަރުންނަށް ފާދުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އެގޮތުން އެމްޑީޕީ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭންގައި މިނިސްޓަރު ފައްޔާޒް އިސްމާއިލަށް ތާއީދުކޮށް އުޅުއްވާ މެމްބަރުން މަޖިލީހުގައި މިނިސްޓަރަށް ތައުރީފުކޮށް ދައްކާ ވާހަކަތަކަށް ބޮންޑޭ ފާޑުވިދާޅުވިއެވެ.

"ކޮންމެ ބޭފުޅަކު އައިސް ވަޒީރޭ، ވަޒީރޭ [ކިޔަނީ]. ހަކުރޭ، ހަކުރޭ ވެސް ގޮވިދާނެ ތިތާ ތިބެގެން. ކޮބައިތޯ ރައްޔިތުން؟ ކޮބައިތޯ މަސްވެރިން؟ މަސްވެރިންނަށް ނުފެނެއޭ، ވަޒީރޭ ފެންނަނީ މިބޭފުޅުންނަށް." ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭގެ ވާހަކައަށްފަހު މެމްބަރު އިކްރާމަށް ވާހަކަ ދައްކަން ލިބުނު ފުރުސަތުގައި އިކްރާމް ވަނީ ބޮންޑޭގެ ވާހަކަތަކާއި ގުޅިގެން ބޮންޑޭއަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އެގޮތުން އިކްރާމް ވިދާޅުވީ، ބޮންޑޭ މަޖިލީހުގައި ދައްކަވާ ވާހަކައިގެ ސަބަބުން، މެމްބަރެއްގެ ހައިސިއްޔަތުން ލަދުގަންނަ ކަމަށެވެ. މަޖިލީހަކީ އިއްޒަތްތެރި މަޖިލީހެއްކަން ފާހަގަކޮށް އިކްރާމް ވިދާޅުވީ މަޖިލީހުގައި އެެހެން މެމްބަރުންނާ ވާހަކަ ދައްކަންޖެހޭނީ އިހްތިރާމާ އެކުކަމަށެވެ.

"އެހެންނަމަވެސް ކޮންމެ ފަހަރަކު ތެދުވެ ވަޑައިގެން ހަކުރޭ އަނެކެއްޗެކޭ ކިޔައިގެން އެހެން އިއްޒަތްތެރި މެމްބަރުންނަށް [އަމާޒުކޮށް] ދައްކާވާހަކައަކީ، ހަގީގަތުގައި އިއްޒަތްތެރި މެމްބަރު ލަދުގަންނަންޖެހޭނެ. މިމަޖިލީހަށް ވަންނައިރު ކޮންމެވެސް ވަރެއްގެ އަހުލާގެއްވެސް ހުންނަންޖެހޭނެ." އިކްރާމް ވިދާޅުވިއެވެ.

އިކްރާމް ވިދާޅުވީ މެމްބަރު އިބްރާހިމް ރަޝީދުގެ ކިބައިން މެމްބަރުންގެ ހުންނަންޖެހޭ އަހުލާގު ނުފެންނަ ކަމަށެވެ.

އިކްރާމް އެގޮތަށް ވިދާޅުވުމުން ބޮންޑޭ ވަނީ ނިޒާމީ ނުކުތާ ނަންގަވާ އިކްރާމަށް ފާދުވިދާޅުވެ ރައްދު ދެއްވާފައެވެ.

"ކޮވިޑް ފެސިލިޓީއަށް ގޮއްސަ، އަންހެން ކުއްޖެއްގެ ކަންފަތްމަތީ އަޅާލީ. އިހްތިރާމު ރަނގަޅެންނު، ވަރަށް އިހުތިރާމު ކުރެވިފަ ހުރި މެމްބަރެއް. އަންހެން ކުއްޖެއްގެ ކަންފަތްމަތީ އަޅާލީ." އިކްރާމަށް ފާޑުވިދާޅުވެ ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ އެގޮތަށް ވިދާޅުވުމުން އިކްރާމް ވަނީ އެއީ އޭނާއާ ގުޅޭގޮތުން ވަރަށް ގިނަ ފަރާތްތަކުން ދައްކާ ވާހަކައެއް ކަމަށާއި، އެކަން ހިނގާދިޔަގޮތް އޭނާއަށާއި، ސާމްޕަލް ނެގި ކުއްޖާއަށް އަދި މާތްﷲ ދެނެވޮޑިގެންވާނެ ކަމަށެވެ. އަދި އެކުއްޖާ ކައިރީގައި މާފަށް އެދުނު ކަމަށްވެސް އިކްރާމް ވިދާޅުވިއެވެ. އަދި އެ ވާހަކަ އެގޮތަށް ދެއްކުމަކީ ކަންބޮޑުވާނެ ކަމެއް ނޫންކަމަށްވެސް ވިދާޅުވިއެވެ. އަދި ޒާތީ ވުމަކީ އާންމު ކަމެއް ކަމަށާއި، މެމްބަރުންނަކީ ނަމޫނާ ދައްކަންޖެހޭ ބަޔަކަށް ވާންޖެހޭ ކަމަށް އިކްރާމް ވިދާޅުވިއެވެ.