އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލެސް އަތުން 3-0 އިން އާސެނަލް ބަލިވެއްޖެ އެވެ.
މި މޮޅާއެކު ޕެލެސް އޮތީ 30 މެޗުން ލިބުނު 37 ޕޮއިންޓާ އެކު ލީގުގެ ނުވަ ވަނައިގަ އެވެ. އާސެނަލް އޮތީ 29 މެޗުން ލިބުނު 54 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގަ އެވެ.
އާސެނަލްގެ ކުރީގެ ކެޕްޓަން ޕެޓްރިކް ވިއޭރާގެ ކޯޗުކަމުގައި ކުޅޭ ކްރިސްޓަލް ޕެލެސް އިން ވަނީ ރޭގެ މެޗުގެ ފުރަތަމަ 25 މިނެޓްތެރޭ ދެ ގޯލު ކާމިޔާބުކޮށްފަ އެވެ. މި ދެ ގޯލު ޕެލެސް އަށް ކާމިޔާބުކޮށްދިނީ ޖިއަން ކާލޯސް މަޓޭޓާ އާއި ޖޯޑަން އަޔޫ އެވެ.
ދެ ވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް އާސެނަލްގެ އެމިލް ސްމިތު ރޯވް، ބުކާޔޯ ސަކާ އަދި މާޓިން އޮޑެގާޑަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެ އެވެ. މި ފުރުސަތުތަކުގެ ބޭނުން އާސެނަލް އަށް ނުހިފުނުއިރު މެޗުގެ 74 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ވިލްފްރެޑް ޒަހާ ވަނީ ޕެލެސްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. މިއީ ޒަހާ ހޯދި ޕެނަލްޓީ އެކެވެ.
މިއީ މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހަށްފަހު ޕެލެސްގެ އަމިއްލަ ދަނޑުގައި ކުޅެ އެޓީމުން ލީގުގައި ހޯދި ފުރަތަމަ މޮޅުކަން ފާހަގަކޮށްލެވެ އެވެ.
ލީގުގައި އާސެނަލް ދެން ބައްދަލުކުރާނީ ބްރައިޓަންއާ އެވެ. ޕެލެސް ނިކުންނާނީ ލެސްޓަ ސިޓީއާ ދެކޮޅަށެވެ.