Last Updated: April 25, 12:03
Thursday, April 25, 2024
ރިޕޯޓް

ހިތަދޫ ފުއްޓަރު ފަރާތް ވަރަށް ގޮނޑު!

މި ފަހުން އައްޑޫގައި އެންމެ ފޯރި ހިފި އެއް ކަމަކީ އަވަށްތަކުގައި ބީޗް ހެދުމެވެ. މިކަން ވަރަށް ބޮޑަށް ވައިގައި ހިފައި މިހާރު އައްޑޫގެ ހުރިހާ އަަވަށެއްގައި ވެސް އާންމުން އެރި އުޅޭނެ ހާއްސަ ބީޗްތަކެއް އެބަ ހުއްޓެވެ. އެކަމަކު މިތަންތަން ހަދަން އެރި ފޯރިއާ އެއްވަރަށް ނުފެންނަ ކަމަކީ އެތަންތަން ސާފުކޮށް ރީތިކޮށް ބޭއްވުމަށް ކުރެވޭ މަސައްކަތެވެ.

ހަމައެއާ އެކު ވަކި ބީޗްތަކެއް ހަދައިގެން އެތަންތަން އަދި ރަނގަޅަށް ބެލެހެއްޓުމަކުން ވެސް ނުފުދެ އެވެ. ހިތަދޫގެ ފުއްޓަރުގެ ފަރާތުން ފެންނަނީ އެ މަންޒަރެވެ. ގިރުމުގެ މައްސަލަ ވެސް ވަރަށް ބޮޑަށް ދިމާވެފައިވާ މި ސަރަހައްދުގެ ބައެއް ތަންތަން ފެންނަނީ ވަރަށް ގޮނޑުކޮށެވެ. ބޮޑަށް ސިފަ ވަނީ ކުނިއަޅަން ހާއްސަ ތަނެއްގެ ގޮތުގަ އެވެ.

އެގޮތުން ހިތަދޫގެ ފުއްޓަރު ފަރާތުގެ އެެކި ދިމާތަކަށް އެރި ބަލާލާ އިރު ނެތް ބާވަތެއްގެ ކުންޏެއް ނެތެވެ. ހާއްސަކޮށް އެކި ވައްތަރުގެ، އެކި ސައިޒްގެ ޕްލާސްޓިކް ފުޅި އެވެ. ނެޕީ އެވެ. ޕްލާސްޓިކް ކޮތަޅެވެ. ކައިފައި އުކާފައި ހުރި ބަތްޕާރުސަލްތަކެވެ. ބައެއް ދިމަދިމާތަކުގައި މިފަދަ ކުނިތައް ހުރީ ކޮތޮޅުތަކަކަށް އަޅައި ގޮނޑުދޮށާ ދިމާއަށް ޖަމާކޮށްފަ އެވެ. ބައެއް ސަރަހައްދުތަކުގައި މިފަދަ ޕާރުސަލް ތަށި އަންދައިލަން އުޅެފައި ހުރި ވެސް ފެނެ އެވެ.

ހާއްސަކޮށް ހިތަދޫ ސްކޫލް ހުރި ސަރަހައްދުން ފުއްޓަރު ފަރާތުގެ ހާލަތު ވަކިން ގޯހެވެ. އަދި ބައެއް ދިމާތަކަކުން ކުނި ކަރުގޮހޮރު ފަދަ އެއްޗެހީގެ ވަސް ވެސް އެހާ ގަދަ އެވެ. ފަހަރުގައި ވައިގަދަ ދުވަހެއްގައި މި ސަރަހައްދުން ފެތުރިގެން އަންނަ ނުބައިސްވަސްގަނޑާ ހެދި އެތައް ބަޔަކަށް އެކަމުގެ ތުރާލާ ވެސް ކުރިމަތިލާން ޖެހޭނެ އެވެ.

ހިތަދޫގެ ފުއްޓަރު ފަރާތުގެ ބައެއް ދިމާތައް ފެންނަނީ ހަމަ އެއްވެސް އަޅާލުމެއް ނެތި ދޫކޮށްލައިވާ ސަރައްދެއްގެ ގޮތުގަ އެވެ. ގިނަ ތަންތަން ގޮނޑުކަމުން އެއީ ބަޔަކު ދިރިއުޅޭ އަވަށެއްގެ ތަނެކޭ ބުނާ ވަރަށް ވުރެ ހާލަތު ގޯހެވެ. ފުއްޓަރުގެ އެކި ދިމާލުގައި އެތައް ގެއެއް ވެސް އެބަހުއްޓެވެ. އެކަމަކު ގިނަ ތަންތަން ފެންނަނީ ކުނި ވެސް ނުކަހައި، ވަރަށް މުޑުދާރުކޮށެވެ.

ގިނަ ފަހަރަށް އެ ސަރަހައްދުގައި އުޅޭ މީހުންގެ ފަރާތުން އިވެނީ ޝަކުވާތަކުގެ އަޑެވެ. ބޮޑެތި ރާޅުތައް ބިންދާ ދިމާއަކަށްވުމުން ގިރައި، ގެ ވެސް "ލުހިދާނެ" ކަމުގެ ޝަކުވާ އެވެ. އެކަމާ ބިރުން އުޅޭ ވާހަކަ އެވެ. ކައުންސިލުން މިއިން ކަމަކަށް އަޅާނުލާ ވާހަކަ އެވެ. އެކަމަކު ކުންޏާއި ގޮނޑުކަން ފެންނަން އޮތުމުން ކޮންމެ މީހެއްގެ ވެސް ހިތަށް އަރާނެ ފުރަތަމަ ސުވާލަކީ ފަރުދީ ޒިންމާ ކޮބައި ހެއްޔޭ އެވެ؟

ހިތަދޫގެ ފުއްޓަރު ފަރާތުން އެންމެ ފާހަގަކޮށްލެވުނު އެއް ކަމަކީ ގޮނޑުދޮށަށް އެރެން އެކި ހިސާބުތަކުގައި ރެއިލިން ވެސް ލައި، ސިޑި ބަހައްޓާފައި ހުރި ކަމެކެވެ. އެކަމަކު ގޮނޑުދޮށުން މި ފޭބެނީ ކުނިބުނީހެ ތެރެއަށެވެ. ހަމަ ޔަގީނުން ވެސް މިއީ ޒިންމާދާރު ކުޑަ އަމަލެއްގެ ނަތީޖާ އެވެ. ފަރުދީ ޒިންމާއެއް ނެތެވެ. އަދި މުޖުތަމައުގެ ޒިންމާ ކޮބައި ހެއްޔެވެ؟

ކަންކަމާ ހަވާލުވެގެން ތިއްބެވި ވެރިން ކޮބައި ހެއްޔެވެ؟ ހަމަ ގައިމު ވެސް ހިތަދޫގެ ފުއްޓަރު ފަރާތުގެ މި ހާލަތު އައްޑޫ ސިޓީ ކައުންސިލަށް ނޭނގިއެއް ނޯންނާނެ އެވެ.