ހިންގާލުމުގެ މާނައަކީ ޖީބަށް ބޮޑު ކުރުން ކަމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހުގައި ކުންފުނީގެ ބިލަށް ވާހަކަ ދައްކަވަމުން އަލީ އާޒިމް ވިދާޅުވީ ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކެއް މިއަދު އޮތް ކަމަށާއި، ސަރުކާރުގެ ހިއްސާ އޮތީ ކިތައް ކުންފުނިކަން އެނގޭނެ މީހުންވެސް މަދުވާނެ ކަމަށެވެ. މިވަގުތާ ހަމައަށް ސަރުކާރުގެ 36 ކުންފުނި އެބައޮތްކަމަށާއި، އޭގެތެރެއިން ރައްޔިތުންނަށް ހިދުމަތެއްދީ އެއްޗެއް ވިއްކުމަށް އޮތީ 10 ކުންފުނި ކަމަށެވެ. އަނެއް 26 ކުންފުންޏަކީ ކަމެއްކުރާ ބައެއް ނޫންކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ މިސަރުކާރުގައި "ހިންގާލަން" 12 ކުންފުނި ވުޖޫދަށް ގެނެސްފައިވާކަމަށެވެ.
"އަޅުގަނޑު ބަލާލިއިރު ޑެފިނިޝަނަކަށް ހިންގާލަން މިއޮތީ، ޖީބަށް ބޮޑު ކުރުން، ދައްކާ ވާހަކައާ ކުރާ ކަންތަކާ ދިމާނުވުން." އަލީ އާޒިމް ވިދާޅުވިއެވެ.
މީގެއިތުރުން އަލީ އާޒިމް ވިދާޅުވީ މާލޭގެ ރައްޔިތުން ބޭނުންވަނީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބުން ކަމަށާއި، އެކަމަށް މިސަރުކާރުން ތިން ކުންފުނި ހަދާފައިވާކަމަށެވެ. އެހެންނަމަވެސް މީގެން ކުންފުންޏަކުން މާލޭގެ ރައްޔިތެއްގެ ބޯހިޔާވަހިކަމަށް ކުރެވުނު ކަމެއް ނެތްކަން އާޒިމް ފާހަގަކުރެއްވިއެވެ. އަދި ނަމެއްގައި ކުންފުނިތައް ހެދުމަކީ ރައްޔިތުންނަށް ފައިދާވާނެ ކަމެއްނޫން ކަމަށްވެސް ވިދާޅުވިއެވެ.
އަލީ އާޒިމް ވިދާޅުވީ މިސަރުކާރުން އުފައްދާފައިވާ ބައެއް ކުންފުނިތަކުން ކުރާކަމެއް ސާފުނުވާ ކަމަށާއި، އެ ކުންފުނިތައް ފެންނަނީ ނަމެއްގައި ހަދާފައިވާ ތަންތަނުގެ ގޮތުގައި ކަމަށެވެ.
"ވީމާ ހިންގާލުން އަޅުގަނޑު މި މާނަކުރަނީ އަންބޮނޑި ބޮޑުކުރުން، އެ ދައްކާ ވާހަކަ ދިމާނުވުން." އަލީ އާޒިމް ވިދާޅުވިއެވެ.
މީގެއިތުރުން އުވާލަންޖެހޭ ވަރަށްގިނަ ކުންފުނިހުރިކަން ފާހަގަކޮށް އަލީ އާޒިމް ވިދާޅުވީ ކޮމިޓީން މި ބިލުގެ މަސައްކަތް ނިމިގެން އަންނައިރު އުވާލަންޖެހޭ ކުންފުނިތައް އުވާލުމުގެ ރެކޮމެންޑޭޝަން ލިބޭނެކަމަށް އުންމީދު ކުރާކަމަށެވެ.