Last Updated: June 13, 11:58
Saturday, June 13, 2026
ޚަބަރު

ކޮމިޓީތަކުގެ މަސައްކަތް އަވަސްކުރަން އެދިވަޑައިގެންފި

ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ ބިލުތައް ގިނަވެ މަސައްކަތް ލަސްވާތީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވަނި މިއަދު ބަހުސް ކުރުމަށް އެޖެންޑާ ކޮށްފައިވާ ކުންފުނީގެ ބިލާ ގުޅިގެން މަޖިލީހުގެ އިދާރާއިން އެކުލަވާލާފައިވާ ދިރާސާ ކަރުދާން މެމްބަރުންނާ ހިއްސާކުރައްވާފައިވާކަން ހާމަކުރައްވާއެވެ. އަދި އެއީ މަސައްކަތް އަވަސްކޮށް މެމްބަރުންނަށް އެހީތެރިވެދިނުމަށް ހިއްސާކޮށްފައިވާ ކަރުދާހެއްކަމަށް ވިދާޅުވިއެވެ.

ކޮމިޓީ ސްޓޭޖްގައި ގިނަ ބިލުތައް ހުރިކަން ފާހަގަކޮށް، ރައިސް ނަޝީދު ވިދާޅުވީ ކޮމިޓީތަކުގައި މިހާރު 25 ބިލު އެބަ އޮތްކަމަށާއި، މަސައްކަތްތަކުގެ ސްޕީޑު ހަލުވި ކުރުމަށް މެންބަރުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"ބިލުތައް މަޖިލީހުގެ އެކި ކޮމިޓީތަކުގައިވާ މުއްދަތު ކުޑަކުރުމަކީ، މަދުކުރުމަކީ ހުރިހާ މެންބަރުންގެ ވެސް އަމާޒަކަށްވާނެ." ނަޝީދު ވިދާޅުވިއެވެ.

ބިލުތައް ނުނިމި ކޮމިޓީތަކުގައި އޮތުމުގެ ބަދަލުގައި އަވަހަށް ބިލްތައް ނިންމާލެވޭނޭ ގޮތެއް، އަދި އެފަދަ ވިސްނުމެއް މެންބަރުން ގެންގުޅުއްވުމަކީ ބޭނުންތެރި ކަމެއް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.