Last Updated: June 13, 11:58
Saturday, June 13, 2026
ޚަބަރު

ރޮޒޭ އާޒިމަށް: "އެހެން މީހުންނަށް ވަރުބާލާކަށް ނުޖެހޭ"

މަގާމަކަށް ކުރިމަލައި ނުހޮވުމުން އެހެން މީހުންނަށް އެކަމުގެ "ވަރުބާލަން" ނުޖެހޭ ކަމަށް ވިދާޅުވެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމަށް ފާޑުވިދާޅުވެއްޖެ އެވެ.

މިއަދުގެ މަޖިލީހުގައި ކުންފުނީގެ ބިލަށް ވާހަކަ ދައްކަވަމުން ރޮޒޭ ވަނީ މި ބިލަށް ވާހަކަ ދައްކަވަމުން އާޒިމް ދެއްކެވި ވާހަކަތަކަށް ފާޑުވިދާޅުވެ ރައްދު ދެއްވައިފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކަކީ ރައްޔިތުންނަށް ވަރަށްވެސް ބޭނުން ތެރި މަސައްކަތްތަކެއް ކަމަށެވެ.
ކޮވިޑްގެ ހާލަތުން އަރައިގަނެ މިހާތަނަށް ވެސް އާދެވުނީ ވަރަށް ބައިވަރު އެހީތައް ރައްޔިތުންނާއި ވިޔަފާރިތަކަށް ވެގެން ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ބޯޑަރުތައް ހުޅުވި މަސައްކަތްތައް ކުރެވުނު ކަމަށް ރޮޒޭ ވިދާޅުވި އެވެ.

އޭނާ ވާހަކަ ދައްކަވަމުން ވަނީ މިއަދުގެ ޖަލްސާގައި މެމްބަރު އަލީ އާޒިމް ސަރުކާރަށް ފާދުވިދާޅުވެ ދެއްކެވި ވާހަކައަށް ރައްދު ދެއްވާ އާޒިމަށް ބަހުގެ ހަމަލާތައް ރައްދު ކުރައްވައިފައެވެ.

"މަގާމެއް ނުލިބުމަކީ، މިތާނގަ ކޮންމެ ދުވަހަކު ހެނދުނު ތެދުވެ ސަރުކާރާ ދިމާލަށް ހިތުހުރިހާ އެއްޗެއް ގޮވުމެއް ނޫން." ރޮޒޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ 65 ގޮނޑި ރައްޔިތުން އެމްޑީޕީއަށް ދިނީ ސަރުކާރަށް އެއްބާރުލުން ދީގެން ސަރުކާރުން ރައްޔިތުންނަށްވީ ވައުދުތައް ފުއްދުމަށް ކުރަންޖެހޭ މަސައްކަތް މަޖިލީހުން ކޮށްދިނުމަށް ކަމަށެވެ.

އިދިކޮޅަށް ދީފައިވާ ގޮނޑިތަކަކީ ސަރުކާރަށް ފާރަވެރިވެ ފާޑުކިޔުންމަށް ދީފައިވާ ގޮނޑިތަކެއްކަން ފާހަގަކޮށް ރޮޒައިނާ ވިދާޅުވީ، އެމްޑިޕީ މެމްބަރުންގެ ދައުރު މުޅިން އޮޅުވާލުމުން ކަމުނުދާ ކަމަށެވެ. އަދި އެމްޑިޕީގެ މެމްބަރުން ސަރުކާރުން ކުރާ ކަންކަން އެނގިތިބެ ރައްޔިތުންނަށް އޮޅުވާލައިގެން ވާހަކަދެއްކުމަކީ ކުރަންވާނެ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެންގެ ރޯލު އަޅުގަނޑުމެންނަށް ނޭނގިގެން އުޅޭކަންވެސް ނުޖެހޭ، އަދި މަގާމަކަށް ކުރިމަތިލައި ނުހޮވުނީމަ، ދެންތިބި މީހުންނަށް އެ ވަރުބާލާކަށްވެސް ނުޖެހޭ." އަލީ އާޒިމަށް ރައްދުދީ ރޮޒޭ ވިދާޅުވި އެވެ.

އަލީ އާޒިމަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން ރޮޒައިނާ ވަނީ ސަރުކާރަށް ފާޑުކިޔާ ވާހަކަ ދައްކަނީ ސަރުކާރުން ކުރާ ކަމެއް ނޭނގިގެންތޯ ނުވަތަ ހިތުގައި އޮތް ހަސަދަވެރިކަން ބޮޑުވެގެން "އެ އުތުރިއަރާ ބަންޑުންވެގެން ދަނީތޯ" ސުވާލު އުފައްދަވާފަ އެވެ.

އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރުކަމަށް ކުރިމަތިލާ އެ އިންތިހާބުން ބަލިވި ފަހުން އަލީ އާޒިމް އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ.

އާޒިމާ ވާދަކޮށް އެ އިންތިހާބު ކާމިޔާބުކުރީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އެވެ.