Last Updated: April 19, 11:14
Friday, April 19, 2024
ދުނިޔެ

"ފޯޓްނައިޓް" އިން ޔުކްރޭނަށް 144 މިލިއަން ޑޮލަރު

ޔުކްރޭނަށް އެހީވާން އެޕިކް ގޭމްސްގެ "ފޯޓްނައިޓް" އިން މިދިޔަ މަހު ފެށި ފަންޑަށް 144 މިލިއަން ޑޮލަރު ލިބިއްޖެ އެވެ.

މި ފަންޑް ކުރިއަށް ގެންދިޔައީ މި މިދިޔަ މަހުގެ 20 އިން މި މަހުގެ ތިނެކަށެވެ. ފަންޑް ބަންދުކުރި އިރު ޖުމްލަ 144 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް "ފޯޓްނައިޓް" އިން ބުންޏެވެ. މި ފައިސާ އަކީ މިދިޔަ މަހުގެ 20 ގައި ލޯންޗްކުރި ގޭމްގެ އާ ސީޒަނަށް ދެ ހަފުތާގެ ތެރޭގައި ލިބުނު އާމްދަނީ އެވެ.

"ފޯޓްނައިޓް" ނެރޭ ކުންފުނި އެޕިކް ގޭމްސް އިން ބުނި ގޮތުގައި ފަންޑަށް ލިބުނު މިންވަރާ މެދު ވަރަށް ހިތްހަމަޖެހެ އެވެ. އަދި ފަންޑަށް ފުރަތަމަ ދުވަހު އެކަނި ވެސް 36 މިލިއަން ޑޮލަރު ލިބުނު ކަމަށް ބުންޏެވެ.

ޔުކްރޭންގެ ރައްޔިތުންނަށް އެހީވާން އެއްކުރި ފަންޑަށް ލިބުނު ފައިސާ ހަދިޔާކުރަން ނިންމާފައި ވަނީ އދ. ގެ ރެފިއުޖީންނާ ބެހޭ ޖަމާއަތް، ޔޫއެންއެޗްސީއާރް އާއި ކުޑަކުދިންނާ ބެހޭ ޖަމިއްޔާ، ޔުނިސެފް އަދި ކާނާއާ ބެހޭ ޖަމިއްޔާ، ވޯލްޑް ފުޑް ޕްރޮގްރާމަށެވެ.

ރަޝިއާ އިން ޔުކްރޭނާ ދެކޮޅަށް ކުރާ ހަނގުރާމައާ ގުޅިގެން އެ ގައުމަށް އެހީވާން އެޕިކުން ނިންމިކަން އިއުލާންކުރީ މިދިޔަ މަހުގެ 20 ގަ އެވެ. ގޭމް ކުޅެގެން ފަންޑަށް އެހީވި ހުރިހާ ފަރާތްތަކަށް "ފޯޓްނައިޓް" އިން ވަނީ ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.