Last Updated: June 13, 11:58
Saturday, June 13, 2026
ޚަބަރު

މަޖިލީހުހެ ކޮމިޓީތަކުގެ ޕާފޯމަންސް އޮޑިޓަކަށް ލަފާދީފި

މެމްބަރު އާދަމް ޝަރީފް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ ޕާފޯމަންސް އޮޑިޓެއް ހެދުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ލަފާއަރުވައިފިއެވެ.

އާދަމް ޝަރީފް ރައީސް ނަޝީދަށް ފޮނުވާފައިވާ ސިޓީއެއްގައި ވިދާޅުވެފައިވަނީ، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާގޮތުން، ރައްޔިތުންގެ މަޖިލީހަކީ ދިވެހި ދައުލަތާއި ރައްޔިތުންގެ ކުރިއެރުމާއި ލާބައާއި މަންފާއަށްޓަކައި ބޭނުންވާ ޤާނޫނުތައް ފާސްކުރުމާއި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އުފުލަންޖެހޭ ބާރުކަމަށެވެ.

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން ތަމްސީލުކުރާ މަރުކަޒުކަން ފާހަގަކޮށް އާދަމް ޝަރީފްގެ ސިޓީގައި ވިދާޅުވެފަިއވަނީ، ސަރުކާރުގެ ބައެއް އޮފީސްތަކުގެ މަސައްކަތް ލަސްވުމާއި މިނިވަން މުއައްސަސާތަކުގެ ޤާނޫނީ ޒިންމާ އެދެވޭގޮތެއްގައި އަދާނުކުރާކަން، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ފާހަގަކުރަމުންދާ ކަމަށެވެ.

"އަދި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނާއި ޚިޔާނާތްތައް އިތުރުވެ ނުފޫޒުގެ ބޭނުންކޮށްގެން، ނަހަމަގޮތުގައި މީހުންނަށް ވަޒީފާ ދިނުމާއި ސިޔާސީ ބޭނުމަށާއި އިންތިޚާބުތައް ކާމިޔާބު ކުރުމުގެ ނިޔަތުގައި ސަރުކާރުގެ މުދަލާއި ފައިސާ، އިންތިހާއަށް ބޭނުންކުރަމުންދާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މިއަޑުތައް މަޖިލީހުގެ ތަޅުމުގައިވެސް އިވެން ފަށައިފިއެވެ. މިއީ އަޅުގަނޑު ނުހަނު ކަންބޮޑުވާ ކަމެކެވެ." އާދަމް ޝަރީފްގެ ސިޓީގައިވެއެވެ.

ސަރުކާރުގެ އޮފީސްތަކުގެ މަސައްކަތް ލަސްވުމާއި މިނިވަން މުއައްސަސާތަކުގެ ޤާނޫނީ ޒިންމާ އެދެވޭގޮތެއްގައި އަދާނުކުރުމާއި އަދި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނާއި ޚިޔާނާތްތައް އިތުރުވެ، ނުފޫޒުގެ ބޭނުންކޮށްގެން، ނަހަމަގޮތުގައި މީހުންނަށް ވަޒީފާ ދިނުމާއި ސިޔާސީ ބޭނުމަށާއި އިންތިޚާބުތައް ކާމިޔާބު ކުރުމުގެ ނިޔަތުގައި ސަރުކާރުގެ މުދަލާއި ފައިސާ ބޭނުންކުރަމުންދާކަމުގެ ޙަޤީޤަތް ދެނެގަތުމަށްޓަކައި މަޖިލީހުގެ ކޮމިޓީތަކުން މަސައްކަތް ކުރަމުންދާގޮތާއި މިންވަރު ދެނެގަންނަންޖޭ ކަމަށް އާދަމް ޝަރީފްގެ ސިޓީގައި ބުނެފައިވެއެވެ.

އެހެންކަމުން މަޖިލީހުގެ ޤާނޫނީ ޒިންމާ އަދާކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް ހިނގަމުންދާގޮތުގެ ޕާރފޯމަންސް އޮޑިޓެއް ހަދަން ފެންނަ ކަމަށް އާދަމް ޝަރީފް ފޮނުވާފައިވާ ސިޓީގައި ބުނެފައިވެއެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް ލަސްކަން ފާހަގަކޮށް މަސައްކަތްތައް އަވަސް ކުރުމަށް އެދިވަޑައިގެންފައެވެ.