Last Updated: July 18, 17:34
Saturday, July 18, 2026
ކުޅިވަރު

ގަލޮޅު ދަނޑު ތަޅާލައި އާ ސްޓޭޑިއަމެއް އަޅަނީ

ގަލޮޅު ދަނޑު ތަޅާލައި މިއަހަރު އެޅުމަށް ހަމަޖެހިފައިވާ ސްޓޭޑިއަމްގެ ކުރެހުން ދައްކާލައިފި އެވެ.

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގަލޮޅު ދަނޑު ތަޅާލާ އައު ދަނޑެއް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައި ކަމަށާއި މިއީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ބަޖެޓު ކުރެވިގެން ކުރިއަށްދާ މަސައްކަތެއް ކަމަށެވެ.

ރާއްޖޭގައި ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމަށް އިންޑިއާގެ އެގްޒިމް ބޭންކުން 40 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ހަމަޖައްސާފައިވާތީ ގަލޮޅު ދަނޑު ތަރައްގީ ކުރުމަށް ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި 55 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އަދި ދަނޑުގެ މަސައްކަތް މުޅިން ނިންމާލުމަށް އަންނަ އަހަރުގެ ބަޖެޓުގައި އިތުރު 10 މިލިއަން ރުފިޔާ ހިމެނުމަށް ވަނީ ނިންމާފަ އެވެ.

ގަލޮޅު ދަނޑުގެ ދެ ސިނޑި ބަރިއެއް ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފައިވާތީ އެ ސަރަހައްދުތައް ވަނީ ބަންދުކޮށްފަ އެވެ.

މަހްލޫފް މީގެކުރިން ވިދާޅުވި ގޮތުގައި ސަރުކާރުގެ ވިސްނުމަކީ ގަލޮޅު ދަނޑު އަވަސް އަވަހަށް މަރާމާތު ކުރުމުގެ ބަދަލުގައި އެ ދަނޑު ތަޅާލައި އާ ދަނޑެއް އެތަނުގައި އެޅުމެވެ.

އެންމެފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ބާއްވާފައިވަނީ ގަލޮޅު ދަނޑުގަަ އެވެ.