އައްޑޫ ސިޓީ ކައުންސިލުން އުފައްދާފައިވާ އަވަށު ބޯޑަކީ ގާނޫނާއި ގަވާއިދަށް އުފައްދާފައިވާ ބޯޑެ އްކަމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކަނޑައެޅުމާއި ގުޅިގެން އެމައްސަލަ އައްޑޫ ސިޓީ ކައުންސިލުން ހައިކޯޓުގައި ކުރި އިސްތިއުނާފާއި ގުޅޭ ގޮތުން ނިންމާ ނިންމުން އަންނަ އާދީއްތަ ދުވަހަށް ތާވަލްކޮށްފި އެވެ.
ހިތަދޫ މެދު ދާއިރާގެ ކައުންސިލަށް ކުރިމަތި ލައި ނާކާމިޔާބުވެ ވަޑައިގެންނެވި ހިތަދޫ، ނޫރުވާދީ، އިބްރާހީމް ރަޝީދު ވަޖުދީ ނޮވެމްބަރު 14، 2012 ގައި ހުށަހެޅި މައްސަލަ އާ ގުޅިގެން ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އަވަށު ބޯޑުތައް އުފައްދާފައި ވަނީ "ލާމަރުކަޒީ ގާނޫނުގެ 130 ވަނަ މާއްދާގެ (ހ) އާއި ރަށްރަށުގެ އަވަށު ބޯޑު އުފައްދައި ވަގުތީ ރައީސުންނާއި ނާއިބު ރައީސުން ހަމަޖައްސާފައި ގާނޫނު ނަންބަރު 2010/7 ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ގޮތުން ހިންގުމުގެ ގާނޫނާ ޚިލާފަށް ކަމަށް ވާތީ އެމަގާމުތައް އުވާލުމަށް ކޯޓުން ހުކުމް ކުރާ ކަމަށެވެ.
މި މައްސަލަ ހައި ކޯޓަށް ހުށަހަޅައި ފުރަތަމަ އަޑުއެހުން ވަނީ ޖެނުއަރި 22 ވަނަ ދުވަހު ކުރިއަށް ގެންގޮސްފައެވެ.
އައްޑޫ ސިޓީ ކައުންސިލުން ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ގަޟިއްޔާގެ ޙުކުމް ބާޠިލްކޮށް ދެއްވުމަށް އެދި ހައި ކޯޓަށް ހުށަހެޅި މައްސަލާއިގެ ފުރަތަމަ އަޑު އެހުމުގައި އިސްތިޢުނާފް ދަޢުވާ ހުށަހަޅަމުން އައްޑޫ ސިޓީ ކައުންސިލުގެ ލީގަލް އޮފިސަރު އަލްއުސްތާޒް ޙުސައިން ޙަބީބް ވަނީ އިސްތިޢުނާފީ ދެ ނުކުތާއެއް ފާހަގަކޮށްފަ އެވެ.
އަދި އެ ފަރާތުން އެދުނީ އެކަންތަކަށް ރިޢާޔަތް ކުރައްވައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ޙުކުމް ބާޠިލްކަމުގައި ކަނޑައަޅުއްވައި ދެއްވުމަށެވެ.
އިބްރާހިމް ރަޝީދު ވަޖުދީގެ ފަރާތުން އިސްތިޢުނާފް ދަޢުވާއަށް ޖަވާބުދާރީވަމުން އޭނާގެ ޤާނޫނީ ވަކީލް އަލްއުސްތާޛް އިބްރާހިމް ޝަމީލް ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލް އިން އިސްތިޢުނާފް ނުކުތާތަކުގެ ގޮތުގައި ހުށަހަޅާފައިވާ އެއްވެސް ނުކުތާއެއްގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ޤާނޫނުގެ ރޫޙާ ޚިލާފު ވަނީ ކޮން ގޮތަކަށްކަން ބަޔާންކޮށް ދެވިފައި ނުވާ ކަމަށެވެ.
އެހެންކަމުން ރަޝީދު ހުށަހެޅުއްވީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ރަނގަޅު ކަމަށް ކަނޑައަޅުއްވައި ދެއްވުމަށެވެ.
އަދި ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުމުގައި މައިގަނޑުގޮތެއްގައި ރިޢާޔަތްކޮށްފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ތަޙްޤީޤީ ރިޕޯޓްގައި ޙަވާލާ ދީފައިވާ އެލްޖީއޭގެ ދެ ސިޓީ ވެސް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހޯދައި ރަޝީދުގެ ފަރާތުން ހައިކޯޓަށް މިއަދު ހުށަހަޅާފައިވެ އެވެ.
އެ ގޮތުން އެލްޖީއޭ އިން އޭސީސީއަށް ފޮނިވި ސިޓީގައި ވަނީ "04 އޭޕްރީލް 2012 ގައި ލޯކަލް ގަވާރމަންޓް އޮތޯރިޓީ އިން ފޮނުވާފައިވާ ސިޓީގައި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ އޮފީސްތަކަށް އަވަށު ބޯޑުގެ ރައީސުންނާއި ނައިބު ރައީސުންގެ ގޮތުގައި ބަޔަކު ޢައްޔަންކޮށްފައިވާކަން އެ އޮތޯރިޓީ އަށް އެނގިފައި ނުވާ ކަމަށާއި އެފަދަ ނިޒާމެއް އުފެއްދުމަށް ހުށަހަޅާފައި ވެސް ނުވާ ކަމަށެވެ."
އެހެންކަމުން އެލްޖީއޭގެ ބަހެއް ނުހޯދާކަމަށް އައްޑޫ ސިޓީ ކައުންސިލުން ފާހަގަކުރި ނުކުތާގައި އެ ފަރާތުގެ ބަހެއް ހޯއްދެވި ނަމަވެސް ދަށު ކޯޓުގެ ނިޔާއަށް ބަދަލެއް ނާންނާނެކަން އެނގޭކަމަށާއި އެހެންކަމުން ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ޙުކުމް ބާޠިލް ކުރާނެ ތަނެއް ނެތް ކަމުގައި ކަނޑައަޅުއްވައި ދެއްވުމަށް އެދިފައިވެ އެވެ.
ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން ބަލާ މި މައްސަލާގައި ފަނޑިޔާރުން ވަނީ އައްޑޫ ސިޓީ ކައުންސިލާ ބައެއް ސުވާލުތައް ވެސް ކުރިމަތިކޮށްފަ އެވެ.
މިގޮތުން ދަށު ކޯޓުގެ ޙުކުމަށްފަހުވެސް އަވަށު ބޯޑުތަކުގެ މެމްބަރުން ދެމި ތިއްބެވިތޯ އާއި އަދި މުސާރަ ދެއްވަމުން ގެންދަވާތޯ ފަނޑިޔާރުން ސުވާލު ކުރެއްވުމުން އައްޑޫ ސިޓީ ކައުންސިލުން ބުނެފައި ވަނީ ބައެއް މެމްބަރުން އަވަށު ބޯޑުތަކުގައި އަދިވެސް ތިއްބެއްވި ކަމަށާއި އަދި މުސާރަ ވެސް ދެއްވަމުން ގެންދަވާ ކަމަށެވެ.